ޚަބަރު

ތަރިކަ ހިމާޔަތްކުރުން: ޖީލުތަކަށްޓަކައި އަދާކުރަންޖެހޭ ޤައުމީ ވާޖިބެއް


  • ޤައުމީ ތަރިކައިގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު 12ގައި

  • މި ދުވަސް ފާހަގަކުރަނީ ތަރިކަ ރައްކާތެރިކޮށް ތަރިކަވެރިންގެ އަގުވަޒަންކުރަން

ކޮންމެ ޤައުމެއްގެވެސް އެންމެ އަގުބޮޑު ރައުސުލްމާލަކީ އެ ޤައުމެއްގެ ތާރީޚާއި، ސަޤާފަތާއި، ޒަމާންވީ އާދަކާދަތަކެވެ. އަޅުގަނޑުމެންގެ ދިވެހިރާއްޖެއަކީ، އެތައް ހާސް އަހަރެއްގެ މުއްސަނދި ތާރީޚަކާއި، ޚާއްޞަ ސަޤާފަތަކާއި، އެހާމެ ފުރިހަމަ އިސްލާމީ ވަޙުދަތެއް އޮތް ޤައުމެކެވެ. މިއަދު އަޅުގަނޑުމެން ފަޚުރުވެރިކަމާއެކު ދައްކާ މި ވާހަކަތަކުގެ އަސްލަކީ އަޅުގަނޑުމެންގެ ކާބަފައިންގެ އަގުނުކުރެވޭ ތަރިކަތަކުގެ ވާހަކައެވެ.

މިއަދު ގައުމީ ތަރިކަ ދުވަހެއް ފާހަގަކުރުމުގެ މައިގަނޑު މަޤުޞަދަކީ، ޤައުމުގެ ތަރިކަ ރައްކާތެރިކޮށް، އަންނަން އޮތް ޖީލުތަކަށް އެ ތަރިކަ ފޯރުކޮށްދިނުމުގައި ދެމިތިބި ހީވާގި ތަރިކަވެރިންގެ އަގުވަޒަން ކުރުމެވެ.

ހަމައެއާއެކު މިފަދަ ދުވަހެއް ފާހަގަކުރާއިރު، ސަރުކާރުން ތަރިކަ ހިމާޔަތްކުރުމަށާއި، ތަރިކަވެރިންނަށް ފަހިކޮށްދެމުންދާ ފުރުޞަތުތަކަށް ބަލައިލުމަކީ ބޭނުންތެރި ކަމެކެވެ.

ތަރިކައަކީ ކޮބާ؟

ތަރިކައަކީ ހަމައެކަނި ލޮލަށް ފެންނަން ހުންނަ ގަނޑުވަރުތަކާއި، އާސާރީ މިސްކިތްތަކާއި، ޒިޔާރަތްތައް އެކަންޏެއް ނޫނެވެ. ތަރިކައިގެ ތެރޭގައި ވަޑާމުގެ މަސައްކަތްތަކާއި، ލިޔެލާޖެހި ތަކެއްޗާއި، ކާބަފައިން ބިނާކޮށްފައިވާ އާސާރީ ބިނާތައް ހިމެނެއެވެ.

ހަމައެއާއެކު އަޅުގަނޑުމެން ވާހަކަ ދައްކާ ދިވެހި ބަހާއި، ވާހަކަ ދެއްކުމުގެ ރީތިހަމަތަކާއި، ކާބަފައިންގެ އާދަކާދަތަކާއި ހުނަރުތަކަކީވެސް ޒަމާންވީ ތަރިކައިގެ ތެރޭގައި ހިމެނިދާނެ ކަންތައްތަކެވެ.

ތަރިކަ ހިމާޔަތްކުރުމަށް ސަރުކާރުން އެޅުއްވި މުހިންމު ފިޔަވަޅުތައް:

ދިވެހި ތާރީޚާއި ސަޤާފަތް ރައްކާތެރިކުރުމަށާއި، ތަރިކަ ހިމާޔަތްކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވާ ކަންތައްތަކެވެ. މިގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުތަކުގައި ހުރި ތަރިކަތައް ރައްކާތެރިކަމާއެކު ފަތުރުވެރިން ޝައުޤުވެރިވާނެ ގޮތަކަށް ހުށައެޅުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. ވަކިން ޚާއްސަކޮށް ބޮޑުތިލަދުންމަތީގައި ހުރި ތަރިކަތައް ހިމާޔަތްކޮށް، އާމްދަނީ ހޯދަން ޕްލޭންތައް އެކުލަވާލާފައިވާއިރު، މިއީ ދެމެހެއްޓެނިވި ގޮތެއްގައި ތަރިކަތައް ބެލެހެއްޓުމަށް މަގުފަހިވާނެ ކަންކަން ކަމާމެދަކު ޝައްކެއް ނެތެވެ.

