އދ. ގައި ދިވެހިރާއްޖޭގެ އަޑު އަބަދުވެސް އިވިގެންދާނީ، ބިނާކުރަނިވި އަދި އުސޫލްތަކުގައި ހިފަހައްޓާ ޤައުމެއް ގޮތުގައިކަމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެވެ. ވަޒީރު މިހެން ވިދާޅުވެފައިވަނީ ދިވެހިރާއްޖެ އދ. މެންބަރު ޤައުމަކަށްވިތާ 61 އަހަރު ފުރުމުގެ މުނާސަބާގައި ދެއްވި ޚާއްސަ މެސެޖުގައެވެ.
ޚާރިޖީ ވަޒީރުގެ މެސެޖުގައި މީގެ 61 އަހަރު ކުރިން އދ.ގެ މެންބަރަކަށް ދިވެހިރާއްޖެ ވުމަކީ، އެހެން ޤައުމުތަކެކޭ އެއްފަދައިން ހަމަހަމަ، މުސްތަޤިއްލު އަދި ސިޔާދަތީ ޤައުމެއްގެ ގޮތުގައި ރާއްޖޭގެ މަޤާމު ކަށަވަރުކޮށްދިން ތާރީޚީ ނިންމުމެއް ކަމަށް ވިދާޅުވިއެވެ. އަދި އޭގެ ފަހުން ވޭތުވެދިޔަ 6 ދަހަރަށްވުރެ ދިގު މުއްދަތުގައި އެ މެންބަރުކަން ވެފައިވަނީ ރާއްޖެއިން އަމަލުކުރަމުންއައި ޚާރިޖީ ސިޔާސަތުގެ މައިގަނޑު ބިންގާ ކަމުގައިކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ކުދި ޖަޒީރާ ތަރައްޤީވަމުން އަންނަ ޤައުމުތައް (ސިޑްސް)ގެ ޙައްޤުތަކާއި މަޞްލަޙަތުތަކަށް ވަކާލާތުކޮށް، ބައިނަލްއަޤްވާމީ މުޖުތަމަޢުގައި އަޑު އުފުލުމަށް އދ. އަކީ ރާއްޖެއަށް ނުހަނު މުހިންމު މަންސައެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިގޮތުން، މާލޭ ޑެކްލަރޭޝަނުން ފެށިގެން އެއޯސިސް އުފެއްދުމުގައާއި، ސާފު ތިމާވެއްޓެއް އޮތުމުގެ ޙައްޤު ބަލައިގަތުމަށް ރާއްޖެއިން އަދާކުރި އިސް ދައުރުގެ މައްޗަށް އެކަމަނާ އަލިއަޅުއްވާލެއްވިއެވެ. މީގެ އިތުރުން، ކުދި ޖަޒީރާ ޤައުމުތަކުގެ ތަރައްޤީގެ މިސްރާބު ކަނޑައެޅުމުގައި އެޤައުމުތަކުން އިސްނަގައިގެން ކުރިއަށް ދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވާފައިވާކަން ފާހަގަކުރައްވައި، 'އަބާސް' އެޖެންޑާ ތަންފީޒުކުރުމަށް މިހާރު އަމާޒު ހިފާފައިވާކަން މެސެޖުގައި ވިދާޅުވިއެވެ.
މޫސުމަށް އަންނަ ބަދަލުތަކަކީ އަދިވެސް ރާއްޖެއާއި ކުދި ޖަޒީރާ ޤައުމުތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުންކަން ބަޔާންކުރައްވަމުން، ވަޒީރު ވަނީ ފަސޭހައިން ލިބޭނެ މޫސުމީ މާލީ އެހީތެރިކަމަށާއި، 'ލޮސް އެންޑް ޑެމޭޖް ފަންޑު' ގެ ދަށުން ވެފައިވާ ވަޢުދުތައް ޢަމަލީގޮތުން ތަންފީޒުކުރުމަށް ގޮވާލައްވާފައެވެ. އަދި ދަރަނި މެނޭޖުކުރުމާއި، ތަރައްޤީވަމުން އަންނަ ޤައުމުތަކަށް އަތްފޯރާފަށުގައި މާލީ އެހީތެރިކަން ލިބޭނެ ބައިނަލްއަޤްވާމީ މާލީ ނިޒާމެއް ޤާއިމުކުރުމަށް ގޮވާލައްވައި، މިއީ ހަމައެކަނި ޤަރާރުތަކެއްގެ ބަދަލުގައި ޙަޤީޤީ ޢަމަލީ އިޞްލާޙީ ބަދަލުތަކަކަށް ވާންޖެހޭނެކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ވަޒީރުގެ މެސެޖު ނިންމަވާލެއްވަމުން ބައިނަލްއަޤްވާމީ ނިޒާމާމެދު އޮންނަ އިތުބާރަށް ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާ މި ދަނޑިވަޅުގައި، އދ. ގެ ޗާޓަރުގެ އަސާސީ އުޞޫލުތަކަށާއި ޤައުމުތަކާއި ޖަމީއްޔާ ޖަމަޢާތްތަކާއި މެދުގައި އޮންނަ ގުޅުން ރާއްޖޭއިން ދަމަހައްޓާނެ ކަމުގެ ޔަޤީންކަން ދެއްވަމުންނެވެ. އަދި ޤައުމުގެ ކުޑަބޮޑުމިނަށް ބެލުމެއްނެތި، އިންޞާފު ނަގަހައްޓައި އިންސާނީ ޙައްޤުތައް ކުރިއެރުވުމުގައި ރާއްޖެއިން ދެމިއޮންނާނެކަމުގެ ޔަޤީންކަން ދެއްވައި، ފާއިތުވި 61 އަހަރުގެ ތެރޭގައި ރާއްޖެއާއެކު ސާބިތުވެ ތިއްބެވި އދ. ގެ ނިޒާމާއި ބައިވެރިވާ ޤައުމުތަކަށް ޚާރިޖީ ވަޒީރު ވަނީ ޝުކުރު އަދާކުރެއްވާފައެވެ.