ޚަބަރު

ފަތުރުވެރިކަން އިޝްތިހާރުކުރުމަށް 2 އެއާލައިނަކާއެކު އެމްއޯޔޫއެއް


  • އެ ދެ އެއާލައިނާއަކީ، އެމިރޭޓްސް އަދި ގަތަރު އެއާވޭސް

  • ޖޮއިންޓް މާކެޓިން ކެޕޭންތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވޭ

  • ޓްރެވަލް ޓްރޭޑް މަސައްކަތްތަކުގައި ގުޅިގެން މަސައްކަތްކުރުމަށް ހަމަޖެހިފައިވޭ

ބައިނަލްއަޤްވާމީ ބޮޑެތި މާކެޓުތަކުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް، ވިޒިޓް މޯލްޑިވްސްއިން 2 އެއާލައިނަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އެ ދެ އެއާލައިނާއަކީ، އެމިރޭޓްސް އަދި ޤަތަރު އެއާވޭސްއެވެ.

އޭޓީއެމް ފެއާ 2026ގެ ތެރެއިން ވަކިވަކިން ބޭއްވި 2 ރަސްމިއްޔާތުގައި ވިޒިޓް މޯލްޑިވްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، އެ ކޯޕަރޭޝަންގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ ޔާސިރެވެ. އެމިރޭޓްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ، އެ ކުންފުނީގެ ސީނިއަރ ވައިސް ޕްރެޒިޑެންޓް- ކޮމާޝަލް އޮޕަރޭޝަންސް އީސާ ސުލައިމާން އަޙްމަދެވެ. އަދި ޤަތަރު އެއާވޭސް ގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ، އެ ކުންފުނީގެ ވައިސް ޕްރެޒިޑެންޓް، އެފްރިކާ ގްލޯބަލް ލެޝަރސޭލްސް ހެންޑްރިކް އަބްރަހަމް ޑު ޕްރީޒެވެ.

މި އެއްބަސްވުމުގެ ދަށުން، ވީއެމްސީއާއި އެމިރޭޓްސް އަދި ވީއެމްސީއާއި ޤަތަރު އެއާވޭސް ގުޅިގެން ޑެސްޓިނޭޝަން މާކެޓްކުރުމަށާއި، ޓްރެވަލް ޓްރޭޑް މަސައްކަތްތަކުގައި ގުޅިގެން މަސައްކަތްކުރުމަށް ހަމަޖެހިފައިވެއެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އަބްދުالله ޔާސިރު ވިދާޅުވީ ފަތުރުވެރިކަން ކުރިއެރުވުމަށް އެއަރ ކަނެކްޓިވިޓީއާ ގުޅިގެން މަސައްކަތްކުރުމަކީ މުހިންމުކަމެއްކަމަށެވެ.

އެގޮތުން، ދުނިޔޭގެ އެންމެ ބޮޑު އެއާލައިންތަކުގެ ތެރޭގައި ހިމެނޭ، އެއާލައިންތަކާއެކު މަސައްކަތްކުރެވުމަކީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ލިބޭ އިތުރު ފުރުސަތެއްކަމަށް ވިދާޅުވިއެވެ.

ޔާސިރު ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ދެފަރާތުން ގުޅިގެން ޖޮއިންޓް މާކެޓިން ކެޕޭންތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން މިމަހުން ފެށިގެން އަންނަ އަހަރުގެ ސެޕްޓެންބަރަށް ކުރިއަށްގެންދާ މި ޖޮއިންޓް މާކެޓިން ކެމްޕެއިންގެ ތެރެއިން ވެބިނާ ހިންގުމާއި ތަފާތު މާކެޓިން ކެމްޕެއިންތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަން ޔާސިރު ފާހަގަކުރެއްވިއެވެ. ޔާސިރު ވިދާޅުވީ، މިއީ ބޭރުގެ ފަރާތްތަކުން ރާއްޖެއަށް އޮންނަ ޝައުގުވެރިކަން އިތުރުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަމަށެވެ.

"މިއަދު މި ކުރެވުނު އެއްބަސްވުމަކީ ދެފަރާތް ގުޅިގެން ޖޮއިންޓް މާކެޓިން ކެމްޕޭންތަކެއް ކުރުމަށް. މިއަހަރުގެ ސެޕްޓެމްބަރުން އަންނަ އަހަރުގެ ސެޕްޓެމްބަރަށް. މި ޖޮއިންޓް މާކެޓިން ކެމްޕެއިންގެ ތެރޭގައި އެކީގައި ވެބިނާސް ހިންގުމާއި، އެކި ވައްތަރުގެ މާކެޓިން ކެޕެއިންސް ކުރިއަށްގެންދިއުން ހިމެނޭ. މި މަސައްކަތްތަކަކީ މިއީ ބޭރުގެ ފަރާތްތަކުން ރާއްޖެއަށް އޮންނަ ޝައުޤުވެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކެއް". ޔާސިރު ވިދާޅުވިއެވެ.

އޭޓީއެމް ފެއާގެ ތެރެއިން ވަކިވަކިން ބޭއްވި 2 ރަސްމިއްޔާތުގައިވެސް ފަތުރުވެރިކަމާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ނިޔާޒް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަން ޢަބްދުﷲ ގިޔާސް ރިޔާޒްގެ އިތުރުން އެ ކޯޕަރޭޝަންގެ ޗީފް އޮޕަރޭޓިން އޮފިސަރ ސަބީހާ އަޙްމަދު މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.