ޚަބަރު

ދިއްދޫގެ އަމާޒަކީ ލީގުގެ ގަދަ 4ގައި ހިމެނުން


  • ލީގަށް ވާދަކުރެވޭނެކަމަށް ކޯޗު ދެކޭ

  • ދިއްދޫއިން ވަނީ ލީގު ފެށެންވާއިރަށް ބިދޭސީ ތިން ކުޅުންތެރިން ގެނެސްފައި

މުޅިން އަލަށް ދިވެހި ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަކީ ލީގު ޓައިޓަލްއަށް ވާދަކުރެވޭ ފެންވަރުގެ ޓީމެއް ކަމަށާއި، އެޓީމުގެ އަމާޒަކީ ލީގު ނިމޭއިރު، ގަދަ 4 ޓީމުގެ ތެރޭގައި ހިމެނުންކަމަށް ޓީމުގެ ހެޑް ކޯޗު، މޫސާ އިބްރާޙީމް ބުނެފިއެވެ.

ލީގުގައި ދިއްދޫއިން ކުޅޭ ފުރަތަމަ މެޗުގައި ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށް ނުކުތުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން މޫސަ ވަނީ، ފާއިތުވީ ދުވަސްތަކުގައި ފުޓްސަލްގައި ކޯޗެއްގެ ގޮތުގައި އޭނާ ހޯދާފައިވާ ކާމިޔާބީތަކުގެ ވާހަކަ ހިއްސާކޮށްފައެވެ. އެގޮތުން، ރިސޯޓު ލީގު ފަދަ މުބާރާތްތަކުގައި، ރާއްޖޭގެ މަތީ ފަންތީގެ ކޯޗުންނާ ވާދަކޮށް، އޭނާ އިރުޝާދުދިން ޓީމުތަކާއެކު ކާމިޔާބީއާ ހަމައަށް ވާސިލުވެވުނުކަން އޭނާ ފާހަގަކުރިއެވެ.

ފުޓްސަލްގައި އެފަދަ ކާމިޔާބީތަކެއް ހޯދި ނަމަވެސް، މިއީ އެހެން ދަތުރެއްކަން ގަބޫލުުކުރާ ކަމަށާއި، އޭނާ ދެކޭ ގޮތުގައި ކޯޗެއްގެ ހައިސިއްޔަތުން އެންމެ ފުރަތަމަ ޓާގެޓެއްގެ ގޮތުގައި ކަނޑައަޅަނީ ފުރަތަމަ މެޗުން މޮޅުވުން ކަމަށެވެ. އެހެންނަމަވެސް، ކާމިޔާބީއާ ހަމައަށް ދިއުމަށް ވަގުތު ބޭނުންވާނެ ކަމަށާއި އެވަގުތު އޭނާއަށް ލިބެންޖެހޭނެކަމަށް ކޯޗު މޫސާ ބުންޏެވެ.

"މިއީ އެހެން ދަތުރެެއް. އަބަދުވެސް ފަސްޓް ޓާގެޓަކީ ފުރަތަމަ މެޗުން މޮޅުވުން. ގަބޫލުކުރަން، ޓައިމް ނަގާނެ. ލީގުގައި ހާއްސަކޮށް ބޮޑެތި ޓީމުތަކާ ދެކޮޅަށް ނުކުންނައިރު ހުންނާނެ ޕްލެޔަރުންނަށް އެ ޕްރެޝަރުވެސް. ޙާއްސަކޮށް ރަށުން ބޭރުގައި އައިސް މިހެން ޕާފޯމް ކުރާއިރު. ކުލަބުގެ ނަމަކީ ވެސް ކުޅުންތެރިންނަށް ޕްރެޝަރު ދޭނެކަމެއް. އެހެންކަމުން، ލީގު ފަށަން، ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށް ނުކުންނަން ޖެހުން އެއީ ރަނގަޅު ފުރުސަތެއް". ކޯޗު މޫސާ ބުންޏެވެ.

ލީގުގެ ގަދަ 4 ގައި ހިމެނުން އެއީ ޓާގެޓެއްގެ ގޮތުގައި ކަނޑައެޅިނަމަވެސް، އޭގެ މާނައަކީ ދިއްދޫއަކީ ލީގު ތަށްޓަށް ވާދަނުކުރެވޭވަރުގެ ޓީމެއްކަމަށް ގަބޫލު ނުކުރާކަމަށް މޫސާ ބުންޏެވެ.

"ގަދަ ހަތަރެކޭ އަޅުގަނޑު މި ބުނަނީ ކޮންމެހެން އަޅުގަނޑުމެންނަށް މި ލީގުގައި ވާދަނުކުރެވޭނެތީކީ ނޫން. އެކަމަކު ޓައިމް ނަގާނެ. އަޅުގަނޑަށް އެ ވަގުތު ދޭންވެސް ޖެހޭނެ ރާއްޖޭގެ ފުޓުބޯޅައަށް ލޯބިކުރާ އެންމެހާ ފަރާތްތައް. އަޅުގަނޑު މިއައީ އަތޮޅު މުބާރާތުން ފެށިގެން ޓީމެއް ގޮވައިގެން އެތައް ކުޅުންތެރިއަކަށް ފުރުސަތުތަކެއް ފަހިވެގެން މިދިޔައީ ފުރަތަމަ ޑިވިޝަނުގައި. އެކަމަކު ހަމަ ޓައިމް ބޭނުންވާނެ. ﷲ އިރާދަކުރެއްވިއްޔާ ދިއްދޫ ސްޕޯޓްސް އޮންނާނެ ލީގު ނިމޭއިރު ގަދަ ހަތަރު ޓީމުގެ ތެރޭގައި". ޓީމާމެދު ކުރެވޭ އުއްމީދުތަކާ ގުޅޭގޮތުން ވާހަކަދައްކަމުން މޫސާ ބުންޏެވެ.

ހަތަރު ސަރަހައްދަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ ރީޖަނަލް ލީގުގައި އުތުރުގެ ޗެމްޕިއަންކަން ހޯދައިގެން މާލެ އައިސް، ދިވެހި ލީގުގެ ކޮލިފައިންގައި ހޯދި ކާމިޔާބީއާއިއެކު ދިއްދޫ ސްޕޯޓްސް ކުލަބުން މި ސީޒަނުގެ ދިވެހި ލީގުގެ ޖާގައެއް ހޯދިއިރު، ލީގުގައި ކުޅޭ ފުރަތަމަ މެޗުގައި ދިއްދޫ ނުކުންނާނީ މިދިޔަ ސީޒަނުގެ ލީގުގެ ހަތަރުވަނަ ހޯދި ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.

މި މެޗު ކުޅޭނީ މިރޭ 21:00 ގައި ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައެވެ.