މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ތަފާތު އެކި ޕްލެޓްފޯމްތަކުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ މޭސްތިރިކަމުގެ ވައްޓަފާޅިއަށް ތަޢުރީފުކުރެއްވިއެވެ. އެ މަނިކުފާނުގެ ވާހަކަފުޅުތަކުން ހާމަވިކަމަކީ، މެލޭޝިޔާއިން ރާއްޖެ ބަލައިގަންނަނީ އުސޫލުތަކާއި އަގުތަކުގައި ސާބިތުވެ އޮތް، ހައްގު ބަސް ބުނުމުގައި ފަސްނުޖެހޭ ޤައުމެއްގެ ގޮތުގައިކަމެވެ. ހަމައެހެންމެ ރާއްޖެ ބަދަލުކޮށްލުމަށް ރައީސް މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރާއި، އެމަނިކުފާނުގެ އިޚްލާޞްތެރިކަމަށް އިތުބާރުކުރައްވާކަން ހާމަކުރައްވާފައިވެއެވެ.
ބޮޑުވަޒީރު އަންވަރު، ރައީސް މުޢިއްޒުއަށް އެންމެ ބޮޑަށް ތަޢުރީފުކުރެއްވި އެއް ސަބަބަކީ ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމްކުރުމަށް ބާރުއަޅާ، ރާއްޖެއިން ފަސްޖެހުމެއް ނެތި އަޑުއުފުލަމުން ވަޑައިގަންނަވާތީ އެވެ.
ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެތެރެއިން، ދެ ޤައުމު ވެރިން ދެއްްވި ގުޅިފައިވާ ބަޔާނުގައި މެލޭޝިއާގެ ބޮޑުވަޒީރު ވިދާޅުވީ، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް ކުރާ މަސައްކަތަކީ ދެ ޤައުމުގެވެސް ހިތްތަކާއި ގުޅިލާމެހިފައިވާ ހައްސާސް މައްސަލައެއްކަމަށެވެ. އަދި ރާއްޖެފަދަ ކުޑަ ޤައުމަކުން ފާޅުގައި ނުކުމެ ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރުމުގައި ދައްކާފައިވާ ހިތްވަރަށް އެ މަނިކުފާނު ވަނީ ތަޢުރީފުކުރައްވާފައެވެ. ބޮޑުވަޒީރު އަންވަރު އިބްރާހީމް ރައީސް މުޢިއްޒު ސިފަކުރެއްވީ އިންސާފުގެ އަޑު އިއްވާ، އިންސާނީ ޙައްޤުތަކާއި މިނިވަންކަމުގެ ދިފާއުގައި އިހްލާސްތެރިކަމާއެކު މަސައްކަތްކުރައްވާ ބޭފުޅެއްގެ ގޮތުގައެެވެ.
"އިއްޔެ އަޅުގަނޑު އިސްތިއުމާރުގެ ވާހަކަ ދެއްކިން. އަޅުގަނޑުމެން އެންމެންނަކީވެސް އިސްތިއުމާރާ ދެކޮޅަށް ހަނގުރާމަކުރި ބައެއް. އެކަމަކު އިސްރާއީލުން ފަލަސްޠީނު އިސްތިއުމާރު ކުރަމުންދާއިރު، އެކަމާ ދެކޮޅަށް ވާހަކަދައްކައި އިންސާފަށް އެދެން ގިނަ ބަޔަކު ތިބީ ތައްޔާރަކަށް ނޫން،" ބޮޑުވަޒީރު ވިދާޅުވިއެވެ.
