ޕޯލަންޑްގައި މިހާރު ކުރިއަށްދާ ފީފާ އަންޑަރ 20 ވިމެންސް ވޯލްޑް ކަޕްގެ ސެމީ ފައިނަލުން ސްޕެއިން އާއި އިޓަލީވިލާތް ޖާގަހޯދައިފިއެވެ.
މިމުބާރާތުގެ ސެމީ ފައިނަލުން ސްޕެއިންގެ ޒުވާން އަންހެން ޓީމު ޖާގަހޯދީ ކުއާޓަރ ފައިނަލްގައި ބްރެޒިލްއާއި ބައްދަލުކުރި މެޗު 1-0 އިން ކާމިޔާބު ކޮށްގެންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ދެޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ލިބިފައިވެއެވެ. މިމެޗުގެ ހަމައެކަނި ލަނޑު މެޗުގެ 27 ވަނަ މިނެޓުގައި ސްޕެއިން އަށް ކާމިޔާބު ކޮށްދިނީ ޕައު ކޮމެންޑާޑޯސްއެވެ. ކޮމެންޑާޑޯސް ބްރެޒިލްގެ ގޯލަށް ފޮނުވާލި ހަމަލާ އެޓީމުގެ ގޯލަށް ބަދެފައިވަނީ ބްރެޒިލްގެ ޑިފެންޑަރެއްގެ ގައިގައި ވެސް ޖެހިފައެވެ. މިމެޗުގައި ބްރެޒިލްއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރެވޭތޯ ގިނަ ހަމަލާ ތަކެއް އުފެއްދި ނަމަވެސް ސްޕެއިންގެ ކީޕަރ ލައިއާ ލޯޕޭޒްވަނީ މިހަމަލާތައް ދިފާއުކޮށްފައެވެ.
މިކާމިޔާބީ އާއެކު 2022 ވަނަ އަހަރުގެ ޗެމްޕިއަން ސްޕެއިން އިން މިވަނީ ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރު ކުރުމުގެއިތުރުން މިމުބާރާތް ކާމިޔާބު ކުރުމަށް ކުރާ އުންމީދު އާވެސް ކޮށްފައެވެ. މިމުބާރާތުގެ ސެމީ ފައިނަލްގައި ސްޕެއިން ބައްދަލުކުތާނީ އިޓަލީވިލާތާއެވެ.
މިމުބާރާތުގެ ސެމީ ފައިނަލް އިން އިޓަލީވިލާތް ޖާގަހޯދާފައިވަނީ ކުއާޓަރ ފައިނަލްގައި ދެކުނު ކޮރެއާ އާއި ބައްދަލުކުރި މެޗު 3 ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްގެންނެވެ. މިމެޗުގައި އިޓަލީވިލާތުގެ ފުރަތަމަ ލަނޑު މެޗުގެ 16 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީ މެޗުގެ ލީޑު އެޓީމަށް ނަގައިދީފައިވަނީ ހުނަރުވެރި ފޯވަޑް ކަރެން އަޕިއާއެވެ. މިމެޗުގައި ދެކުނު ކޮރެއާއިން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައިވަނީ ފުރަތަމަ ހާފް ނިމެން އުޅެނިކޮށް ލިބިގެންދިޔަ ހިލޭ ޖެހުމެއްގައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ލީ ހައެއުންއެވެ.
މިމެޗުގައި އިޓަލީވިލާތަށް ދެވަނަ ފަހަރަށް މެޗުގެ ލީޑު ނަގައިދިނީ 48 ވަނަ މިނެޓުގައި ފުރަތަމަ ލަނޑުވެސް ކާމިޔާބު ކޮށްދިން އަޕިއާ ޖަހައިދިން ލަނޑުންނެވެ. އަދި މިމެޗުގައި އިޓަލީވިލާތުގެ ތިންވަނަ ލަނޑު މެޗުގެ 63 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ ޕައުލޯ ފާޑާއެވެ.
މިމުބާރާތުގައި އިޓަލީވިލާތާއި ސްޕެއިން ބައްދަލުކުރާ ސެމީ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ ބުދަ ދުވަހުއެވެ.