ޚަބަރު

ފުރޮޅުފިލާގައި 90 އަށްވުރެ ގިނަ އެތުލީޓުން ރަޖިސްޓްރީވެއްޖެ


  • މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު އަދިވެސްވަނީ ހުޅުވާލާފައި

  • މުބާރާތް ކުރިއަށްދާނީ މިމަހުގެ 25 އަދި 26 ގައި މާފުށީގައި

"ފުރޮޅުފިލާ ޗަރުކޭސް" ސްކޭޓްބޯޑިން މުބާރާތުގައި މިހާތަނަށް 90 އަށްވުރެ ގިނަ އެތުލީޓުން ރަޖިސްޓްރީވެއްޖެކަމަށް ފުރޮޅުފިލާ ކުލަބުން ބުނެފިއެވެ.

މުބާރާތުގެ ފަހުގެ މައުލޫމާތުތައް ޕީއެސްއެމް ނިއުސްއާ ހިއްސާކުރަމުން ކުލަބުން ބުނެފައިވަނީ މުބާރާތުގައި ރަޖިސްޓްރީވުމުގެ ސުންގަޑި ހަމަވީއިރު، 90 އަށްވުރެ ގިނަ އެތުލީޓުން މުބާރާތުގައި ރަޖިސްޓްރިވެފައިވާކަމަށެވެ. މުބާރާތުގައި ވާދަކުރަން ބޭނުންވާ އިތުރު ފަރާތްތަކަށް އަދިވެސް ފުރުސަތު އެބައޮތްކަމަށާ ކުރިއަށް އޮތް ދެދުވަހުގެ ތެރޭގައި ފުރޮޅުފިލާ ޗަރުކޭހުގެ އިންސްޓްގްރާމް ޕޭޖަށް މެސެޖްކޮށްލައިގެން ނަން ނޯޓްކުރަމުން ގެންދިއުމަށް ކުލަބުންވަނީ އެދިފައެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ މިމުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ކޮންމެ އުމުރަކަށްވެސް އެބައޮތެވެ. އަދި ވާދަކުރާ ކޮންމެ ބައިވެރިއަކަށް އިނާމެއްވެސް ދޭގޮތަށް ހަމަޖެހިފައިވާކަމަށާ، ކޮންމެ ކެޓަގަރީއަކުން އެއްވަނަ، ދެވަނަ އަދި ތިންވަނަ ވެސް ހޮވާ އެފަރާތްތަކަށްވެސް އިނާމު ލިބިގެންދާނެކަމަށް ފުރޮޅުފިލާ ކުލަބުން ބުނެއެވެ.

ކާމިޔާބުކަމާއެކު މިފަދަ މުބާރާތެއް ކުރިއަށް ގެންދިއުމުގައި ގިނަ ބައެއްގެ އެހީތެރިކަން ލިބެމުންދާކަމަށާ އެހެންކަމުން އެހިތެރިވެދެވޭ އެންމެހާ ފަރާތްތަކަށް ޝުކުރުއަދާކުރާކަމަށް ކުލަބުން ބުނެފަވެއެވެ. މިމުބާރާތުގައި މިއަހަރު އިންސާފުކޮށްދެއްވުމަށް އިންޓަނޭޝަނަލް ޖަޖުން ތިއްބަވާއިރު، ގިނަ އަދަދެއްގެ ސްކޭޓްބޯޑަރުން މި މުބާރާތުން ވިދާލާނެކަމަށް އުންމީދުކުރާކަމަށް ކުލަބުން ބުނެފަވެއެވެ.

"ފުރޮޅުފިލާ ޗަރުކޭސް" ސްކޭޓްބޯޑިން މުބާރާތް މިއަހަރުވެސް ކުރިއަށްދާނީ މާފުށީ ސްކޭޓް ޕާކުގައެވެ. ސެޕްޓެމްބަރުމަހުގެ 25 އަދި 26 މި ދެދުވަހު އޮންނަ މުބާރާތުގައި އަތޮޅު ތެރެއިން ވާދަކުރާ ފަރާތްތަކަށް ދަތުރުފަތުރާ އެކޮމޮޑޭޝަންގެ ކަންކަން ހިލޭ ހަމަޖެހިފަވާއިރު، މާލެއިން މުބާރާތަށްދާ ފަރާތްތަކަށްވެސް ފެރީ ހިލޭ ހަމަޖެހިފައިވާކަމަށް ކުލަބުންވަނީ މައުލޫމާތުދީފައެވެ.