ޚަބަރު

ނައިބޮލި ފުޓްސަލް ޗެމްޕިއަންޝިޕްގެ ފައިނަލުން ކޭކޭޑީޑީ ޖާގަ ހޯދައިފި


  • ފިރިހެން ޑިވިޝަންގެ ސެމީގެ ތިން ޖާގަ ވަނީ ޔަގީންވެފަ

ނައިބޮލި ފުޓްސަލް ޗެމްޕިއަންޝިޕްގެ ފައިނަލުން ކޭކޭޑީޑީ ޖާގަ ހޯދައިފިއެވެ. ކޭކޭޑީޑީ ޖާގަ ހޯދީ މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލުންނެވެ.

އަންހެން ޑިވިޝަންގެ ފައިނަލުން ކޭކޭޑީޑީ ޖާގަ ހޯދީ ލީގު ބުރުގެ އެއްވަނަ ހޯދައިގެންނެވެ. އެއީ ކުޅުނު ތިން މެޗުންވެސް މޮޅުވެގެންނެވެ. ލީގު ބުރުގެ ފަހު މެޗު އެޓީމުން ކާމިޔާބުކުރީ އަރޭކާ އެފްސީއާ ވާދަކޮށް 8-0 ނެވެ. މެޗުގައި ކޭކޭޑީޑީގެ އިރާން ކުޅުންތެރިޔާ މައިރަމް ނޫރީ 6 ލަނޑު ޖެހި އެވެ. އަނެއް ދެ ލަނޑު ޖެހީ ފާތިމަތު ޝަހާ އާއި ޝައުފާ އިބްރާހީމްއެވެ.

އަންހެން ޑިވިޝަންގެ ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ އަންގާރަ ދުވަހު އެޕެކްސް ސްޕޯރޓްސް ކްލަބާއި އަރޭކާ ސްޕޯރޓްސް ކްލަބް ވާދަކުރާ ސެމީފައިނަލުން މޮޅުވާ ޓީމަކަށެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަންގެ ސެމީފައިނަލުން މިހާރު ޖާގަ ހޯދާފައިވަނީ ގްރޫޕް ބީން ކޮނަހާސް އާއި ކޭކޭޑީޑީ އެވެ. އަދި ގްރޫޕް އޭ އިން ކޮރަކަލި އެފްސީ އެވެ. ގްރޫޕް އޭގެ ސެމީފައިނަލްގެ ދެވަނަ ޖާގައަށް ވާދަކުރަނީ ޔޫރަޕް އާއި ވެސްޓާން ސްޕޯރޓްސް ކްލަބްގެ އިތުރުން އަރޭކާ ސްޕޯރޓްސް ކްލަބެވެ. ޔަގީންވާނީ މިއަދާއި މިރޭ ކުޅޭ ގްރޫޕް ސްޓޭޖްގެ ފަހު މެޗުތަކުންނެވެ.

ހަ ޕޮއިންޓާއެކު ޔޫރަޕް އޮތީ ފަހު މެޗުތަކުގެ ނަތީޖާއަށް ބަލާށެވެ. އަދި އަރޭކާ އާއި ވެސްޓާންވެސް މޮޅުވެއްޖެ ނަމަ ސެމީގެ ޖާގަ ކަނޑައަޅަން ބަލަން ޖެހޭނީ ތިން ޓީމްގެ ގޯލްގެ ތަފާތަށެވެ.

ނައިބޮލި ފުޓްސަލް ޗެމްޕިއަންޝިޕަކީ ނައިފަރު ކައުންސިލުން މުޅި ރާއްޖެއަށް ހުޅުވާލި މުބާރާތެކެވެ. ފިރިހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަށް ބައިލައްކަ ރުފިޔާ އަދި އަންހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަށް 25,000 ރުފިޔާ ވަނީ ކަނޑައަޅާފައެވެ.