ޚަބަރު

"ކީރިތި ޤުރުއާނާބެހޭ 58 ގޮތްޕެއް ބިނާކުރުމުގެ މަސައްކަތް ކުރިއަށް"


  • މިހާރުވެސް 30 ރަށެއްގައި ގޮފިތައް ވަނީ ޤާއިމުކޮށްފައި

  • އިތުރު 20 ގޮތްޕެއް ތަރައްޤީކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުން

ކީރިތި ޤުރުއާނާ ބެހޭ 58 ގޮތްޕެއް ބިނާކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އަމާޒަކީ މުޅި ރާއްޖެއަށް ކީރިތި ޤުރުއާނާ ބެހޭ ގޮފިތައް ފެތުރިގެން ދިއުން ކަމަށާއި، އެކަމަށްޓަކައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން މިހާރުވެސް 30 ރަށެއްގައި ގޮފިތައް ޤާއިމުކުރެވިފައިވާ ކަމަށެވެ.

"އިތުރު 20 ރަށެއްގައި ޤުރުއާނާބެހޭ މަރުކަޒުގެ ގޮފިތައް ޤާއިމުކުރުމުގެ މަސައްކަތްތައް އެބަ ކުރިއަށްދޭ. 58 ތަނެއް ބިނާކުރުމުގެ މަސައްކަތްތައް މިހާރުވެސް އެބަ ކުރިއަށްދޭ. އަދި އިތުރު 30 ތަނެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުމަށް ވާނީ ދަންނަވާފައި." އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.

ސަރުކާރުން ޤުރުއާނުގެ ޢިލްމު ކުރިއެރުވުމަށާއި، މި މުބާރާތުގެ ހައިބަތާއި ޤަދަރު އުފުލުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނެވި ބަދަލުތައް ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މި ބަދަލުތަކުގެ ތެރެއިން އިސްލާހުކުރަންޖެހޭ ކަންކަން ދެނެގަނެ އިތުރު ބަދަލުތައް ގެންނަވާނެ ކަމަށެވެ. އަދި މި މުބާރާތަކީ ކޮންމެ ކުއްޖަކަށްވެސް އެއްވެސް މުއައްސަސާއެއްގެ ހުރަހެއްނެތި ބައިވެރިވެ ވަނަތައް ހޯދުމުގެ ފުރުސަތު ފަހިވެފައިވާ މުބާރާތެއްކަންވެސް ފާހަގަކުރެއްވިއެވެ.

ވަޒީރު ޑރ. ޝަހީމުގެ ވާހަކަފުޅުގައި ވޭތުވެދިޔަ އަހަރުތަކުގައި ނައިބު ރައީސް މި މުބާރާތް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުތަކުގައި ޚާއްޞަ އިސްކަމެއް ދެއްވައިގެން ބައިވެރިވެވަޑައިގެންނެވިކަމާއި، ކުރިން ދަރިވަރެއްގެ ހައިސިއްޔަތުންވެސް މުބާރާތުގައި ބައިވެރިވެވަޑައިގެންފައިވާތީ އެކަމަށް ޝުކުރު އަދާކުރެއްވިއެވެ. މުބާރާތުގައި ވާދަކުރާ ދަރިވަރުންނަށް ހިތްވަރުދެއްވައި، ބެލެނިވެރިން ކުރައްވާ ބުރަ މަސައްކަތްތަކަށް ވަޒީރު ވަނީ ތަޢުރީފުކުރައްވާފައެވެ.

ތަޢުލީމީ ނިޒާމުގެ ތެރެއިން ކީރިތި ޤުރުއާނަށް ލޯބިޖައްސައި، ވަކި މާއްދާއެއްގެ ގޮތުގައި ޓެސްޓު ނެގޭ މާއްދާއަކަށް ހެދުމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢާއި އެ ވުޒާރާގެ ޓީމުން ކުރައްވާ މަސައްކަތްތަކަށާއި، ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ކުރަމުންދާ މަސައްކަތްތަކަށްވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ވާހަކަފުޅުގައި ވަނީ ޝުކުރު އަދާކުރައްވައި ތަޢުރީފު ކުރައްވާފައެވެ.

ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން މި މުބާރާތުގެ އޮޑިޝަން ބުރު މި ދިޔަ ޖޫން މަހުގެ 4 އިން ފެށިގެން 15 ޖުލައި ގެ ނިޔަލަށް، މާލެއާއެކު ރާއްޖޭގެ 22 ސަރަޙައްދެއްގައި ބޭއްވިއެވެ. އޮޑިޝަން ބުރުގައި ބައިވެރިވުމަށް ހުޅުވާލި މުއްދަތުގައި ރަޖިސްޓްރީކުރި 3050 ބައިވެރިންގެ ތެރެއިން 2742 ބައިވެރިން އޮޑިޝަން ބުރުގައި ކިޔަވާފައިވެއެވެ. ސެމީ ފައިނަލް ބުރަށް ހޮވިފައިވަނީ އޭގެ ތެރެއިން 379 ބައިވެރިންނެވެ.