ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް މާދަމާ ވެސް މޫސުން ގޯސްވެ، ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭތީ ކަނޑުދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވިދާޅުވި ގޮތުގައި މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއި، ރާއްޖޭގެ ދެކުނުގައި އުފެދިފައިވާ ސާކިއުލޭޝަނަކާ ގުޅިގެން ކުރަމުންދާ ވިއްސާރައެކެވެ. މިގޮތުން މާދަމާވެސް ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވެއެވެ.
މުޅި ރާއްޖެއަށްވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މިވަގުތުވެސް ވަނީ ހުދު ސަމާލު ނެރެފައެވެ. ހުދު ސަމާލު ނެރެފައިވަނީ މިރޭ 8 ޖެހުމާ ހަމައަށެވެ. ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
The Alert White over the country has been extended until 8:00pm tonight. pic.twitter.com/ubuDniMYzo
— Maldives Meteorology (@MetMaldives) September 13, 2026
މެޓު އޮފީހުން ވިދާޅުވީ މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އުތުރާއި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެއެވެ. އަދި ވިލާގަނޑުގައި ހުރިހާ ސަރަހައްދަކަށްވެސް ގަޑިއަކު 40 މޭލާއި 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ހާމަކޮށްފައެވެ.
މީގެއިތުރުން، ރާއްޖޭގެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭތީ، ހުރިހާ ފަރާތްތަކުން ވެސް އަދި ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އީދާރާތަކުން އިލްތިމާސްކުރެއެވެ.
މެޓް އޮފީހުން އިތުރަށް ލަފާކުރާ ގޮތުގައި މި ވިއްސާރަ މި މަހުގެ 17 ވަނަ ދުވަހާ ހަމައަށް ދެމިގެންދާނެއެވެ. ނަމަވެސް މާދަމައިން ފެށިގެން އާންމު ވައި މަޑުމަޑުން ދަށްވަމުންދާނެ ކަމަށާއި، މޫސުން އެއްކޮށް އަލިވާނެ ކަމަށް ބެލެވެނީ މި މަހުގެ 17 ގެ ފަހުންނެވެ.
ބޯކޮށް ވާރޭވެހުމުގެ ސަބަބުން ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައް ވެސް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭތީ، ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ. ވަކިން ހާއްސަކޮށް، ކަނޑު ދަތުރަށް ފުރުމުގެ ކުރިން އެންމެ ފަހުގެ މޫސުމީ މަޢުލޫމާތު ހޯދުމަށާއި، ސަލާމަތީ ފިޔަވަޅުތައް ފުރިހަމަކުރުމަށް ވަނީ އަންގާފައެވެ.