ޚަބަރު

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު


  • ސަމާލު ނެރެފައިވަނީ ކ. އަތޮޅުން އދ. އަތޮޅަށް

  • ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވާނެ

ބޯކޮށް ވާރޭވެހި، ވައި ގަދަވާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފިއެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން އދ. އަތޮޅަށެވެ.

ރީނދޫ ސަމާލު ނެރެފައިވަނީ 07:30 އިން 11:30 އަށެވެ. މެޓުން ވިދާޅުވީ ބޯކޮށް ވާރޭވެހި، ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން މިމަހުގެ 11،12 އަދި 13ވަނަ ދުވަހުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާކަމަށްވެސް ވިދާޅުވިއެވެ. މޫސުމާބެހޭ ގައުމީ އިދާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ހުޅަނގުމޫސުމުގެ ވިއްސާރައާއި ގުޅިގެން ރާއްޖެ ސަރަޙައްދުގައި ގިނަ އަދަދަކަށް ވިއްސާރަވިލާ އުފެދެމުން ދިއުމުގެ ފުރުސަތު ބޮޑުކަމަށެވެ.

މިއަދު މޫސުން ލަފާކުރާގޮތަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށާއި، ކަނޑުތައް ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ. މާލޭގެ މަގުތަކުގައި ފެންބޮޑުވަމުންދާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ދަނީ ކުރަމުންނެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ ދެކުނުން ގއ، ގދ، ފުވައްމުލައް ސިޓީ އަދި އައްޑޫސިޓީގެ ރަށްތަކަށް ބޯކޮށް ވާރޭވެހި އެކިވަރުގެ ގެއްލުންތައް ލިބި ދަނީ ރިޕޯޓް ކުރަމުންނެވެ. އެގޮތުން ވިއްސާރައިގައި އައްޑޫސިޓީ ފޭދޫގެ ގިނަ އަދަދެއްގެ ގެތަކަށް ފެންވަދެ ގެއްލުން ލިބިފައިވެއެވެ.

މޫސުން ގޯސްވެ، ވިލާގަނޑުގައި ވައިގަދަވާނެ ކަމަށް ލަފާކުރެވޭތީ، ރައްޔިތުންނާއި ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.