ޚަބަރު

ލީގުގައި ނިއުއާއި ގައްދޫ ކުޅެން އޮތް ތާރީޚީ މެޗު ފަސްކޮށްފި


  • މެޗު މިއަދު ނުކުޅެން ނިންމީ ވިއްސާރަވުމުގެ ސަބަބުން

  • މިއީ ދިވެހި ލީގުގެ މެޗެއް މާލެއިން ބޭރުގައި ކުޅޭ ފުރަތަމަ ފަހަރު

ދިވެހި ޕްރިމިއަރ ލީގުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ގދ. ގައްދޫ ބައްދަލުކުރަން އޮތް ތާރީޚީ މެޗު ފަސްކޮށްފިއެވެ.

މި މެޗު ފަސްކުރީ ރާއްޖޭގެ ދެކުނަށް، ވަރަށް ބޮޑަށް ވިއްސާރަކުރަމުންދާތީއާއެކު، ގައްދޫއަށް ވެހެމުންދާ ވާރެއާ ގުޅިގެން މެޗު ކުޅެވޭގޮތް ނުވުމުންނެވެ.

މި މެޗު ދެން ކުޅޭނެ ސީދާ ދުވަހެއް އަދި ކަނޑައަޅާފައި ނުވެއެވެ. އަދި މެޗު ކުޅުމާގުޅޭގޮތުން މަޝްވަރާކުރަމުންދާކަމަށް "ޕީއެސްއެމް ނިއުސް" އަށް އެފްއޭއެމުން މައުލޫމާތުދީފައިވެއެވެ.

މި މެޗު ކުޅެން ތާވަލުކޮށްފައި އޮތީ މިއަދު ހަވީރު 16:00 ގައެވެ. އެހެންނަމަވެސް ވާރޭވެހި، ދަނޑުގައި ފެންބޮޑުވެފައި އޮތުމުން މެޗު ކުޅެވޭގޮތް ނުވީއެވެ.

މިއީ ރާއްޖޭގެ ތާރީޚުގައި ވެސް ދިވެހި ލީގުގެ މެޗެއް މާލެއިން ބޭރުގައި ކުޅޭ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

އެފްއޭއެމުން ރާއްޖޭގެ ފުޓުބޯޅައިގައި، އަތޮޅު ތެރޭގެ ރަށްތައް ބައިވެރިކޮށް، އޮނިގަނޑަށް ގެނައި ބަދަލާއެކު މި ސީޒަނުގެ ފުރަތަމަ ޑިވިޝަނުން އަތޮޅު ތެރޭގެ ދެ ޓީމެއް ފުރުސަތު ހޯދާފައިވެއެވެ. އެއީ ގައްދޫގެ އިތުރުން ދިއްދޫއެވެ.

މި ދެޓީމުން ފުރަތަމަ ޑިވިޝަނުގެ ފުރުސަތު ހޯދީ، އަތޮޅު ކޮލިފިކޭޝަނާއި ޒޯން ކޮލިފިކޭޝަނުގެ އިތުރުން ރީޖަނަލް ކޮލިފިކޭޝަން އަދި މާލޭގައި ކުރިއަށްދިޔަ ދިވެހި ލީގުގެ ކޮލިފިކޭޝަންގައި ނަތީޖާ ނެރެގެންނެވެ.

ލީގުގައި ގައްދޫއިން ފުރަތަމަ މެޗުގައި ނިއުރޭޑިއަންޓާ ދެކޮޅަށް އަމިއްލަ ފަސްގަނޑުގައި ކުޅެން އޮތްއިރު، އެޓީމުގެ ދެވަނަ މެޗުވެސް ކުޅެންޖެހެނީ އަމިއްލަ ދަނޑުގައެވެ. މި މަހުގެ 18ވަނަ ދުވަހު ކުޅޭ އެ މެޗުގައި ގައްދޫ ނުކުންނާނީ ކުލަބް އީގަލްސްއާ ދެކޮޅަށެވެ. އަދި އެޓީމުގެ ތިންވަނަ މެޗުގައި ޓީސީއާ ދެކޮޅަށް މި މަހުގެ 21ވަނަ ދުވަހު ކުޅެން އޮތީ ވެސް އަމިއްލަ ރަށުގައެވެ.

ގައްދޫއިން ގަލޮޅު ދަނޑުގައި ދިވެހި ލީގުގައި ކުޅޭ ފުރަތަމަ މެޗު ކުޅޭނީ އަންނަ މަހުގެ 9ވަނަ ދުވަހު، އޮޑި ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.