ޚަބަރު

ހަމަލާއަކާ ގުޅިގެން މިޔަންމާގެ އެއާޕޯޓުގެ އުދުހުންތައް މެދުކަނޑާލައިފި


މިޔަންމާގެ ދެވަނައަށް އެންމެ ބޮޑު ސަހަރަށް ޚިދުމަތްދޭ މޭންޑަލޭ ބައިނަލްއަޤްވާމީ އެއާޕޯޓުގެ އުދުހުންތައް މެދުކަނޑާލައިފި ކަމަށް އެ ޤައުމުގެ މައި އެއާލައިނުން ހާމަކޮށްފިއެވެ.

މި ފިޔަވަޅު އަޅާފައިވަނީ ޤައުމުގެ އަސްކަރިއްޔާއާ ދެކޮޅަށް ދިގުލައިގެން ގޮސްފައިވާ ދާޚިލީ ހަނގުރާމަ ކުރަމުންދާ ހަނގުރާމަވެރިން، މިދިޔަ ބުރާސްފަތި ދުވަހު އެ އެއާޕޯޓަށް އަމާޒުކޮށް ދިން ޑްރޯން ހަމަލާއަކާ ގުޅިގެންނެވެ.

މިޔަންމާ އެއާވޭސް އިންޓަނޭޝަނަލްގެ ރަސްމީ ފޭސްބުކް ޕޭޖުގައި ބުރާސްފަތި ދުވަހުގެ ރޭ ބުނެފައިވަނީ، މޭންޑަލޭގެ ބައިނަލްއަޤްވާމީ އެއާޕޯޓަށް ކުރާ އަދި އެ އެއާޕޯޓުން ފުރާ އެންމެހައި ބައިނަލްއަޤްވާމީ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ. އަދި އޮޕަރޭޝަނަލް ސަބަބުތަކަށްޓަކައި ވަކި ގޮތެއް އަންގަންދެން، ދާޚިލީ ދަތުރުތައް ކައިރީގައިވާ އެހެން އެއާޕޯޓަކަށް ބަދަލުކުރެވިފައިވާ ކަމަށްވެސް އެ އެއާލައިނުން ބުނެފައިވެއެވެ.

މިކަމާ ގުޅޭގޮތުން މިޔަންމާ އެއާވޭސް އިންޓަނޭޝަނަލްގެ ބެންކޮކް އޮފީހުގެ އޮފިޝަލަކު، ނަން ހާމަނުކުރުމަށް އެދި މިއަދު ވިދާޅުވީ، ސެޕްޓެމްބަރު 11 އަދި 12 ވަނަ ދުވަހު މޭންޑަލޭއަށް ކުރަން ހަމަޖެހިފައިވާ ދަތުރުތައް ކެންސަލްކޮށްފައިވަނީ އެއާޕޯޓު ބަންދުކުރުމާ ގުޅިގެން ކަމަށެވެ.

ދައުލަތުގެ މީޑިއާ، 'ގްލޯބަލް ނިއު ލައިޓް އޮފް މިޔަންމާ' އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޑިމޮކްރަސީއަށް ތާއީދުކުރާ ޖަމާޢަތެއް ކަމަށްވާ ޕީޕަލްސް ޑިފެންސް ފޯސްއިން އެއާޕޯޓަށް އަމާޒުކޮށް ފޮނުވައިލި ޑްރޯން ހަމަލާ ސަލާމަތީ ބާރުތަކުން ވަނީ ނާކާމިޔާބުކޮށްލާފައެވެ.

އަދި މި ހަމަލާގެ ސަބަބުން ދާޚިލީ ބައެއް ދަތުރުތަކަށް ވަގުތީގޮތުން ބުރޫއެރި ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ ވެހިކަލްތަކަށާއި އެއާޕޯޓުގެ ރަންވޭއަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް އެ ނޫހުގައި ބަޔާންކޮށްފައިވެއެވެ.

ނަމަވެސް، ބައެއް އެހެން މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިދިކޮޅު ހަނގުރާމަވެރިން މި ހަމަލާގައި ޚާއްޞަކޮށް އަމާޒުކޮށްފައިވަނީ އެއާޕޯޓުގައި ހުރި އަސްކަރިއްޔާގެ ހަނގުރާމަމަތީ މަޔިންދާބޯޓުތަކަށެވެ.. މި ހާދިސާއާ ގުޅޭ މަޢުލޫމާތުތައް އަމިއްލައަށް ކަށަވަރުކުރެވިފައި ނުވާކަމަށް ބައިނަލްއަޤްވާމީ ޚަބަރު ފަތުރާ ވަޞީލަތެއް ކަމަށްވާ ރޮއިޓަރސް ނޫހުން ވަނީ ބުނެފައެވެ.

މިޔަންމާގައި ހަމަނުޖެހުން ބޮޑުވެގެން ދިޔައީ ފެބްރުއަރީ 2021 ގައި އަންގް ސަން ސޫކީ އިސްކޮށް ހުންނެވި އިންތިޚާބީ ސަރުކާރު، ޢަސްކަރީ ބަޣާވާތަކުން ވައްޓާލުމާ ގުޅިގެންނެވެ. އެއާއެކު މުޅި ޤައުމުގައި އުފެދުނު އިދިކޮޅު ޙަރަކާތްތައް ވަނީ އަސްކަރިއްޔާއާއި އެކި ހަނގުރާމަވެރި ޖަމާޢަތްތަކުގެ އިތުރުން ޑިމޮކްރަސީއަށް ތާއީދުކުރާ ގުރޫޕުތަކުގެ މެދުގައި ކުރެވޭ ބޮޑު ދާޚިލީ ހަނގުރާމައަކަށް ބަދަލުވެފައެވެ.

ފަސް އަހަރުގެ އަސްކަރީ ވެރިކަމަށްފަހު، މިޔަންމާގެ ކުރީގެ އަސްކަރީ ވެރިޔާ މިން އޮންގް ހިޔަންގް ވަނީ އަސްކަރިއްޔާއިން ވާގިވެރިވާ ޤާނޫނުހަދާ މަޖިލީހުން މިދިޔަ އެޕްރީލް މަހު އެ ޤައުމުގެ ރައީސްކަމަށް އިންތިޚާބުކޮށްފައެވެ.