މީގެ އިތުރުން ތަރިކައާ ބެހޭ ދިރާސާތައްކޮށް، އެކަމާ ގުޅޭ ޢިލްމުތައް ފުޅާކުރުމަށް "ދިވެހި ގައުމިއްޔަތުގެ އިސްވަރު"ގެ ނަމުގައި ޚާއްސަ ކޮލެޖެއް ވަނީ އިފްތިތާޙުކޮށްފައެވެ. ތަރިކައާ ގުޅުންހުރި މުހިންމު ޢިލްމުތައް ފެތުރުމަށާއި، އެއާގުޅޭ ލިޔެކިޔުންތައް އުފެއްދުމަށް އިފްތިތާޙުކޮށްފައިވާ މި އިދާރާގެ އިތުރުން ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒެއްވެސް ވަނީ އުފައްދަވާފައެވެ.

މީގެއިތުރުން އަތޮޅުތަކުގެ ރަށްރަށުގައި ތަރިކަވެރިން އުފައްދައި، ތަރިކައިން އާމްދަނީ ލިބޭނެ މަގުފަހިކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެެވެ.

ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް:

ދިވެހި ޤައުމިއްޔަތު އިއާދަކުރުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ ފުރަތަމަ ރިޔާސީ ބަޔާނުގައި ވެވަޑައިގެންނެވި އެންމެ މުހިންމު އެއް ވަޢުދުފުޅެކެވެ. އަދި މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވަނީ ދިވެހި ޤައުމިއްޔަތުގެ ދާއިރާއަށް ޚާއްސަ އިސްކަމެއް ދެއްވައި، ތަރިކައިގެ ދާއިރާއިގެ ދިރާސާތައް ކުރެވޭނެ މަގު ފަހިކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.

ދިވެހި ތަރިކައިގެ ޢިލްމު އުފައްދާ، ދާއިރާއަށް ބޭނުންވާ ޤާބިލު ތަރިކަވެރިން ބިނާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ސިގްނޭޗަރ ރިސާރޗު ޕްރޮގްރާމުގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް ދަނީ ކުރިއަށް ގެންދަމުންނެވެ.

ތަރިކަ ރައްކާތެރިކުރުމުގައި ދިމާވާ ގޮންޖެހުންތައް

ސަރުކާރުން ގިނަ ފުރުޞަތުތަކެއް ފަހިކޮށްދީފައިވީ ނަމަވެސް، އަދިވެސް މި ދާއިރާގައި ގޮންޖެހުންތަކެއް އެބަހުއްޓެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ގިރަމުންދާ ރަށްތަކުގައި ހުރި އާސާރީ ތަންތަނަށް ލިބޭ ގެއްލުންތަކާއި، ޒަމާނީ ތަރައްޤީގެ ނަމުގައި ކުރާ ބައެއް އިމާރާތް ކުރުންތަކުގެ ސަބަބުން ތާރީޚީ ތަންތަން ނެތިދިއުމުގެ ބިރު އަދިވެސް އެބައޮތެވެ.

ހަމައެއާއެކު ޒުވާން ޖީލުގެ މެދުގައި ހުޅަނގުގެ ސަޤާފަތްތަކަށް އޮންނަ ލޯބި އިތުރުވެ، އަމިއްލަ މާޒީއާމެދު އޮންނަ ޝައުޤުވެރިކަން ކުޑަވުމަކީ ވެސް ބޮޑު ގޮންޖެހުމެކެވެ.

ދިވެހީންގެ ތަރިކަ ހިމާޔަތްކުރުމަކީ، ކޮންމެ މީހެއްގެވެސް ގައުމީ އަދި ދީނީ ވާޖިބަކަށް ހަދަންޖެހެއެވެ. ސަބަބަކީ، އަމިއްލަ ތާރީޚާއި ސަޤާފަތް ގެއްލިއްޖެ ޤައުމެއްގެ މިނިވަންކަމާއި އިސްތިޤުލާލު ދެމެހެއްޓުމަކީ ދަތި ކަމަކަށް ވާނެތީއެވެ.