ދުނިޔޭގެ އެހެން ތަންތަނުގައި އިންސާނީ ޙައްޤުތަކާއި ޑިމޮކްރަސީގެ ވާހަކަ ދައްކާ ފަރާތްތަކުން، ޣައްޒާގައި ކޮންމެ ދުވަހަކު ހިންގަމުންދާ ގަތުލުއާންމުތަކަށް ހިތްވަރުދެމުންދާއިރު، ރާއްޖެއިން ފަލަޞްތީނުގެ ހައްގުގައި އަޑު އުފުލުމަށް ފަހަތަށް ނުޖެހޭކަން އެ މަނިކުފާނު ފާހަގަކުރެއްވީ ފަޚުރުވެރިކަމާއެކުގައެވެ. މި މައްސަލައިގައި، ދިވެހި ސަރުކާރުން ގެންގުޅުއްވާ ސާބިތު ސިޔާސަތަށް ޝުކުރު އަދާކުރައްވައި، މެލޭޝިޔާއިންވެސް އެކަމުގައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނުވަނީ އަރުވާފައެވެ.
ބޮޑުވަޒީރު އަންވަރު އިބްރާހީމް ވަނީ އިސްރާއީލުގެ ޕާސްޕޯޓު ގެންގުޅޭ މީހުން ރާއްޖެއަށް އެތެރެވުން މަނާކުރުމަށް ދިވެހި ސަރުކާރުން ނިންމި ނިންމުމަކީ ހިތްވަރުގަދަ ނިންމުމެއްކަމަށްވެސް ފާހަގަކުރައްވާފައެވެ. މިއީ އިންސާފާއި މިނިވަންކަމަށް މަސައްކަތްކުރުމުގައި ރާއްޖޭގެ އިޚުލާސްތެެރިކަން ދައްކުވައިދޭކަމެއްކަމަށް ބޮޑުވަޒީރު އަންވަރު ސިފަކުރެއްވިއެވެ.
"އަޅުގަނޑު ރައީސާއި ސަރުކާރުގެ މި ނިންމުމަށް މަރުޙަބާ ކިޔަން. މިއީ ހަމައެކަނި އަޅުގަނޑުމެންގެ ހިތްތަކާ ގުޅިފައިވާ ކަމެއް ނޫން، މިއީ އިންސާފާއި މިނިވަންކަމާ ގުޅިފައިވާ ކަމެއް. އެހީތެރިވުމުގައި އަޅުގަނޑުމެން ދެމިތިބޭނަން،" މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބޮޑުވަޒީރު ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، ފަލަސްޠީނުގައި އިސްރާއީލުން ހިންގަމުންދާ އިސްތިއުމާރީ ހަރަކާތްތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ މުޖުތަމައުން ތެދުވަންޖެހޭ ކަމަށެވެ. އަދި އިސްތިއުމާރީ އަޅުވެތިކަމާ ދެކޮޅަށް ކުރިން ހަނގުރާމަކުރި ބައެއް ޤައުމުތަކުން، ފަލަސްޠީނުގެ ބިންތަކަށް އިސްރާއީލުން ވެރިވެގަނެގެން އުޅޭ މައްސަލައިގައި ވާހަކަދައްކަން ފަސްޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ދެ ޤައުމުގެ ދެމެދުގައި ބޭއްވެވި ރަސްމީ ބައްދަލުވުންތަކުގައިވެސް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވަނީ ރައީސް ޑރ.މުޢިއްޒުގެ ކިބައިން ފެނިވަޑައިގަތް ޚިކުމަތްތެރި ލީޑަރޝިޕްގެ ސިފަތަކަށް ތަޢުރީފުކުރައްވާފައެވެ. ދިވެހި ސަރުކާރުގެ އުސޫލީ ސިޔާސަތުތަކަކީ ހަރުދަނާ ސިޔާސަތުތަކެއްގެ ގޮތުގައެވެ.
މެލޭޝިއާގެ ބޮޑުވަޒީރުގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބޭއްވެވި، މެންދުރުގެ ފަރިއްކޮޅުގައި ދެއްކެވި ވާހަކަފުޅުގައިވެސް އެ މަނިކުފާނުވަނީ ރައީސް ޑރ.މުޢިއްޒަށް ވަަރަށް ބޮޑަށް ތަޢުރީފްކުރައްވާފައެވެ. ބޮޑުވަޒީރު އަންވަރު ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއިން ދެއްކި މެހެމާންދާރީވީ އެ މަނިކުފާނަށް ލިބުނު އުފަލަކަށެވެ. ބޮޑުވަޒީރާއި އެ މަނިކުފާނުގެ ވަފުދަށް ވަގުތު ދެއްވުމުގައި ރައީސް ބެހެއްޓެވި ޝައުގުވެރިކަމުން، ރައީސްގެ ހިތްޕުޅުގައި ދެ ޤައުމުގެ ގުޅުމާއިމެދު އުފެދިފައިވާ އިޚުލާސްތެރި ޝުޢޫރު ހާމަވާކަމަށް އަންވަރު ވިދާޅުވިއެވެ.
