ޚަބަރު

ފުވައްމުލަކާއި އައްޑޫއަށް އޮރެންޖު އިންޒާރު!


  • ސަމާލު ނެރެފައިވަނީ 11:45 އިން މެންދުރު 13:00އަށް

  • މިގަޑިތަކުގައި ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވޭ

  • ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ

ބޯކޮށް ވާރޭވެހޭނެކަމަަށް ލަފާކޮށް ފުވައްމުލަކާއި އައްޑޫއަށް އޮރެންޖު އިންޒާރު ނެރެފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ފުވައްމުލައް ސިޓީން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް އޮރެންޖު އިންޒާރު ނެރެފައިވަނީ 11:45 އިން މެންދުރު 13:00އާ ހަމައަށެވެ.

ސަމާލު ނެރެފައިވާ ވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގުގުރާނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

އެހެންކަމުން، މި ސަރަޙައްދުގެ ރައްޔިތުން އަދި ޚާއްޞަކޮށް ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.


އޮރެންޖް އިންޒާރަކީ މޫސުން ގޯސްވުމުގެ ސަބަބުން ނެރޭ 3 ވަނަ ލެވެލްގެ އެލަރޓެވެ. މިއީ އެންމެ ނުރައްކާތެރި ޙާލަތުގައި ނެރޭ ރަތް އެލަރޓުގެ ކުރިން ނެރޭ އެލަރޓެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން ބޯކޮށް ވާރެވެހި އަދި ފެންބޮޑުވުމާ ގުޅިގެން އޮރެންޖް އިންޒާރު ނެރޭނީ، 1 ގަޑިއިރު ތެރޭ 90 މިލިމީޓަރުގެ ވާރޭ ނުވަތަ 6 ގަޑިއިރު ތެރޭ 120 މިލިމީޓަރުގެ ވާރޭ ވެހޭނެކަމަށް ލަފާކުރެވުމުންނެވެ.

މޫސުމާއިބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ކުރިއަށްއޮތް 2 ދުވަހުވެސް އާންމުކޮށް ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވާނެކަމަށެވެ. އަދި ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށް ވިދާޅުވިއެވެ.

އެހެންނަމަވެސް ރާއްޖެއަށް މިހާރު ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރަކަމުން ހޯމައިގެ ފަހުންވެސް ބައެއް ހިސާބުތަކަށް ކެރީގެ އަސަރުކުރުން އެކަށީގެންވާކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައިވާތީ، ހުރިހާ ފަރާތްތަކުންވެސް މޫސުމާގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

ވަކިން ޚާއްސަކޮށް ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން އިލްތިމާސްކުރައްވައެވެ.