ޚަބަރު

ޔަހޫދީން ޣައްޒާއަށް ދިން ހަމަލާއެއްގައި ޙަމާސްގެ ކޮމާންޑަރެއް ޝަހީދުކޮށްލައިފި


ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި ޚިލާފަށް، ޔަހޫދީ ސިފައިން ޣައްޒާއަށް ދިން ނުރައްކާތެރި ޙަމަލާތަކެއްގައި ޙަމާސްގެ ކޮމާންޑަރެއް ހިމެނޭހެން ފަލަސްޠީނުގެ 3 މީހަކު ޝަހީދުކޮށްލައިފިއެވެ.

އެމެރިކާ އިސްވެ އޮވެ 2025 ވަނަ އަހަރު އެކުލަވާލި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ދެމެހެއްޓުމަށާއި ސުލްޙަ ޤާއިމުކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ކުރަމުންދާ މަސައްކަތްތަކަށް އެއްވެސް ބެލުމެއްނެތި، ޔަހޫދީ ސިފައިން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޢުދުވާންތައް އިތުރަށް ވަރުގަދަކޮށްފިއެވެ. މިގޮތުން ބުރާސްފަތި ދުވަހު ދިން ވައިގެ ޙަމަލާއެއްގައި ޙަމާސް ޖަމާޢަތުގެ އިސް ކޮމާންޑަރަކު ޝަހީދުވެފައިވާ ކަމަށް ޙަމާސްއާއި ޔަހޫދީ އަސްކަރިއްޔާއިން ވަނީ ކަށަވަރުކޮށްދީފައެވެ.

ޙަމާސްގެ އަސްކަރީ ގޮފި، ޢިއްޒުއްދީން އަލް-ޤައްސާމް ބްރިގޭޑްއިން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، ޔަހޫދީންގެ އަނިޔާވެރި ޙަމަލާގައި ޝަހީދުވެފައިވަނީ މުޙައްމަދު އަލް-ޔާޒޫރީއެވެ. އޭނާއަކީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު 7 ގައި ޔަހޫދީ އިސްތިއުމާރީ ބާރުތަކާ ދެކޮޅަށް ހިންގި "ޠޫފާނުލް އަޤްޞާ" އޮޕަރޭޝަން ރޭވުމުގައި މުހިންމު ދައުރެއް އަދާކުރި ކޮމާންޑަރެކެވެ.

ޔަހޫދީ އަސްކަރިއްޔާއާއި އެމީހުންގެ ޖާސޫސީ އިދާރާ "ޝިން ބެޓް" އިން ބުނެފައިވަނީ، ޚާން ޔޫނިސްއަށް އަމާޒުކޮށް ދިން މި ޙަމަލާގައި ޔާޒޫރީގެ އިތުރުން ޤައްސާމް ބްރިގޭޑްގެ އިތުރު ދެ މެންބަރަކުވެސް ޝަހީދުވެފައިވާ ކަމަށެވެ. އެއީ ކޮމްޕެނީ ކޮމާންޑަރެއް ކަމަށްވާ ޙުޒައިފާ މުޢައްމަރާއި މުޙައްމަދު ބަހްޖަތު ރާޝީއެވެ. ނަމަވެސް މި ދެބޭފުޅުންނާ ގުޅޭގޮތުން ޙަމާސްއިން އަދި ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.

2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ޔަހޫދީން ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާންމުގައި، މިހާތަނަށް ފަލަސްޠީނުގެ 73,000 އަށްވުރެ ގިނަ ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ. އަދި 174,000 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާއިރު، ޣައްޒާގެ ޢިމާރާތްތަކާއި އުމްރާނީ ވަސީލަތްތަކުގެ 90 އިންސައްތަ ވަނީ ޔަހޫދީންގެ ބޮމުގެ ޙަމަލާތަކުގައި ސުންނާފަތިކޮށް، ބިމާ ހަމަކޮށްފައެވެ.

2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވުނު ކަމުގައި ވިޔަސް، ޔަހޫދީ ސިފައިން ދަނީ އެއްވެސް ޖެހިލުމެއްނެތި އެއްބަސްވުމާ ޚިލާފުވެ، ޣައްޒާގެ އެކި ސަރަޙައްދުތަކަށް މެދުކެނޑުމެއްނެތި ބޮން އަޅަމުންނެވެ. މިފަދަ ޣައިރުޤާނޫނީ ޙަމަލާތަކުގެ ސަބަބުން ޣައްޒާގެ ޢާންމު ރައްޔިތުންގެ ޙާލަތު އިތުރަށް ގޯސްވެ، ފުރާނައަށް އޮތް ނުރައްކާ ވަނީ އިންތިހާއަށް ބޮޑުވެފައެވެ.