އާއްމުކޮށް ޤައުމުތަކުގެ ވެރިންގެ މެދުގައި ބާއްވާ ކުރު ބައްދަލުވުމުގެ ބަދަލުގައި، ތަފާތު އެކި ވާހަކަތައް ދެއްކެވުމުގައި ޝައުގުވެރިކަމާއި އެކު ރައީސް ވަގުތު ހޭދަކުރެއްވުމާއި، ޑެލިގޭޝަންއަށް މަރުޚަބާދެންނެވުމުގައި ނުހަނު ގާތުން މަސައްކަތްކުރެއްވުމުގެ ސިފައަށް އަންވަރު ތަޢުރީފުކުރެއްވިއެވެ. ރައީސްގެ ޢަމަލުފުޅުން، މެލޭޝިއާއާމެދު ރާއްޖެއިން ދެކެނީ ގާތް، އަޚުވަންތަ މޭރުމަކުންކަން ހާމަވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެއީ ދެ ޤައުމުގެ ދެމެދުގައި އިތުބާރު ޤާއިމްކުރުމަށް އެޅުނު ހެޔޮފާލެއްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ބޮޑުވަޒީރު އަންވަރުގެ ތަޢުރީފު އަމާޒުކުރެއްވި އަނެއްކަމަކީ ރާއްޖެއިން ކުރިއެރުން ހާސިލްކުރުމުގައި ގެންގުޅޭ ވިސްނުމަށެވެ. ގިނަ މީހުންގެ ވިސްނުމަކީ، ޓެކްނޮލޮޖީއާ ޑިޖިޓަލައިޒޭޝަންގެ މަގުގައި އާ އުސްމިންތަކަކަށް ދިއުންކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް ޤައުމެއްގެ ހައިސިއްޔަތުން ރާއްޖެ އާއި މެލޭޝިއިން ގެންގުޅެނީ ދާދި އެއް ތަޞައްވުރެއްކަމަށް މެލޭޝިއާގެ ބޮޑުވަޒީރު ވިދާޅުވިއެވެ.
މި މޭރުމުން އެ މަނިކުފާނު ވާހަކަފުޅުދައްކަވާފައިވާއިރު، ރައީސް ޑރ.މުޙައްމަދު މުޢިއްޒު އެންމެ ގިނައިން ތަކުރާރުކުރައްވާ ސިޔާސަތަކީ، ހަޤީޤީ ތަރައްޤީއަކީ ފިކުރީ ތަރައްޤީކަމުގެ ވާހަކައެވެ. އެގޮތުން ޤައުމިއްޔަތާއި، އިސްލާމީ ވަޙުދަތު ކުރިއެރުވުމާއި، ދީނަށް ލޯބިކުރާ ޖީލެއް އުފެއްދުމަށް ސަރުކާރުން އިސްކަންދެއްވައެވެ. އަދި ސަރުކާރުގެ ނިންމުންތައް ނިންމުމުގައިވެސް ޚިޔާލުކުރާނީ އިންސާފާއި، ހަމަހަމަކަމާއި، ދެފުށްފެންނަ އުސޫލުތައްކަމަށް ސަރުކާރުން ވިދާޅުވެއެވެ. ސަރުކާރުން މަސައްކަތްކުރައްވަނީ ރާއްޖެއަކީ ފާޅުގައި ބަސްބުނާ، ބައިނަލްއަޤުވާމީ މައިދާނުގައި ބަލައިގަންނަ ބަޔަކަށް ހެދުމަށެވެ.