ރާއްޖެއަށް ދިމާވެފައިވާ ޕްލާސްޓިކް ކުނީގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް ދިރާސާތައް ކުރެވެމުންދާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކަކީ އޭގެ ސަބަބުން ތިމާވެއްޓަށްވެސް ގިނަ ގެއްލުންތަކެއް ލިބޭ އެއްޗެކެވެ. މިކަމަށް ދެމެހެއްޓެނިވި ހައްލުތަކެއް ބޭނުންވާ އިރު، ތަފާތު އެކި މޮޑެލްތައް ރާއްޖެއަށް ތައާރަފްކުރުމަށް ދިރާސާތައް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މިކަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަމުން ޑިރެކްޓަރ ޖެނެރަލް ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލޫޝަން ކޮންޓްރޯލް އަހުމަދު މުރުތަޟާ ވިދާޅުވީ، ޕްލާސްޓިކްގެ މައްސަލަ ދެމެހެއްޓެނިވި ގޮތެއްގައި ހައްލުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ތަފާތު މޮޑެލްތަކުގެ ދިރާސާތައް ކުރެވެމުންދާ ކަމަށެވެ. އެގޮތުން އެކްސްޓެންޑެޑް ޕްރޮޑިއުސަރ ރެސްޕޮންސިބިލިޓީ، އީޕީއާރު ތައާރަފްކުރުމަށް އެކަމާ ގުޅޭ ފްރޭމްވޯކެއް އެކުލަވާލުމުގެ މަސައްކަތް ކުރެވެމުންދާކަމަށް މުރުތަޟާ ވިދާޅުވިއެވެ.
"އީޕީއާރު ތައާރަފްކުރީމަ ނުޖެހޭނެ ވަކި ސައިޒެއްގެ ފުޅިތައް މަނާކުރާކަށްވެސް، އޭގަ އަޅުގަނޑުމެންނަށް ކަލެކްޝަން ސެންޓަރުތަކެއް ޤައުމުކުރެވި، އުކާލާ ފުޅިތައް މަދުކުރެވޭނެ ކަމަށް ޤަބޫލުކުރެވެނީ، އީޕީއާރު ނުވާނެ ރާއްޖެ ފަދަ ޤައުމަކަށް ތަންފީޒުކުރަން ފަސޭހަ ކަމަކަށް، މިކަމަށް ދިރާސާތަކެއް ކުރެވެމުން މިދަނީ، އީޕީއާރު ފްރޭމްވޯކެއް މިހާރު ވަނީ އެކުލަވާލާފައި،" މުރުތަޟާ ވިދާޅުވިއެވެ.
އީޕީއާރު ނުވަތަ އެކްސްޓެންޑެޑް ޕްރޮޑިއުސަރ ރެސްޕޮންސިބިލިޓީ އަކީ އުފެއްދުމެއް އުފައްދާ ޤައުމުތަކުގަ ތަކެތި އުފައްދާ ފަރާތްތަކުން ނުވަތަ ބާޒާރަށް ނެރޭ ފަރާތްތަކުން އެތަކެއްޗަށް ޒިންމާވާ ގޮތަށް ހިންގާ ނިޒާމެކެވެ. ނަމަވެސް، ރާއްޖޭގައި މި ނިޒާމު ތަޢާރަފުކުރުމުން ވަކި ސައިޒުތަކެއްގެ ޕްލާސްޓިކް މަނާކުރުމުގެ ބަދަލުގައި، ހަރުދަނާ ކަލެކްޝަން ނުވަތަ ކުނި އެއްކުރާ ނިޒާމެއް ޤާއިމުކުރެވިގެންދާނެއެވެ. މީގެ ސަބަބުން ތިމާވެއްޓަށާއި އެކި ތަންތަނަށް އުކާލެވޭ ޕްލާސްޓިކް ފުޅިތަކުގެ ޢަދަދު ވަރަށް ބޮޑަށް މަދުވެގެންދާނެއެވެ.
