އެޗްއެސްސީ އަދި އެސްއެސްސީ އިމްތިހާނަށް ތައްޔާރުވާ ދަރިވަރުންނަށް ޚާއްޞަކޮށްގެން ދަނަތު ލާނިން އިން ބާއްވާ ސްޓަޑީ ކޭމްޕް، މުޅި ރާއްޖެއަށް ހުޅުވާލައިގެން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
މިމަހުގެ 14 އިން 17 އަށް ކުރިއަށްދާ މި ކޭމްޕަކީ އެއްވެސް އަގަކާ ނުލައި މުޅިން ހިލޭ ބާއްވާ ކޭމްޕެކެވެ. އަދި މިއީ ކޮންމެ ރަށެއްގައި ހުރި ދަރިވަރަކަށްވެސް ބައިވެރިވެވޭ ގޮތަށް އިންތިޒާމުކޮށްފައިވާ ޕްރޮގްރާމެކެވެ.
މި އޮންލައިން ސްޓަޑީ ކޭމްޕް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހަކު ދެ ގަޑިއިރުގެ ލައިވް ސެޝަންތަކެއްގެ ގޮތުގައެވެ. މިއީ މިދިޔަ އޮގަސްޓު މަހުގެ 11 އިން 15 އަށް ތިނަދޫ ސިޓީ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގެ 8 ސްކޫލެއްގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން ބޭއްވި ކާމިޔާބު ކޭމްޕަށްފަހު، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތިބި ދަރިވަރުންނަށް އެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ފެށި އިސްނެގުމެއް ކަމަށް ދަނަތު ލާނިންގއިން ބުނެއެވެ.
އޮންލައިން ކޭމްޕްގެ ސެޝަންތައްވެސް ކުރިއަށް ގެންދާނީ ދަނަތުގެ ތަޖުރިބާކާރު ޓީޗަރުން މެދުވެރިކޮށް ލައިވްކޮށެވެ. މި ކޭމްޕުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ ފައިނަލް އިމްތިހާނަށް ދަރިވަރުން އެންމެ ބޮޑަށް ބޭނުންވާ މުހިންމު ބައިތަކަށެވެ. އަދި މި ސެޝަންތަކާ ބެހޭ އިތުރު މަޢުލޫމާތު ދަނަތު ލާނިންގެ ސޯޝަލް މީޑިއާ ޕޭޖުތަކުންނާއި އެ ފަރާތުގެ ރަސްމީ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
ދަނަތު ލާނިންގއަކީ އެޗްއެސްސީ އަދި އެސްއެސްސީގެ ދިވެހި އަދި އިސްލާމް މާއްދާއަށް ޚާއްޞަކޮށްގެން އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގައި ތަޢާރަފުކުރި ފުރަތަމަ ޑިޖިޓަލް ލާނިން ޕްލެޓްފޯމެވެ. މިއީ ރާއްޖޭގައި މި މާއްދާތައް ހަދާ 19،000 އަށްވުރެ ގިނަ ދަރިވަރުންނަށް އަމާޒުކޮށްގެން ފަރުމާކޮށްފައިވާ ވަސީލަތެކެވެ. މުޙައްމަދު ޝަޔާން ޝިޒާން އަދި ޢަލީ ދާނިޝް ޢަބްދުﷲ އިސްނަގައިގެން އުފެއްދި "ދަނަތު ލާނިންގ" ރަސްމީކޮށް އިފްތިތާޙުކޮށްފައިވަނީ މިދިޔަ މަހުގެ 2ވަނަ ދުވަހު ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން ސީއެޗްއެސްއީ ހުޅުމާލޭގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
"ދަނަތު އުފެއްދުމުގެ މައިގަނޑު މަޤްޞަދަކީ މިހާރުގެ ދަރިވަރުންނަށް ދިމާވާ ދަތިތަކަކީ އަޅުގަނޑުމެންވެސް ތަޙައްމަލުކުރި ކަންތައްތަކަށް ވާތީ، އެކަމަށް ހައްލެއް ހޯދައިދިނުން. މި މަންސަޔާއި، އަޅުގަނޑުމެން ނެރޭ ފޮތްތަކުގެ އިތުރުން މިހާރު ކުރިއަށްދާ ސްޓަޑީ ކޭމްޕްތަކަކީ އަޅުގަނޑުމެން ކިޔެވި ދުވަސްވަރު ލިބޭނެނަމައޭ ހިތަށްއެރި ފަދަ ވަސީލަތްތަކެއް،" ދަނަތު ލާނިންގގެ ސީއީއޯ ޝަޔާން ޝިޒާން ބުންޏެވެ.
މި ޕްލެޓްފޯމުގައި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން އެންއައިއީގެ މުޤައްރަރާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ތަފްޞީލީ ނޯޓްތަކާއި، ޓޮޕިކްތަކަށް ބަހާލެވިފައިވާ ފަރިތަކުރުމުގެ ސުވާލުތަކާއި، އިމްތިޙާނަށް ތައްޔާރުވާނެ ގޮތުގެ އިރުޝާދުތައް ހިމެނެއެވެ.
މީގެ އިތުރުން، މި މަންސައިގައި ހިމެނޭ އޭއައި ވަސީލަތްތައް ބޭނުންކޮށްގެން، 2000 އަށްވުރެ ގިނަ ސުވާލު ހިމެނޭ ބޮޑު ސުވާލު ބޭންކަކުން، އެޗްއެސްސީ އަދި އެސްއެސްސީ އިމްތިޙާނުގެ ފޯމެޓާ އެއްގޮތަށް ތަފާތު މޮކް އިމްތިޙާންތައް ތައްޔާރުކޮށްދޭއިރު، ކޮންމެ ދަރިވަރަކުވެސް މާއްދާތަކަށް ހުންނަ ޝައުޤުވެރިކަމާއި ފެންވަރަށް ރިއާޔަތްކޮށް، އަމިއްލައަށް ފަރިތަކުރެވޭނެ 'ޓާގެޓް ޓެސްޓް' ތައްޔާރުކުރުމުގެ ފުރުޞަތުވެސް މި މަންސައިން ފަހިކޮށްދެއެވެ.
މި ހުރިހާ ވަސީލަތްތަކެއް ތައްޔާރުކޮށްފައިވަނީ ޤައުމީ އިމްތިހާނުތަކުގެ ޕޭޕަރު މާކުކުރުމާއި މާއްދާތައް ހިންގުމުގައި ގިނަ އަހަރުތަކެއްގެ ތަޖުރިބާ ލިބިފައިވާ ދިވެހި އަދި އިސްލާމް މާއްދާގެ މުދައްރިސުންގެ ޓީމެކެވެ. މީގެ ތެރޭގައި ރާއްޖޭގެ ފާހަގަކޮށްލެވޭ ބޮޑެތި ސްކޫލްތަކުގެ މާއްދާތަކުގެ އިސްވެރިންގެ ގޮތުގައި މަސައްކަތްކުރައްވާފައިވާ އަދި ގައުމީ އިމްތިހާންތަކުގެ ޕޭޕަރުތައް މާކުކުރުމުގައި އެތައް އަހަރެއްގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ފަންނީ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.