ބަނގްލަދެޝްއަށް ފުރަންގޮސް ތިބި 6 ބިދޭސިއެއްގެ އަތުން 3.86 މިލިއަން ރުފިޔާގެ ބޭރު ފައިސާ އަތުލައިގަނެފިއެވެ.
މި މީހުން އަތުލައިގަނެފައިވަނީ ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ހިންގާ ފަރާތްތައް ހޯދައި، ގާނޫނީ ފިޔަވަޅު އެޅުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، މިކަމަށް ހާއްސަކުރެވިފައިވާ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން ސެޕްޓެންބަރު 18 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ކަމަށް ފުލުހުން ވިދާޅުވެއެވެ. މި ފައިސާ މިހާރު ވަނީ ތަހުގީގުގެ ބޭނުމަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ހިފެހެއްޓި ފައިސާގެ ތެރޭގައި 174,161 ޔޫ.އެސް ޑޮލަރާއި 56,760 ޔޫރޯ އާއި 1،815 ސްޓަރލިންގ ޕައުން ހިމެނޭހެން ޖުމުލަ 18 ގައުމެއްގެ ފައިސާ ހިމެނޭއިރު، ފައިސާގެ ޖުމުލަ އަގު ގާތްގަނޑަކަށް 3,861,415.29 އަށް އަރައެވެ.
މި މައްސަލައާ ގުޅިގެން ބަންގްލަދޭޝްގެ 6 މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި ޤާނޫނާ ޚިލާފަށް ވިޔަފާރި އުޞޫލުން ބޭރު ފައިސާ މާރުކުރުމުގެ ޢަމަލުތައް ހިންގާ ފަރާތްތަކާބެހޭ މަޢުލޫމާތު، މިފަދަ މައްސަލަތައް ތަޙްޤީގު ކުރުމަށް އެލުލަވާލާފައިވާ ޓާސްކްފޯސްއާ ހިއްސާކުރެވޭނެ ނިޒާމެއް ގާއިމުކޮށްފައެވެ. ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރިކުރާ ފަރާތްތަކާ ގުޅޭ މަޢޫލޫމާތު ހިއްސާކުރުމަށް ބޭނުންވާ ފަރާތްތަކުން ޓަސްކްފޯސްގެ އޮޕަރޭޝަން ނަންބަރު 9388733 އަށް އެސްއެމްއެސްގެ އިތުރުން ވައިބަރ، ވަޓްސްއެޕް އަދި ޓެލެގްރާމް ފަދަ މެސެޖިން އެޕްލިކޭޝަން މެދުވެރިކޮށް މަޢުލޫމާތު ހިއްސާކުރެވޭނެކަމަށް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވީ މަޢުލޫމާތު ހިއްސާކުރާ ފަރާތްތަކުގެ ވަނަވަރާއި މަޢުލޫމާތުތައް ފުރިހަމައަށް ރައްކާތެރިކޮށްދޭނެކަމަށާއި މަޢުލޫމާތުތައް ދޭފަރާތްތަކުން މައްސަލައިގެ ތަޙްޤީޤީ އެއްވެސް އިޖުރާއަތެއްގައި ބައިވެރިވާން ނުޖެހޭނެކަމަށެވެ.
ރާއްޖޭގައި ބޭންކިން ނިޒާމަށް ފައިސާ ނުވަދެ، ނުވަތަ ވަންނަ ފައިސާ ބޭންކުތައް ނިޒާމުތަކުގެ ބޭރުން ކަޅު ބާޒާރުގައި މާރުކުރުމުގެ ސަބަބުން ބޭންކުތަކުން ބޭރުފައިސާ މިންވަރު ވަނީ ދަށްވެފައެވެ. މިކަމުގެ ސަބަބުން ވިޔަފާރިތަކަށް ބޭނުންވާ ބޭރުފައިސާ ކަޅު ބާޒާރުން ގަތުމުން މުދަލުގެ އަގު އުފުލިގެންދެއެވެ. އަދި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭރުފައިސާ ވަކި މިންވަރަކަށް ހިފެހެއްޓިގެންދެއެވެ. ސަރުކާރުގެ އަމާޒަކީ ޤާނޫނުތަކަށް ގެނެވޭ އިސްލާހުތަކާއި އެކު މިމައްސަލައަށް ހައްލުތަކެއް ގެނެވި ރައްޔިތުންނަށް ކަނޑައެޅިފައިވާ ރޭޓުގައި ބޭރުފައިސާ ލިބޭނެ ގޮތް ހަމަޖެއްސެވުމެވެ.