ރާއްޖެ ފަދަ ޖަޒީރާ ޤައުމަކަށް އީޕީއާރު ތަންފީޒުކުރުމަކީ ގޮންޖެހުންތަކެއް ހުރި ކަމަކަށް ވީނަމަވެސް، މިކަން ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ޚާއްޞަ ދިރާސާތަކެއް ދަނީ ކުރެވެމުންނެވެ. މި ދިރާސާތަކުގެ އަލީގައި އީޕީއާރުގެ ޤައުމީ ފްރޭމްވޯކެއް އެކުލަވާލެވޭނެއެވެ. މި ފްރޭމްވޯކްގެ ދަށުން މި ނިޒާމުގައި ހިމަނާނީ ކޮންކޮން އުފެއްދުންތަކެއްކަން ކަނޑައެޅިގެންދާނެއެވެ. އެގޮތުން ވަކި ސައިޒުތަކެއްގެ ޕްލާސްޓިކާއި، އެހެނިހެން ބާވަތްތަކުގެ ތަކެއްޗާއި، އަދި ތިމާވެއްޓަށް ނުރައްކާތެރި މާއްދާތައް ހިމެނޭ އުފެއްދުންތައް މި ނިޒާމުގެ ތެރެއަށް ގެނައުމަށް ރާވާފައިވާ އަހުމަދު މުރުތަޟާ ވިދާޅުވިއެވެ.
ރާއްޖޭގައި އީޕީއާރު ތަންފީޒުކުރުމުގައި ބޭނުންކުރުމަށް މައިގަނޑު ދެ މޮޑެލެއް ވަނީ ފާހަގަކޮށްފައެވެ.
ޓޭކްބެކް ސިސްޓަމް: މިއީ ރާއްޖެއަށް އެތެރެކުރާ ތަކެތީގެ ބޭނުން ހިފޭ މުއްދަތު (އެންޑް އޮފް ލައިފް) ހަމަވުމުން، އެ ތަކެތި އަނބުރާ ގެންދިއުމުގެ ނުވަތަ އެ ތަކެތި އުފެއްދި ފަރާތުން ރާއްޖެއިން ބޭރުކުރުމުގެ ނިޒާމެކެވެ. މިއީ މިހާރުވެސް ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ޤައުމުތަކުގައި ކާމިޔާބުކަމާއެކު ހިންގަމުން އަންނަ އުސޫލެކެވެ.
ކޮންޓެއިނަރ ޑިޕޮސިޓް ސްކީމް: މި ނިޒާމުގެ ދަށުން، ރާއްޖެއަށް މުދާ އެތެރެކުރާ ހިސާބުން (ޕޯޓް އޮފް އެންޓްރީން) ވަކި ޗާޖެއް ނުވަތަ ޑިޕޮސިޓެއް ނެގޭނެއެވެ. މި އަގު މުދަލުގެ އަގާއެކު ކޮންސިއުމަރު (ބޭނުންކުރާ މީހާ) އާ ހަމައަށް ދިޔަނަމަވެސް، އެ އެއްޗެއް ބޭނުންކޮށް ނިމުމުން އެ ފުޅި ނުވަތަ ކޮންޓެއިނަރ އަނބުރާ ހަވާލުކުރުމުން އެ ފައިސާ ކޮންސިއުމަރަށް އަނބުރާ ލިބޭނެއެވެ. މިއީ މީގެ ކުރިން ރާއްޖޭގައި ކޮކާކޯލާ ބިއްލޫރި ފުޅިތަކަށް ގެންގުޅުނު ފަދަ، ދިވެހިންނަށް ފަރިތަ ނިޒާމެކެވެ. މީގެ ކުރިންވެސް ބޭނުންކޮށްފައިވާ ނިޒާމަކަށް ވުމުން، މިއީ ރައްޔިތުންނަށް ފަސޭހައިން ބަލައިގަނެވޭނެ އަދި ކުނީގެ މައްސަލައަށް ބޮޑު ހައްލެއް ގެނެސްދޭނެ ކަމެކެވެ.
ސަރުކާރުން މަސައްކަތް ކުރަމުންދަނީ މި ނިޒާމުތައް ޤާއިމުކޮށް، ޤާނޫނީ އަދި އިދާރީ އޮނިގަނޑު ފުރިހަމަކޮށްގެން ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށެވެ.