ޔަހޫދީން ފާހަގަކުރާ އައު އަހަރުގެ މުނާސަބަތާ ދިމާކޮށް ފަލަސްޠީނުގެ މުސްލިމުންނަށް ހަރުކަށި ފިއްތުންތަކެއް ކުރިމަތިކުރުމަށްފަހު، އިސްތިޢުމާރުކޮށްފައިވާ އިރުމަތީ ޤުދުސްގައި ހުންނަ މަސްޖިދުލްއަޤްޞާގެ ހަރަމްފުޅަށް 600 އެއްހާ ޣައިރުޤާނޫނީ ޔަހޫދީ ވަޒަންވެރިން ގަދަކަމުން ވަދެގަނެ، ލާއިންސާނީ ޖަރީމާތަކެއް ހިންގައިފިއެވެ. ޔަހޫދީ ސަލާމަތީ ބާރުތަކުގެ ޙިމާޔަތުގައި، ހެނދުނާއި މެންދުރުފަހުގެ ވަގުތުގައި، މަޣާރިބާ ދޮރޯށި މެދުވެރިކޮށް އެ މާތް ބިމަށް 593 ވަޒަންވެރިން ގަދަބާރުން ވަދެގަނެފައިވާ ކަމުގައި ޤުދުސް ގަވަރުނަރޭޓުން ހާމަކުރެއެވެ.
މީގެ އިތުރުން، ފަތިސް ނަމާދުގެ ޖަމާޢަތުގައި ބައިވެރިވުމަށް މަސްޖިދުލްއަޤްޞާއަށް ދިޔަ މުސްލިމުންނަށް ވެސް ޔަހޫދީ ސިފައިން ހުރަސްއަޅާފައިވާ ކަން ޤުދުސް ގަވަރުނަރޭޓުން ހާމަކުރިއެވެ. އަދި، ޔަހޫދީ ސިފައިންނާއި ފުލުހުން ވަކި އުމުރުތަކެއްގެ މީހުން މިސްކިތަށް ވަނުމަށް ހުރަސްއަޅާފައިވާ ކަމުގައި ވެސް އެ އިދާރާއިން ބުނެއެވެ. މީގެ ސަބަބުން އެތައް ސަތޭކަ ބަޔަކަށް މިސްކިތަށް ނުވަދެވި، ބޭރުގައި ނަމާދުކުރަން މަޖުބޫރުވި ކަމުގައި މަޞްދަރުތަކުން ބުނެއެވެ.
އެތައް ސަތޭކަ ޣައިރުޤާނޫނީ ޔަހޫދީ ވަޒަންވެރިންތަކެއް މަސްޖިދުލްއަޤްޞާއަށް ވަދެގަނެފައި މި ވަނީ، މިސްކިތަށް ވަދެގަނެ، ލާއިންސާނީ ޖަރީމާތައް ހިންގުމަށް ޔަހޫދީންގެ ހައްދުފަހަނައެޅި ޓެމްޕަލް ޖަމާޢަތުން ގޮވައިލާފައިވާ ދަނޑިވަޅެއްގައެވެ. އެ ތަނުގެ ތާރީޚީ އަދި އިސްލާމީ ހައިސިއްޔަތު ބަދަލުކޮށް، "އައު ހަޤީޤަތެއް" ޤާއިމުކުރުމަށް ވަޒަންވެރިން މަސައްކަތްކުރާ ކަމުގައި ޤުދުސް ގަވަރުނަރޭޓުން އިންޒާރުދިނެވެ. އަދި، އުރުދުންގެ އިސްލާމީ ވަޤުގުގެ އެންގުންތަކަށް ގޮންޖަހައި، 2003 ވަނަ އަހަރުން ފެށިގެން ޣައިރުޤާނޫނީ ޔަހޫދީ ވަޒަންވެރިން މަސްޖިދުލްއަޤްޞާއަށް ވަދެގަނެ ޖަރީމާތައް ހިންގާފައިވާއިރު، 850 އަށްވުރެ ގިނަ ފަހަރު މުސްލިމުންނަށް މިސްކިތަށް ވަނުމަށް ހުރަސްއަޅާފައިވާ ކަމުގައި މަޞްދަރުތަކުން ބުނެއެވެ.
މި އުދުވާނާ އެކުއެކީގައި، ފަލަސްޠީނުގެ ބިންތަކުގައި ޣައިރުޤާނޫނީ ވަޒަންވެރި އާބާދުކުވުމަށް ވެސް ޔަހޫދީ ދައުލަތުން ދަނީ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަމުންނެވެ. މި ގޮތުން، އިސްތިޢުމާރު ކޮށްފައިވާ ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދުސްގައި 18،000 އަށް ވުރެ ގިނަ ހައުސިންގ ޔުނިޓު އެޅުމަށް 153 ޕްލޭނެއް 2026 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން ކުރިއަށް ގެންގޮސްފައިވާ ކަމުގައި ފަލަސްޠީނުގެ ކޮލޮނައިޒޭޝަން އެންޑް ވޯލް ރެސިސްޓެންސް ކޮމިޝަނުން ބުންޏެވެ.
މީގެ ތެރޭގައި ހުޅަނގު އައްސޭރީގެ 12،300 ޔުނިޓާއި އިރުމަތީ ޤުދުސްގެ 5،783 ޔުނިޓު ހިމެނެއެވެ. ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫގެ ސަރުކާރުން 2022 ވަނަ އަހަރުގެ ފަހުން އައު 104 ސަރަޙައްދެއްގައި ޔަހޫދީން ވަޒަންވެރިކުރުވަން ފާސްކޮށްދީފައިވާއިރު، މިއީ 1967 ވަނަ އަހަރުން ފެށިގެން އިސްތިޢުމާރު ކޮށްފައިވާ ބިންތަކުން ފަލަސްޠީނު މީހުން ގެދޮރު ގެއްލުވައިލުމަށް ހިންގަމުންދާ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު ޖާރީމާއެކެވެ.