ޚަބަރު

މަރުވި އެމެރިކާ ސިފައިންގެ އަދަދު ޕެންޓަގަނުން ހާމަކުރި އަދަދަށް ވުރެ އިތުރު


ސަޙްޔޫނީން ރުއްސުމަށް އެމެރިކާއިން އިސްވެ އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމައިގައި، ޕެންޓަގަނުން ޢާންމުކޮށް ހާމަކޮށްފައިވާ ޢަދަދަށް ވުރެ ގިނަ ޢަދަދެއްގެ އެމެރިކާ ސިފައިން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. މި ކަން އެންމެ ފުރަތަމަ ރިޕޯޓުކޮށްފައި ވަނީ އެމެރިކާގެ ނޫހެއް ކަމުގައިވާ ދި ވޮޝިންގޓަން ޕޯސްޓުންނެވެ. ނަމަވެސް، އެމެރިކާގެ ދިފާޢީ ވަޒީރު ޕީޓް ހެގްސެތު ވަނީ މި ރިޕޯޓު ދޮގުކުރައްވާފައެވެ.

މި ހަނގުރާމައިގައި މިހާތަނަށް އެމެރިކާ އަސްކަރިއްޔާގެ 22 ސިފައިން މަރުވެފައިވާ ކަމުގައި ޕޯސްޓުން ރިޕޯޓުކުރެއެވެ. މިއީ، ޕެންޓަގަންގެ ޢާންމު ޑޭޓާބޭސްގައި ހާމަކޮށްފައިވާ ޢަދަދަށް ވުރެ ހަތަރު މީހުން އިތުރު ޢަދަދެއް ކަމުގައި، ނަން ހާމަކޮށްފައިނުވާ ފަސް އޮފިޝަލަކާ ޙަވާލާދީ އެ ނޫހުން ބުންޏެވެ. އެހެން އޮފިޝަލަކާ ޙަވާލާދީ ވޮޝިންގޓަން ޕޯސްޓުން ބުނީ، މީގެ ތެރެއިން ހުރިހާ ސިފައިން މަރުވެފައިވަނީ އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ތެރެއިން ބަދަލުކުރަމުންދާ ހަމަލާތަކުގައި ނޫން ކަމުގައެވެ. އަދި، އެއީ ފެބުރުވަރީ 28 ގައި ހަނގުރާމަ ފެށި ފަހުން ގަލްފުގެ ޤައުމުތަކުގައި ޤާއިމުކޮށްފައިވާ ތިބޭ އެމެރިކާ ސިފައިންގެ ތެރެއިން މިހާތަނަށް މަރުވެފައިވާ މީހުންގެ ޢަދަދު ކަމުގައި ވެސް އެ އޮފިޝަލު ވިދާޅުވިއެވެ.

މި ރިޕޯޓަކީ ކަނޑައެޅިގެން "ބޮޑު ދޮގެއް" ކަމުގައި ވިދާޅުވެ، ހެގްސެތު ވަނީ މީސްމީޑިއާގެ މަންސަ، އެކްސްގައި ޕޯސްޓެއް ޝާއިޢު ކުރައްވާފައެވެ. މި ކަމުގެ ޞައްޙަކަން ކަށަވަރު ކުރުމަށް ވޮޝިންގޓަން ޕޯސްޓުން ވަގުތުން އެދިފައި ނުވި ނަމަވެސް، ޕެންޓަގަނުން މި މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރުކޮށްދިނުމަށް އިންކާރު ކޮށްފައިވާ ކަމުގައި އެ ނޫހުން ރިޕޯޓު ކުރެއެވެ.