ސަޢޫދީ ޢަރަބިއްޔާގެ މައްކާއަށް ހަމަލާދިނުމަށް ޔަމަނުގެ ހަތިޔާރުއެޅި ޙޫޘީ ޖަމާޢަތުން ފޮނުވައިލިކަމަށް ބުނާ ޑްރޯނެއް ސަޢޫދީ ޢަރަބިއްޔާގެ ވައިގެ ސިފައިން ދިފާޢުކޮށް ވައްޓައިލައިފިއެވެ. ޔަމަނުގެ ޤާނޫނީ ވެރިކަން އަލުން ޤާއިމުކޮށްދިނުމަށް ސަޢޫދީ ޢަރަބިއްޔާއިން އިސްވެ އެކުލަވައިލާފައިވާ އިއްތިޙާދުގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ތުރްކީ އަލް-މާލިކީ ވިދާޅުވީ، މި ޑްރޯން ވައްޓައިލާފައި ވަނީ ސެޕްޓެންބަރު 15 ވަނަ ދުވަހު ސަޢޫދީ ޢަރަބިއްޔާ ގަޑިން ގާތްގަނޑަށް އިރުއޮއްސި 6:50 ހާއިރު، މައްކާގެ ދެކުނުގެ ސަރަހައްދުން ކަމުގައެވެ. މިއީ، 2017 ޖުލައި 27 ގައި ބެލިސްޓިކް މިސައިލެއް ބޭނުންކޮށްގެން މައްކާއަށް ހަމަލާދިނުމަށް މަސައްކަތް ކުރުމަށްފަހު، ޙޫޘީން އެ ރަށަށް ހަމަލާދިނުމަށް މަސައްކަތް ކޮށްފައިވާ ފުރަތަމަ ފަހަރެވެ.
މި އަމަލަކީ ވަޙީ ބާވައިލެއްވުނު މުޤައްދަސް ބިމަށާއި، އެތައް މިލިޔަން މުސްލިމުންގެ ހިތްތައް ލެނބިފައިވާ މަންޒިލަށް އަމާޒުކޮށް ހިންގި ވަރަށް ދަށުދަރަޖައިގެ، ނިރުބަވެރި ޢަމަލެއްގެ ގޮތުގައި މާލިކީ ސިފަކުރެއްވިއެވެ. އަދި، މިއީ ޙަރަމްފުޅަށް ޒިޔާރަތްކުރާ މުސްލިމުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދައި، ޢާންމު ރައްޔިތުންގެ ފުރާނައަށް ގެއްލުން ދިނުމަށް ހިންގި ޢަމަލެއް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ. "ދެ ޙަރަމްފުޅާއި އަޅުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަކީ ރަތް ރޮނގެއް،" ކަމުގައި ވިދާޅުވަމުން މާލިކީ ވަނީ، ޙޫޘީންނާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތައް އެޅުމުގައި އިއްތިޙާދުގެ ގުޅިފައިވާ ފައުޖުތަކުން ފަސްނުޖެހޭނެ ކަމުގެ އިންޒާރު ދެއްވާފައެވެ.
މި ހާދިސާއާ ގުޅިގެން، އިސްލާމީ ޤައުމުތަކުގެ އިއްތިޙާދުގެ (އޯއައިސީ) ޖެނެރަލް ސެކްރެޓޭރިއަޓުން ވަނީ ބަޔާނެއް ނެރެ، އެންމެ ހަރުކަށި އިބާރާތުން މި ހަމަލާ ކުށްވެރިކޮށްފައެވެ. "މައްކާއާއި މަދީނާ ސަރަޙައްދަށް އަމާޒުކޮށް ޙޫޘީ ޖަމާޢަތުން ދިން ނުރައްކާތެރި ހަމަލާތަކާއި، ސަޢޫދީ ޢަރަބިއްޔާއާ ދެކޮޅަށް އެ ޖަމާޢަތުން ހުއްޓުމެއްނެތި ދެމުންގެންދާ ހަމަލާތައް އޯއައިސީގެ ޖެނެރަލް ސެކްރެޓޭރިއަޓުން ކުށްވެރިކުރަން،" އޯއައިސީގެ ބަޔާނުގައި ބުނެފައިވެއެވެ.
މުޤައްދަސް ތަންތަނާއި އަޅުކަންކުރާ މިސްކިތްތަކުގެ ޙުރުމަތް ކެނޑުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މިއީ އިސްލާމީ އަގުތަކާއި ބައިނަލްއަޤްވާމީ ހަމަތަކާއި ޤާނޫނުތަކާ ޚިލާފު ނިރުބަވެރިކަމުގެ ޢަމަލުތަކެއް ކަމުގައި އޯއައިސީން ވަނީ ސިފަކޮށްފައެވެ. އަދި، ސަޢޫދީ ޢަރަބިއްޔާއާއެކު ފުރިހަމަ އެއްބައިވަންތަކަން ހާމަކުރަމުން، ސަޢޫދީ ޢަރަބިއްޔާގެ ޤައުމީ ސަލާމަތާއި ސިޔާދަތު ރައްކާތެރިކުރުމަށާއި، މި ފަދަ ހަމަލާތައް ހުއްޓުވުމަށާއި، މުޤައްދަސް ބިންތައް ހިމާޔަތްކުރުމަށް ރިޔާޟުން އަޅާ ހުރިހާ ފިޔަވަޅަކަށް ފުރިހަމައަށް ތާއީދުކުރާ ކަމުގައި ވެސް އެ އިއްތިޙާދުން ތަކުރާރުކޮށް ޔަޤީންކޮށްދިނެވެ.