ޚަބަރު

އަތުލިޔުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި


  • މުބާރާތް ބާއްވަނީ އަލްމަރުޙޫމް ޢަލީ ފަހުމީގެ ހަނދާނަށް

  • ފޯމު ހުށައެޅޭނީ އޮކްޓޫބަރު 8އާ ހަމައަށް

  • މައިގަނޑު 3 ބައެއް މުބާރާތުގައި ހިމެނޭ

އަތުލިޔުމުގެ ފުރަތަމަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތް ކުރިއަށްގެންދަނީ ދިވެހިބަހުގެ އެކެޑަމީންނެވެ.

މި މުބާރާތް ބާއްވަނީ އަލްމަރުޙޫމް ޢަލީ ފަހުމީ (ތަބައް ޢަލިފުޅު)ގެ ހަނދާނަށް ނިސްބަތްކޮށެވެ. ޢަލީ ފަހުމީއަށް ވަނީ ތާނަ ޢަރަބި ލިޔުމުގެ ރޮނގުން، 1979ވަނަ އަހަރު ޢާއްމު ޚިދުމަތުމަތުގެ އިނާމު ލިބިވަޑައިގެންފައެވެ.

އަތުލިޔުމުގެ މުބާރާތުގެ މަޤުޞަދަކީ ރީތިކޮށް ތާނަ ލިޔާ މީހުންގެ އަގުވަޒަންކޮށް ހިތްވަރުދިނުމައި ތާނަ އަކުރު ލިޔުމުގައި އުފެއްދުންތެރި އީޖާދީ ގޮތްތައް ނެރުމެވެ. އަދި ދިވެހިބަހަށާއި ތާނަ އަކުރަށް އޮފީސްތަކުގެ މުވައްޒަފުންނާއި އާއްމު ރައްޔިތުންގެ ހިތްތަކުގައި އޮންނަ ލޯތްބާއި ޝައުގުވެރިކަން އިތުރުކުރުމެވެ.

އަތުލިޔުމުގެ ޤައުމީ މުބާރާތް ބާއްވަނީ ދެ ގިންތިއަކަށެވެ. އެއީ އޮފީސްތަކުގެ ބައި އަދި އަމިއްލަ ފަރާތްތަކުގެ ބައިންނެވެ.

މި މުބާރާތުގައި ހިމެނޭ މައިގަނޑު 3 ބައި:

* ރީތިލިޔުން
* އަވަސްލިޔުން
* އަތްތެރިލިޔުން

މުބާރާތުގައި ބައިވެރިވާ ކޮންމެ އޮފީހަކުން ވެސް މުބާރާތް ބަހައިލެވިފައިވާ މައިގަނޑު 3 ބައިގެ ތެރެއިން ކޮންމެ ބަޔަކުން ވެސް ބައިވެރިކުރެވޭނީ ގިނަވެގެން 5 މުވައްޒަފުންނަށެވެ.

އަމިއްލަ ފަރާތްތަކުން ބައިވެރިވެވޭނީ، 2025 ޑިސެންބަރު 31އަށް 18 އަހަރު ފުރިފައިވާ މީހުންނަށެވެ.
މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެ ކަމަށް އެދި އޮކްޓޯބަރު 8، ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން ފޯމު ހުށައަޅަންޖެހޭނެއެވެ.

މުބާރާތުގެ ޤަވާއިދު ދިވެހި ބަހުގެ އެކެޑަމީގެ ވެބްސައިޓްއިން ބެލޭނެއެވެ.

މި މުބާރާތް އެ ބޭފުޅަކަށް ނިސްބަތްކުރާ، ޢަލީ ފަހުމީއަކީ ރީތިކޮށް ތާނަ ޢަރަބި ލިޔުއްވުމަށް ރާއްޖެއަށް މަޝްހޫރު ބޭބޭފުޅުންގެ ތެރެއިން، ލާމަސީލު މިސާލެކެވެ. ޚާއްޞަކޮށް ޢަރަބި ލިޔުމުގެ ރޮނގުންނެވެ. ފަހަކަށް އައިސް ޢަރަބި ލިޔަން ކުޅަދާނަ މޮޅު ޒުވާން ލިޔުންތެރިން އުފެދިފައިވިނަމަވެސް، މަޝްހޫރު ތަބައް ޢަލިފުޅުގެ ލިޔުމާ އެއްފެންވަރަކަށް ނުލިޔެވެއެވެ. ޢުމުރުން ދުވަސްވުމުންވެސް ލިޔުކަމަށް ކުޑަވެސް ބަދަލެއް ނާދެއެވެ.

އަލްމަރުޙޫމް ޢަލީ ފަހުމީ (ތަބައް ޢަލިފުޅު)ގެ ލިޔުންތައް ވަރަށްގިނަ މައުރަޒަށް ހުށަހެޅި، އެއްވަނަ ލިބިފައިވެއެވެ.