ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި ޚިދުމަތްތެރި ދާޢީ ފަޟީލަތުއްޝައިޚް އަލްމަރުޙޫމް އިބްރާހީމް ފަރީދު އަޙްމަދުގެ ހަނދާނުގައި މިސްކިތެއް ބިނާކުުރުމަށް ޚިދުމަތް ޖަމްޢިއްޔާއާއެކު އެއްބަސްވުމެއް އެކުލަވާލައިފިއެވެ.
އިސްލާމީ ކަންތައްތަކާއި އަޢުޤާފާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ވުޒާރާއިން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އަލްމަރުޙޫމް އިބްރާހީމް ފަރީދުގެ ހަނދާނުގައި މިސްކިތެއް ބިނާ ކުރަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެފައިވަނީ އެ މިސްކިތް ބިނާ ކުރައްވާނީ އިސްލާމީ ޢިލްމުގެ ލައިބްރަރީއަކާއި ޤުރުއާން ކިޔަވައިދެވޭނެ ކްލާސްރޫމްތަކާއެކު، ޝެއިޚް ކުރެއްވި މަސައްކަތް ދިރުވާ އާލާކުރާނެ ތަނެއްގެ ގޮތުގައި ކަމަށެވެ.
ރައްޖޭގައި ޝައިޚް ފަރީދުގެ ހަނދާނުގައި މިސްކިތެއް ބިނާ ކުރާއިރު، އެއްފަހަރާ 300 އަށްވުރެ ގިނަ މީހުންނަށް ނަމާދު ކުރެވޭނެ ޖާގައިގެ މިސްކިތެއް ބަންގްލަދޭޝަގައިވެސް ވަނީ ބިނާކޮށްފައެވެ. އެ މިސްކިތް ހުޅުވީ މިއަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައެވެ.
ދިވެހި ރައްޔިތުން ދީނީ ކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް، ވަކިން ޚާއްސަކޮށް އިސްލާމްދީނާއި ކީރިތި ރަސޫލާގެ ސުންނަތަށް މީހުން ހޭލުންތެރިކުރުމަށް ތަފާތު ގިނަ ގުނަ ދަރުސްތަކެއް ޝައިޚް ވަނީ ދެއްވާފައެވެ. އެގޮތުން ޝައިޚް ފަރީދުގެ ދަރުސްތަކާއި ހޭލުންތެރިކުރުމުގެ ހަރަކާތްތަކަކީ އެތައް ބައެއްގެ ސަމާލުކަން ލިބުނު އަދި އެދަރުސްތައް ގިނަ ބަޔަކު އަޑުއަހައި އެއަށް އަމަލުކުރި ދަރުސްތަކެއްކެކެވެ.
އުމުރުފުޅުން 53 އަހަރުގެ ފަޟީލަތުއްޝައިޚް އަލްމަރުޙޫމް އިބްރާހީމް ފަރީދު އަޙްމަދު ނިޔާވީ މިދިޔަ އަހަރުގެ ޖޫން މަހުގެ 9ވަނަ ދުވަހުއެވެ. އެއީ ދީނީ ދަޢުވަތުގެ މަސައްކަތެއްގައި މެލޭޝިޔާއަށް ވަޑައިގެން ކުއަލަލަންޕޫރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުންނަވަނިކޮށެވެ.