ޚަބަރު

ހުރަސްތަކާއެކު ހުޅަނގު އައްސޭރީގެ މުދައްރިސުން މަދަރުސާތަކަށް ނުދެވިފައި


ޔަހޫދީން އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި ޤާއިމްކޮށްފައިވާ ދެ ޗެކްޕޮއިންޓެއް ބަންދުކުރުމާ ގުޅިގެން ޕަލަސްޠީނުގެ 100އަށްވުރެ ގިނަ މުދައްރިސުން އެ މީހުން މަސައްކަތްކުރާ މަދަރުސާތަކަށް ދިޔުމަށް ހުރަސް އެޅިއްޖެއެވެ.

ޔަހޫދީން މި ޗެކްޕޮއިންޓުތައް ބަންދުކޮށްފައި ވަނީ ހުޅަނގު އައްސޭރީގައި ފުޅާ ކުރަމުންދާ އަސްކަރީ ޙަރަކާތެއްގެ ދަށުންނެވެ.

ޠޫބާސް ގަވަރުނޭޓުގެ ތަޢުލީމާ ބެހޭ ޑިރެކްޓަރ އަޒްމީ ބަލައުނީހް ވިދާޅުވީ ޔަހޫދީން ތަޔާސީރު ޗެކްޕޮއިންޓާއި ޢައިން ޝިބްލީ ޗެކްޕޮއިންޓު ބަންދުކުރުމާ ގުޅިގެން ޖުމްލަ 104 މުދައްރިސުންނަށް މަދަރުސާތަކަށް ދެވިފައި ނުވާ ކަމަށެވެ. އޭގެ ސަބަބުން އެ މުދައްރިސުން މަސައްކަތްކުރަމުންދާ 7 މަދަރުސާގައި ތަޢުލީމު ހާޞިލް ކުރަމުންދާ ގާތްގަނޑަކަށް 1،100 ދަރިވަރުންނަށް އަސަރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޔަހޫދީން ވަނީ ހުޅަނގު އައްސޭރީގެ އަލް މުޣައްޔިރު އަވަށުގައި ވެސް ރޭޑު ޖަހައި އެ އަވަށަށް ވަނުމަށް ބޭނުން ކުރާ މައި މަގު ބަންދުކޮށްފައެވެ. އެ އަސްކަރީ ޙަރަކާތުގެ ދަށުން ގިނަ ޢަދަދެއްގެ ފަލަސްޠީނުގެ ރައްޔިތުން ހައްޔަރުކޮށްފައިވެއެވެ. ޔަހޫދީ ސިފައިން ވަނީ އެ އަވަށުގެ ގެތަކަށް ވަދެގަނެ އެ ގެތައް ބަލައި ފާސްކޮށްފައެވެ. ބަރު ހަތިޔާރާއި ޑްރޯން ފަދަ ތަކެތި ބޭނުންކޮށްގެން ކުރިއަށް ގެންދިޔަ މި ރޭޑުގެ ދަށުން އެ އަވަށަށް ވަދެނިކުތުމަށް ހުރަސް އެޅުމުގެ ސަބަބުން ދަރިވަރުންނާއި މުދައްރިސުންނަށް މަދަރުސާއަށް ހާޒިރުވުމަށް ވަނީ ނުކުޅެދިފައެވެ. އަދި އެހެން މުވައްޒަފުންނަށް ވެސް އެ މީހުން ވަޒީފާ ޢަދާ ކުރާ ތަންތަނަށް ހާޒިރުވުމަށް ވަނީ ހުރަސްއެޅިފައެވެ.

އަލްމުޣައްޔަރަކީ ޔަހޫދީ ސިފައިން ތަކުރާރުކޮށް ރޭޑު ޖަހައި ހަމަލާތައް އަމާޒުކުރާ އަވަށެކެވެ. އެ ސަރަޙައްދުގައި ޤަވާއިދާ ޚިލާފަށް ދިރިއުޅޭ ޔަހޫދީ ވަޒަންވެރިންގެ ދުއްތުރާއާ ވެސް އެ އަވަށުގެ ރައްޔިތުން ތަކުރާރުކޮށް ކުރިމަތިލާން ޖެހެއެވެ. 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޔަހޫދީން ޣައްޒާއަށް ޢުދުވާނީ ހަމަލާތައް ދޭން ފެށި ފަހުން ޔަހޫދީން ހުޅަނގު އައްސޭރީގައި ދެމުންދާ ހަމަލާތައް ވަނީ ބޮޑުތަނުން އިތުރުވެފައެވެ.

