ޚަބަރު

އީރާނުގެ ފިޔަވަޅުތަކާމެދު ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރުން ދެބަސްވުމަކަށް!


އީރާނާ ދެކޮޅަށް އެކުވެރި ދައުލަތްތަކުން (އދ) އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ޤާނޫނީ ޞައްޙަކަމާމެދު އަދި 2015 ގެ ނިއުކްލިޔަރ އެއްބަސްވުމުގެ "ސްނެޕްބެކް" މާއްދާގެ ދަށުން ފިޔަވަޅުތައް އަލުން އެޅުމާމެދު، އދގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ފަސް މެންބަރުންގެ މެދުގައި ވަރުގަދަ ކުރިމަތިލުމެއް ހިނގައިފިއެވެ. ސެޕްޓެންބަރު 10 ގައި ބޭއްވި މި ބައްދަލުވުމުގައި ޚިޔާލުތަފާތުވި މި މާއްދާއަކީ، އީރާނުން އެއްބަސްވުމާ ޚިލާފުވެއްޖެ ޙާލަތެއްގައި، ދާއިމީ މެންބަރުންގެ ވީޓޯ ކުރުމުގެ ބާރު ފަހަނައަޅައި، އދގެ ޗާޓަރުގެ ހަތްވަނަ ބާބުގެ ދަށުން ފިޔަވަޅުތައް އަމިއްލައަށް އަލުން އިޢާދަވާ ގޮތަށް ފަރުމާކޮށްފައިވާ ނިޒާމެކެވެ.

ރަޝިއާއާއި ޗައިނާއިން ބުނީ، ނިއުކްލިޔަރ އެއްބަސްވުން ބަލައިގަތް2231 ނަންބަރު ޤަރާރުގެ މުއްދަތު 2025 އޮކްޓޫބަރު 18 ގައި ހަމަވެފައިވާ ކަމުގައެވެ. އަދި، 1737 ވަނަ ކޮމިޓީ 2015 ގައި އުވިފައިވާތީ، އޭގެ މަސައްކަތާމެދު މަޝްވަރާކުރާނެ ޤާނޫނީ ހަމައެއް ނެތް ކަމުގައި ބުނެ، ތާވަލުކުރި ބައްދަލުވުން ހުއްޓުވުމަށް ރަޝިއާއިން އިޖުރާއީ ވޯޓަކަށް އެދުނެވެ. ރިޔާސަތަށް ރިޕޯޓު ހުށަހެޅުމުގެ ބާރު ނެތް ކަމުގައި ބުނެ ޗައިނާއިން ވެސް މި ކަމަށް ތާއީދުކުރިއެވެ. އަދި، މި ފިޔަވަޅުތަކަކީ ބައިބައިވުން ބޮޑުކުރާ ކަމެއް ކަމުގައި ބުނެ، އީރާނުގެ ޞުލްޙަވެރި ނިއުކްލިޔަރ ޙައްޤުތައް ޗައިނާއިން ދިފާޢުކުރިއެވެ.

އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތް އަދި ޖަރުމަނުވިލާތް ހިމެނޭހެން ހުޅަނގުގެ ބާރުތަކުން ބުނީ، އީރާނުން އެއްބަސްވުމާ ޚިލާފުވުމާ ގުޅިގެން، ސްނެޕްބެކް ނިޒާމު ހިންގައި ދަތިކުރުމުގެ ހަ ޤަރާރެއް ޤާނޫނީ ގޮތުން އަލުން އިޢާދަކޮށްފައިވާ ކަމުގައެވެ. އެމެރިކާގެ މަންދޫބު ވިދާޅުވީ، ކޮމިޓީ އަދިވެސް ދެމިއޮތް ކަމަށާއި، އީރާނުން އެއްބަސްވުމަށް ޢަމަލުނުކުރާކަން ކަށަވަރުވާ ކަމުގައެވެ. އެޖެންޑާ ފާސްކުރުމަށް ނެގި އިޖުރާއީ ވޯޓު 11-2 އިން ކާމިޔާބުވީ، ދެ މެންބަރަކު ވަކިކޮޅަކަށް ވޯޓު ނުދިނުމުންނެވެ. އދގެ ޤަވާއިދު އޮންނަ ގޮތުން، މަދުވެގެން ނުވަ ވޯޓުން ފާސްވާ މި ފަދަ ވޯޓުތައް ވީޓޯއަކުން ހުއްޓުވައެއް ނުލެވޭނެއެވެ.

ވޯޓަށް ފަހު ރަޝިއާއިން ވަނީ، އެޓޮމިކް ހަކަތައާ ބެހޭ ބައިނަލްއަޤުވާމީ އިދާރާގެ (އައިއޭއީއޭ) ސަލާމަތީ ސިޔާސަތުގެ ދަށުގައިވާ މަރުކަޒުތަކަށް އެމެރިކާއާއި ޔަހޫދީން ހަމަލާ ދީފައިވާ ކަމުގައި ބުނެފައެވެ. ނަމަވެސް، މަދަނީ އެއްވެސް ބޭނުމެއް ނެތި، %60 އަށް މުއްސަނދިކޮށްފައިވާ 400 ކިލޯގުރާމަށް ވުރެ ގިނަ ޔުރޭނިއަމް އީރާނުން އެއްކޮށްފައިވާ ކަމުގައި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުން ބުންޏެވެ. މިއީ، 10 ނިއުކްލިޔަރ ހަތިޔާރު އުފެއްދުމަށް ފުދޭ މިންވަރެއް ކަމުގައި މަސްރަޙުގެ ދާރިސުން ބުނެއެވެ. އަދި، ބޫޝަހްރު ނިއުކްލިޔަރ މަރުކަޒު ފިޔަވައި އެހެން މަރުކަޒުތަކަށް އިންސްޕެކްޓަރުން ވަނުން އީރާނުން މަނާކޮށްފައިވާތީ، އެ ޤައުމުން ނިއުކްލިޔަރ ޕުރޮގުރާމު ކުރިއަށްގެންދަނީ ސިއްރިޔާތުގައި ކަމަށް އެމެރިކާއިން ތުހުމަތުކުރިއެވެ.