ޚަބަރު

ދިވެހި ސަފީރުންނާއި ވަޒީރު އިރުތިޝާމް ބައްދަލުކުރައްވައިފި


  • ފަތުރުވެރިކަމާއި އިންވެސްޓްމަންޓުގެ ފުރުސަތުތައް ހިއްސާކުރުމަށް ބާރު އެޅުއްވި

  • ދިވެހިންނަށް ކޮންސިއުލަރ އަވަސް ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެދިވަޑައިގެންނެވި

ބޭރު ޤައުމުތަކުގައި ތިއްބަވާ ރާއްޖޭގެ ސަފީރުންނާއި މިޝަންތަކުގެ އިސްވެރިންނާއި ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ބައްދަލުކުރައްވައިފިއެވެ.

ޚާރިޖީ ވުޒާރާގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި ޚާރިޖީ ވުޒާރާގެ މަސައްކަތްތަކާއި ކުރިއަށް ރޭވިފައި ހުރި މަސައްކަތްތަކާ ގުޅޭގޮތުން ވަޒީރު، ސަފީރުންނާއި މަޝްވަރާ ކުރެއްވިއެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާގެ "މޯލްޑިވްސް-ފަރސްޓް" ނުވަތަ "އެންމެ ފުރަތަމަ ދިވެހިރާއްޖެ" ސިޔާސަތުގެ ދަށުން ރާއްޖެއަށް އިޙްތިރާމްކުރާ، އަދި ދިވެހި ރައްޔިތުންގެ މަސްލަހަތު ކުރިއެރުވުމަށް ގުޅިގެން މަސައްކަތްކުރެވޭނެ ކޮންމެ ޤައުމަކާއި، ކޮންމެ ޖަމްޢިއްޔާއަކާ އެކު ދިވެހިރާއްޖޭން މަސައްކަތް ކުރައްވަމުން އަންނަކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން ރައީސްގެ އެ ސިޔާސަތު ތަންފީޒު ކުރުމުގައި މިޝަންތަކުގެ ދައުރު މުހިއްމުކަމަށް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި އިންވެސްޓްމަންޓުގެ ފުރުސަތުތައް ބޭރުގެ އެކި ފަރާތްތަކާ ޙިއްސާކުރުމަށް އިސްކަންދެއްވުމަށް ވަޒީރު ބާރުއެޅުއްވިއެވެ. އަދި އެކި ދާއިރާތައް ކުރިއެރުވުމުގައި މިޝަންތަކުން އަދާކުރާ މުހިންމު ދައުރާ ގުޅޭގޮތުން މަޝްވަރާކުރައްވައި، އިތުރަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވާހަކަފުޅުދެއްކެވިއެވެ.

ސަފީރުން ތިއްބަވާ ޤައުމާއި ގުޅުން ބަދަހިކޮށް ދިވެހިރާއްޖެއަށް ފައިދާއާއި މަންފާހުރި ފުރުޞަތުތައް ފަހިކޮށް ދިނުމާއި، އެ ޤައުމުގައި ދިރިއުޅޭ އަދި ޒިޔާރަތް ކުރާ ދިވެހިންނަށް ކޮންސިއުލަރ އަވަސް ޚިދުމަތްތައް ފޯރުކޮށް ދެއްވުމަށް ޚާއްސަ ސަމާލު ކަމެއް ދެއްވުމަށް ވަޒީރުވަނީ އެދިވަޑައިގެންފައެވެ.