ޣައްޒާގެ ޙާލަތު

ހަނގުރާމައިގައި ސުންނާފަތިވެފައިވާ ޣައްޒާއަށް ތެލާއި އަސާސީ ސާމާނު ވެއްދުމަށް ޔަހޫދީން ހުރަސްއަޅަމުންދާތީ ޚާން ޔޫނިސްގައި ހުންނަ ކުވައިތު ސްޕެޝަލްޓީ ހޮސްޕިޓަލުން ވެސް މިހާރު ވަނީ ގާތްގަނޑަކަށް ހުރިހާ ޚިދުމަތެއްހެން ދިނުން މެދުކަނޑާލައިފައެވެ.

އެ ހަސްފަތާލުން ނެރުނު ބަޔާނެއްގައި ބުނީ މިހާރު ޙާލަތު އޮތް ގޮތުން އެމަޖެންސީ ޑިޕާޓްމަންޓު ފިޔަވަައި އެހެން ޑިޕާޓްމަންޓުތަކުން މި ވަގުތަށް ޚިދުމަތް ދެވެން ނެތް ކަމަށެވެ. އެ ހަސްފަތާލު ހިންގައި ޚިދުމަތްތައް ފޯރޮކޮށްދިނުމަށް ކޮންމެހެން ތެޔޮ ބޭނުންވާ ކަމަށާއި، ޚިދުމަތްތައް ފޯޜުކޮށްދިނުމަށް ބޭނުންވާ މިންވަރާ ގާތަށް ވެސް ތެޔޮ ނުލިބޭ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. ހަސްފަތާލުން އިތުރަށް ބުނީ ތެޔޮ ނުލިބި އިތުރު ދުވަސްތައް ފާއިތުވާ ނަމަ ދުވާލެއްގެ މައްޗަށް ޞިއްޙީ ޚިދުމަތް ބޭނުންވާ އެތައް ހާސް ބަޔަކަށް ލިބެން ޖެހޭ ފަރުވާއިން އެ މީހުން މަހުރޫމު ވާނެ ކަމަށެވެ.

ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޔަހޫދީން ޣައްޒާއަށް ހަމަލާތައް ދޭން ފެށި ފަހުން މިހާތަނަށް އެ ސަހަރުގެ 74،000އެއްހާ ރައްޔިތުން ވަނީ ޝަހީދުކޮށްލައިފައެވެ. އަދި 174،000އަށްވުރެ ގިނަ މީހުންނަށް ވަނީ ޒަޚަމްވެފައެވެ. ހަމަލާތަކުގެ ސަބަބުން ޣައްޒާ އެއްކޮށްހެން ވަނީ ސުންނާފަތިވެފައެވެ. ހަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް 2025ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 10ވަނަ ދުވަހު ޔަހޫދީން ނަމެއްގައި އެއްބަސްވި ނަމަވެސް ޔަހޫދީން އަދި ވެސް ދަނީ ޣައްޒާއަށް ހަމަލާތައް ދެމުންނެވެ. އެއްބަސްވުމާ ޚިލާފުވެ ޔަހޫދީން ދަނީ ޣައްޒާއަށް އެހީގެ ސާމާނާއި މުދާ ވެއްދުމަށް ދަތިކޮށް، އެ ސަހަރަށް ވަދެ ނިކުތުމަށް ވެސް އަދިވެސް ދަތިކުރަމުންނެވެ. އޭގެ ސަބަބުން ޣައްޒާގެ ރައްޔިތުންގެ އާންމު ދިރިއުޅުމަށް ވަނީ ހުރަސްއެޅިފައެވެ. އެންމެ ޒަރޫރީ ޚިދުމަތްތައް ވެސް ޣައްޒާގެ ދެ މިލިއަނެއްހާ ރައްޔިތުންގެ ތެރެއިން ގިނަ މީހުންނަށް ނުލިބެއެވެ.

ޣައްޒާގެ ޞިއްޙީ ވުޒާރާއިން އެންމެ ފަހުން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެއްބަސްވުމަށް ޢަމަލުކުރަން ފެށި ފަހުން ވެސް ޔަހޫދީން ވަނީ ޣައްޒާގެ 1،386 ރައްޔިތުން ޝަހީދުކޮށްލައި 4،784 މީހުންނަަށް ޒަޚަމްކޮށްލައިފައެވެ.