ޚަބަރު

ގްރޭންޑްމާސްޓަރެއް ބަލިކޮށް، ޝުޢާއުއަށް ތާރީޚީ މޮޅެއް


  • މިއީ މިހާތަނަށް ރާއްޖޭގެ އެތުލީޓަކަށް ގްރޭންޑްމާސްޓަރެއް ބަލިކުރެވުނު ފުރަތަމަ ފަހަރު

  • ޝުޢާއު އަތުން ބަލިވި އިގޯވަނީ ވޯލްޑްކަޕްގައިވެސް ވާދަކޮށްފައި

ރާޒުވާގެ އެންމެ ބޮޑު އެއް މުބާރާތްކަމަށްވާ ޗެސް އޮލިމްޕިއާޑްގައި ވާދަކުރަމުންދާ ޤައުމީ ރާޒުވާ ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިޔާ މުޙައްމަދު ޝުޢާއު ގްރޭންޑްމާސްޓަރެއް ބަލިކޮށް، ތާރީޚީ މޮޅެއް ހޯދައިފިއެވެ.

ޝުޢާއު މިކާމިޔާބީ ހޯދާފައިވަނީ އުޒްބެކިސްތާނުގެ ސިލްކް ރޯޑް ސަމަރކަންޑް ކޮމްޕްލެކްސްގައި ކުރިއަށްދާ މުބާރާތުގެ ތެރެއިން ޗެސް ގްރޭންޑްމާސްޓަރެއްކަމަށްވާ މޮނާކޯގެ އިގޯ އެފިމޮވް ބަލިކޮށްގެންނެވެ.

އުމުރުން 66 އަހަރުގެ ޗެސް ގްރޭންޑްމާސްޓަރު އިގޯ އެފިމޮވްއަކީ ޗެސް ވޯލްޑްކަޕްގައިވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ. މިހާތަނަށް 900 އަށްވުރެ ގިން މުބާރާތްތަކުގައި ވާދަކޮށްފައިވާ ތަޖުރިބާކާރު ކުޅުންތެރިޔާގެ ފިޑޭ ރޭޓިންއަކީ 2263 އެވެ.

ރާއްޖޭގެ އެއްވަނަ ކުޅުންތެރިޔާ އަދި ޤައުމީ ޓީމުގެ ކެޕްޓަން، 4 ގޭމުން އިގޯ ބަލިކޮށް، 2.5 ޕޮއިންޓް ހޯދާފައިވާއިރު، އޭނާ ދަނީ މުބާރާތުގައި މޮޅު ކުޅުމެއްދައްކަމުންނެވެ. ފިޑޭ ރޭޓިންގައި 2207 ހޯދާފައިވާ ޝުޢާއުއަކީ ރާއްޖޭގައި އެންމެ މަތީ ފިޑޭ ރޭޓިންއެއް ދަމަހައްޓަމުން އަންނަ އެތުލީޓެވެ.

މުބާރާތަށް ފުރުމުގެ ކުރިން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ޝުޢާއު ބުނެފައިވަނީ އަމާޒަކީ ވާދަކުރާ ކެޓަގަރީއިން ރަން މެޑައްޔެއް ހޯދުންކަމަށެވެ. މުބާރާތަށް ދުރާލާ ފަރިތަކޮށްފައިވާއިރު، ޤައުމީ ޓީމުން މުބާރާތަށް ތައްޔާރުވެފައިވަނީ ކްރޮއޭޝިއާގެ ކޯޗެއްގެ އިރުޝާދުގެ ދަށުންނެވެ.

46 ވަނަ ފިޑޭ ޗެސް އޮލިމްޕިއާޑްގައި ރާއްޖޭން އޯޕަން އިވެންޓުގައި ވާދަކުރަނީ "ޑީ" ކެޓަގަރީގައެވެ. އަދި އަންހެން ޓީމު ހިމެނެނީ "އީ" ކެޓަގަރީގައެވެ.

މިމަހުގެ 15 އިން 28 އަށް ކުރިއަށްދާ މިމުބާރާތުގައި ރާއްޖޭގެ 10 ކުޅުންތެރިން ވާދަކުރެއެވެ.