ޚަބަރު

ލުބްނާންގައި ޔަހޫދީން ހިންގާ އުދުވާން: އެއް އަވަށުން 30 އަށްވުރެ ގިނަ ގޮވުން


ޔަހޫދީ ސިފައިން ލުބްނާނުގެ ދެކުނުގެ އަވަށެއް ކަމުގައިވާ އަލް-މަންޞޫރީގެ ރައްޔިތުން ދިރިއުޅޭ ގެދޮރަށާއި އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިވާ ކަމަށާއި، އެ އަވަށުން 30 އަށްވުރެ ގިނަ ބާރުގަދަ ގޮވުމުގެ ރިޕޯޓުތައް ލިބިފައިވާ ކަމުގައި ލުބްނާންގެ ރަސްމީ ނޫސް އޭޖެންސީ ހާމަކޮށްފިއެވެ. ލުބްނާންގެ ދެކުނުގެ ސަރަހައްދުތަކުގައި ހިންގަމުންދާ ޢުދުވާންތައް ފުޅާކޮށް ޔަހޫދީ ފައުޖުން ދީފައިވާ ހަމަލާތަކުގައި އަލް-މަންޞޫރީ އަވަށުގެ ގިނަ އަދަދެއްގެ ގެދޮރު ސުންނާފަތި ކޮށްލާފައިވާ ކަމުގައި މަސްދަރުތަކުން ބުނެއެވެ. އެ އަވަށަށް ގޮވާތަކެތި ބަރުކޮށްފައިވާ ކޮންޓެއިނަރެއް ވައްޓައިލާ މަންޒަރު ފެނިފައިވާ ކަމުގައި ވެސް ލުބްނާންގެ ނޫސް އޭޖެންސީން ރިޕޯޓު ކުރެއެވެ. އާޓިލަރީ ބަޑި ބޭނުންކޮށްގެން ވެސް ޔަހޫދީ ސިފައިން ވަނީ އެ އަވަށަށް ހަމަލާދީފައެވެ.

ޔަހޫދީ ދައުލަތުގެ ސަރަޙައްދީ ރޮނގާ ކައިރީގައި އޮންނަ ލުބްނާނުގެ ދެކުނުގެ އެހެން ސަރަހައްދުތަކަށް ބަލާއިރު، ޞޫރު، ނަބަޠިއްޔާ، ބިންތު ޖުބައިލް އަދި މަރްޖަޢޫން ޑިސްޓްރިކްޓްގެ އެކި ސަރަޙައްދުތަކަށް ވެސް ޔަހޫދީ ފައުޖުގެ އަސްކަރީ މަތިންދާބޯޓުތަކުން ވަނީ ހަމަލާދީފައެވެ. ހަމަމިއާއެކު. މީގެ އިތުރުން، ޚިޔާމްގައި ގޮއްވާލި ބާރުގަދަ ގޮވުމެއްގެ ސަބަބުން ކައިރި އަވަށްތަކުގެ އިމާރާތްތަކުގެ ކުޑަދޮރުތައް ތަޅައިގެން ގޮސްފައިވާއިރު، ޑްރޯނަކުން އާންމުންގެ ގެތަކަށް ގޮވާތަކެތި ވައްޓާލުމުގެ ސަބަބުން ބައެއް ސަރަހައްދުތަކުގައި އަލިފާންރޯވި ކަމުގައި ވެސް ލުބްނާންގެ މަޞްދަރުތަކުން ބުނެއެވެ. ނަމަވެސް، މި ހަމަލާތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވިކަމުގެ ރިޕޯޓެއް ކޮށްފައެއް ނެތެވެ.

ސެޕްޓެންބަރު 11 ވަނަ ދުވަހު ވެސް ޔަހޫދީ ފައުޖުން ވަނީ ލުބްނާންގެ އެކި ސަރަޙައްދުތަކަށް ނިރުބަވެރި ހަމަލާތަކެއް ދީފައެވެ. އެ ހަމަލާތައް އަމާޒުކޮށްފައި ވަނީ ލުބްނާންގެ ދެކުނުގައި ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކުގައި ހުރި ގެދޮރަށާއި، މަދަރުސާތަކަށާއި، އަދި އެ ސަރަޙައްދުގެ އުމްރާނީ ވަސީލަތްތަކަށެވެ. މާރިޗު މަހުގެ 2 ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން ލުބްނާނަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި، 4،400 މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. އަދި، އިތުރު 12،500 މީހުން ޒަޚަމްކޮށްލާފައިވާ ކަމުގައި، ލުބްނާން ސަރުކާރުގެ ރަސްމީ ތަފާސްހިސާބުތަކުން ހާމަވެއެވެ.