ޚަބަރު

ރަމަޟާންމަހު ދަނޑުވެރިންގެ ބާޒާރުގައި ތަކެތި ވިއްކަން ފުރުޞަތު ހުޅުވާލައިފި


  • ޝައުގުވެރިވާ ފަރާތްތަކުން އެރަށެއްގެ ކައުންސިލް މެދުވެރިކޮށް އެންގޭނެ

  • ދަނޑުވެރިންގެ ބާޒާރަށް މިއަހަރުވެސް ވަނީ ބޮޑު ތަރުޙީބެއް ލިބިފައި

ރަމަޟާން މަހާ ދިމާކޮށް ދަނޑުވެރިންގެ ބާޒާރުގައި ރަށްރަށުގެ ދަނޑުވެރިން އުފައްދާ ބާވަތްތައް ވިއްކުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފިއެވެ. ރާއްޖޭގެ ހުރިހާ ރަށަކަށް މި ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ރަށްރަށުގެ ދަނޑުވެރިން އުފައްދާ ބާވަތްތައް، މާލޭ ސަރަޙައްދުގައި ވިއްކޭނެ މަގުފަހިކޮށްދިނުމުގެ ގޮތުން "ދަނޑުވެރިންގެ ބާޒާރު" ޤާއިމްކޮށްފައިވަނީ މި އަހަރުއެވެ. މި މާރުކޭޓު ޤާއިމުކޮށްފައިވަނީ ހާބަރުގައި ކުރިން ކެފޭ ހިންގި ތަނުގައެވެ.

މި މާރުކޭޓަކީ، ރޯދަ މަހަށް ހައްދާ ކާނާގެ ބާވަތްތައް ވިއްކުމަށްޓަކައި މާލެ އަންނަ ދަތުރުވެރިންނަށް އަމާޒުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ މާރުކޭޓެކެވެ.

މިއަހަރުގެ ރަމަޟާންމަހުވެސް ދަނޑުވެރިކަމުގައި ފާހަގަކޮށްލެވޭ މަޝްހޫރު ރަށްރަށުން ވަނީ މި މާރުކޭޓުގައި ތަކެތި ވިއްކާފައެވެ.

މިއަހަރުގެ ތަރުޙީބަށް ބަލައި ދަނޑުވެރިކަމާބެހޭ ވުޒާރާއިން މިހާރު ވަނީ އަންނަ އަހަރުގެ ރަމަޟާންމަހަށް މާރުކޭޓުގައި ތަކެތި ވިއްކުމަށް ޝައުގުވެރިރާ ރަށްރަށަށް ފުރުޞަތު ހުޅުވާލާފައެވެ. އެ ވުޒާރާއިން ވިދާޅުވީ އެކަމަށް އެދި ހުރިހާ ކައުންސިލަކަށް އަންގާފައިވާނެކަމަށެވެ. ޝައުގުވެރިވާ ފަރާތްތަކުން އެރަށެއްގެ ކައުންސިލް މެދުވެރިކޮށް ދަނޑުވެރިކަމާބެހޭ ވުޒާރާއަށް އެންގުމަށް ވަނީ އެދިފައެވެ.

ދަނޑުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ ނަން ހުށަހަޅާ ރަށްރަށަށް ބަލައި އަންނަ އަހަރު ރަމަޟާންމަހަށް ހަދައި މާރުކޭޓު ޤާއިމްކުރާނެ ތަނެއް ކަނޑައަޅާނެކަމަށެވެ. މިއަހަރު މޯލްޑިވްސް ފުޑް އެގްރިކަލްޗަރަލް ޕްރެކްޓިސެސް، އެމްގެޕް ސެޓިފައިޑް ވެފައިވާ 10 ދަނޑުގެ އުފެއްދުންތައް ވަނީ ވިއްކާފައެވެ.

ދަނޑުވެރިކަމާބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ވަގުތީ މާރުކޭޓު ހިންގުމުގެ އުސޫލުގައިވާގޮތުން މި މާރުކޭޓުގައި ރާއްޖޭގެ ރަށްރަށުގައި އުފައްދާފައިވާ ރޯ މޭވާއާއި، ތަރުކާރީ ފިޔަވާ އިތުރު ތަކެތި ވިއްކުމަކީ މަނާ ކަމެކެވެ. އަދި މި މާރުކޭޓުގައި ބިދޭސީންނަށް ހަރަކާތްތެރި ނުވެވޭނެއެވެ.

ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހަކީ، އަތޮޅުތަކުން އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތައް ގިނަ އަދަދަކަށް މާލެ ގެނެސް ވިއްކާ މަހެކެވެ.