ޚަބަރު

ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި މާރާމާރީ ހިންގި 6 މީހަކަށް ދައުވާކުރަން ފޮނުވައިފި


  • މި ހަމަނުޖެހުން ހިނގީ މިދިޔަ މަހު މާފުށީގައި

  • ފުލުހުން އެޓެންޑްވީ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން

  • ދައުވާ ކުރަން ފޮނުވީ މިމަހުގެ 10ގައި

ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ހައްޔަރުކުރި 6 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ.

މިއީ ކ. މާފުށީގައި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކުރާކަމުގެ ތުހުމަތުގައި، އޮގަސްޓު 11 ވަނަ ދުވަހުގެ 13:00 އެހައިކަންހާއިރު މީހަކު ބަލައިފާސްކުރަމުން ދަނިކޮށް ފުލުހުންގެ ވާޖިބުއަދާކުރުމަށް ހުރަސްއަޅައި، ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި 6 މީހުންނެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ، ހެވަން / ކ. މާފުށި، މުޙައްމަދު ޝާބިން ޝުޖާޢު (18އ) އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މާފުށި މެޖިސްޓްރޭޓް ކޯޓަަށް ހާޒިރުކުރުމުން ޝަރުތުކުރުމަށްފަހު ވަނީ ދޫކޮށްލާފައެވެ. އޭނާ ޝަރުތުކުރުމަށްފަހު ދޫކޮށްލާފައިވާތީ އެ އަމުރު ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ދެން ހައްޔަރުކޮށްފައި ވަނީ ސްޓާރލައިން / ކ. މާފުށި، އަބްދުﷲ ނިހާދު (30އ) އާއި ގްރީންޕާރކް / ކ. މާފުށި، އިބްރާހީމް ސުނީޒް (41އ) އާއި ވާރޭވިލާ / ކ. މާފުށި، އަޙްމަދު އަހުނަފް އަސްފާޤު (24އ) އާއި ފާއިޒާމަންޒިލް / ކ. މާފުށި، ޙަސަން ނަބީލު (32އ) އަދި ގްރީންޕާރކް / ކ. މާފުށި، މުޙައްމަދު ޝައިޙާން (21އ) އެވެ. މި އެންމެން ވެސް ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރުގެ ދަށުންނެވެ.

އެ މީހުންގެ ތެރެއިން އަބްދުﷲ ނިހާދު ހައްޔަރުކޮށްފައި ވަނީ އޮގަސްޓު 14 ވަނަ ދުވަހުއެވެ. އޭނާގެ ބަންދު މުއްދަތު ހަމަވާނީ އޮކްޓޫބަރު މަހުގެ 4 ވަނަ ދުވަހުއެވެ. އިބްރާހީމް ސުނީޒް ހައްޔަރުކޮށްފައި ވަނީ އޮގަސްޓު 15 ވަނަ ދުވަހުއެވެ. އޭނާގެ ބަންދު މުއްދަތު ހަމަވާނީ މި މަހުގެ 23 ވަނަ ދުވަހުއެވެ. އަޙްމަދު އަހުނަފް އަސްފާޤު ހައްޔަރުކޮށްފައި ވަނީ އޮގަސްޓު 19 ވަނަ ދުވަހުއެވެ. އޭނާގެ ބަންދު މުއްދަތު ހަމަވާނީ އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހުއެވެ.

މުޙައްމަދު ޝައިޙާން ހައްޔަރުކޮށްފައި ވަނީ އޮގަސްޓު 28 ވަނަ ދުވަހުއެވެ. އޭނާގެ ބަންދު މުއްދަތު ހަމަވާނީ މި މަހުގެ 27 ވަނަ ދުވަހުއެވެ. ޙަސަން ނަބީލު ހައްޔަރުކޮށްފައި ވަނީ އޮގަސްޓު 29 ވަނަ ދުވަހުއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން އޭނާ ވަނީ ދޫކޮށްލާފައެވެ.