އެސްއެމްއީ ޑިޖިޓަލްއިން ދޫކޮށްފައިވާ ކޮންވެންޝަނަލް ލޯނުތައް އިސްލާމިކް ފައިނޭންސިންގ ފެސިލިޓީތަކަށް ބަދަލުކުރުމަށްޓަކައި ބާއްވާ ހާއްސަ "ރީފައިނޭންސިންގ އޯޕަން ޑޭ" މި ހިނގާ ސެޕްޓެމްބަރު މަހުގެ 19 ވާ ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.
މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެ ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 4:00 އަށް، ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗްގައެވެ.
މި އޯޕަން ޑޭގެ މައިގަނޑު މަގުސަދަކީ އެސްއެމްއީ ޑިޖިޓަލްގެ ކަސްޓަމަރުންނަށް މިހާތަނަށް ދޫކޮށްފައިވާ ކޮންވެންޝަނަލް ލޯނުތައް އެންމެ ދުވަހެއްގެ ތެރޭގައި އިސްލާމިކް ފައިނޭންސިންގ ފެސިލިޓީތަކަށް ބަދަލުކޮށްދިނުމެވެ. މި ބަދަލަކީ އެސްއެމްއީ ޑިޖިޓަލް އަކީ ފުރިހަމަ އިސްލާމިކް ފައިނޭންސް ފޯރުކޮށްދޭ މާލީ އިދާރާއަކަށް ބަދަލުވުމަށް ކުރަމުންދާ މުހިންމު މަސައްކަތުގެ ބައެކެވެ.
ލޯނުތައް އިސްލާމީ އުސޫލަށް ބަދަލުކުރުމުން ކަސްޓަމަރުންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި އިސްލާމީ ޝަރީއާގެ އުސޫލުތަކާ އެއްގޮތަށް އައު ފެސިލިޓީއެއް އެކުލަވާލުން ފައިސާ އަނބުރާ ދެއްކުމަށް ދިގު މުއްދަތެއް ހަމަޖެހިގެންދިޔުން މަހުން މަހަށް ދައްކަންޖެހޭ އަދަދު ކުރިއަށްވުރެ ކުޑަވުން ހިމެނެއެވެ.
މީގެ އިތުރުން، އެކި ސަބަބުތަކާހުރެ ގަވާއިދުން ފައިސާ ދެއްކުމަށް ދަތިވެފައިވާ ފަރާތްތަކަށް ވެސް މިކަމުގެ ސަބަބުން ބޮޑު ލުޔެއް ލިބޭނެއެވެ. އެގޮތުން އައު އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން ކުރިއަށް އޮތް 6 މަސްދުވަހު ގަވާއިދުން ފައިސާ ދައްކައިގެން، އެ ފަރާތްތަކުގެ ކްރެޑިޓް ރިކޯޑު ރަނގަޅު ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިއީ ކުރިމަގުގައި އެސްއެމްއީ ޑިޖިޓަލްއިން އިތުރު ފައިނޭންސިންގ ހޯދުމަށް މަގުފަހިވެގެންދާނެ ކަމެކެވެ.
އެސްއެމްއީ ޑިޖިޓަލްއިން މީގެ ކުރިން ވެސް ކާމިޔާބު ކަމާއެކު ދެ އޯޕަން ޑޭ ބާއްވާފައިވާއިރު، އެ ހަރަކާތްތަކުގައި ވެސް ގިނަ އަދަދެއްގެ ކަސްޓަމަރުން ބައިވެރިވެ، ފެސިލިޓީތައް ބަދަލުކުރުމަށް އެހީތެރިކަން ހޯދާފައިވެއެވެ.