ޚަބަރު

އާސެނަލް މިސީޒަންގައި ފުރަތަމަ ފަހަރަށް ބަލިވެއްޖެ


  • ބްރައިޓަން އަތުން އާސެނަލް ބަލިވެފައިވަނީ 3 ލަނޑު ސުން ލަނޑުން

އިންގްލިޝް ޕްރިމިއަރ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން އާސެނަލް މިސީޒަންގައި ފުރަތަމަ ފަހަރަށް ބަލިވެއްޖެއެވެ.

އާސެނަލް ބަލިވެފައިވަނީ ރަށުން ބޭރުގައި ބްރައިޓަން އެންޑް ހޯވް އެލްބިއަން އާއި ބައްދަލުކުރި މެޗުން 3-0 ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނަ ހަމަލާ އުފައްދާފައިވަނީ ބްރައިޓަން އިންނެވެ. އެންމެ ފަހުން ކޮވެންޓްރީ އާއި މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު ދެމެޗުގައި ހޯދުނު ކާމިޔާބީއަށްފަހު މިމެޗުގައި ބްރައިޓަން ފެނިގެންދިޔައީ ވަރަށް އިތުބާރާއެކު ކުޅެމުންދިޔަ ތަނެވެ. ނަތީޖާ އަކަށް ވީ، މެޗުގެ 31 ވަނަ މިނެޓުގައި ބްރައިޓަން އިން ލަނޑެއް ޖަހާ މެޗުގެ ލީޑު ނެގުމެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޕަސްކަލް ގްރޮސްއެވެ. ޕެނަލްޓީ އޭރިއާ ބޭރުގައި ހުރެފައި ގްރޮސް އާސެނަލްގެ ގޯލަށް ފޮނުވާލި ހަމަލާ ވަދެފައިވަނީ ގޯލްގެ ދަނޑީގައި ޖެހިފައެވެ.

ޕްރިމިއަރ ލީގުގައި އެންމެ ފަހުން ކުޅުނު ނުވަ މެޗު ކާމިޔާބު ކޮށްފައިވާ އާސެނަލްއަށް މިމެޗުގައި ހަމަޖެހިލާނެ އެންމެ ވަގުތު ކޮޅެއްވެސް ބްރައިޓަން އިން ދިން ތަނެއް ނުފެނުނެވެ. މިމެޗުގައި އާސެނަލްއަށް ނަތީޖާ ހަމަހަމަ ކުރުމަށް އެންމެ ރަނގަޅު ފުރުސަތު ލިބުނީ ފުރަތަމަ ހާފުގެ ފަހު މިނެޓްގައި އުފެއްދި ހަމަލާއެއްގައެވެ. ނަމަވެސް ކެޕްޓަން މާޓިން އޮޑެގާޑް ފޮނުވާލި ހަމަލާއެއް އެހެން ކުޅުންތެރިއެއް ގައިގައި ޖެހިފައި ބުކާޔޯ ސާކާއަށް ލިބުނު ފުރުސަތުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. ނަތީޖާއަކަށް ވީ، ބްރައިޓަންއިން އެޓީމުން މެޗުގެ ލީޑު ފުޅާކުރުމެވެ. އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ޗަރަލަމްޕޯސް ކޮސްޓޫލަސްއެވެ.

މިމެޗުގައި ބްރައިޓަން އިން ކާމިޔާބު ކުރި ތިންވަނަ ލަނޑު މެޗުގެ 57 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުން ކާމިޔާބު ކޮށްދީފައިވަނީ ޗެމާ އަންޑްރޭސްއެވެ. އަދި އެޓީމުގެ ޑިފެންޑަރ ޕަސްކަލް ސްޓުރުއިކްއަށް އެޓީމުގެ ލީޑު އިތުރަށް ފުޅާކުރާނެ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވިއެވެ. މިމެޗުގެ ފަހު ކޮޅު އާސެނަލްއަށް ލަނޑެއް ޖަހާނެ އެންމެ ރަނގަޅު ފުރުސަތު ލިބުނީ ކައި ހަވާޓްޒް އަށެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ދިޔައީ ސީދާ ކީޕަރ ބާޓް ބަރބްރޫގަން އާއި ދިމާލަށެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ބްރައިޓަން މިވަނީ ލީގުގައި މިހާތަަނަށް ކުޅުނު 5 މެޗުން ލިބިފައިވާ 10 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި މިނާކާމިޔާބީ އާއެކު އާސެނަލް އުޅެނީ 12 ޕޮއިންޓް ލިބި ނަމަވެސް ފައިދާ ގޯލަށް ބަލާއިރު ތާވަލްގެ ދެވަނައަށް ވެއްޓިފައެވެ. އަދި މިރޭ ވާދަވެރި މެންޗެސްޓަރ ސިޓީއިން ސަންޑަރލަންޑާއި ބައްދަލުކުރާ މެޗު ކާމިޔާބު ކޮށްފިނަމަ ތާވަލްގެ އެއްވަނައިގައި ތިން ޕޮއިންޓްގެ ލީޑެއް ނެގުމުގެ ފުރުސަތު އެޓީމަށް ލިބޭނެއެވެ.

މިމުބާރާތުގައި ރޭ ކުޅުނު އެހެން ބައެއް މެޗުތަކުގެ ނަތީޖާއަށް ބަލާލާއިރު އެވަޓަންއާއި އިޕްސްވިޗް ޓައުން ބައްދަލުކުރި މެޗު އަމިއްލަ ދަނޑުގައި ކުޅެ އެވަޓަންވަނީ އެއް ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައެވެ. މިމެޗުގައި އެވަޓަންގެ ހަމައެކަނި ލަނޑު މެޗުގެ 11 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ތިއޭނޯ ބެރީއެވެ. އަދި މިމެޗުގެ 67 ވަނަ މިނެޓުގައި ދެވަނަ ރީނދޫ ކާޑަކާއެކު އިޕްސްވިޗްގެ އަބްދުލް ފަތާވޫއަށް ވަނީ ރަތް ކާޑު ދައްކާފައެވެ. މިކާމިޔާބީ އާއެކު އެވަޓަން މިވަނީ 5 މެޗުން ލިބިފައިވާ 9 ޕޮއިންޓާއެކު ތާވަލްގެ 5 ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި އިޕްސްވިޗް އުޅެނީ 6 ޕޮއިންޓާއެކު ތާވަލްގެ 11 ވަނައިގައެވެ. މީގެއިތުރުން ނޮޓިންގހަމް ފޮރެސްޓް އާއި ކޮވެންޓްރީ ސިޓީ ބައްދަލުކުރި މެޗު އެއް ލަނޑު ސުން ލަނޑުން ކާމިޔާބުކޮށް ކޮވެންޓްރީ ވަނީ މިސީޒަންގައި ފުރަތަމަ ކާމިޔާބީ ހާސިލް ކޮށްފައެވެ.