ހައްސާސް މައްސަލަތައް ހައްލުކުރުމަށާއި، ފަންނީ ދާއިރާތަކުގައި އަންހެން ފުލުހުން ކުރީ ސަފުގައި ހަރަކާތްތެރިވެ އެކަމުގެ ހެޔޮ ނަތީޖާ މުއައްސަސާއަށާއި ޤައުމަށް ކުރަމުންދާކަމަށް ސިއްޙަތާއި އާޢިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ވިމެން އިން ޕޮލިސިން ދުވަސް 2026 ފާހަގަކުރުމަށް ކުރިއަށްގެންދިޔަ ހަރަކާތުގައި ވަޒީރު ޤީލާ ވަނީ ފުލުހުންގެ ޚިދުމަތުގެ ތާރީޚަށް ނަޒަރު ހިންގާލާއިރު އަންހެން ފުލުހުންނަކީ ޚިދުމަތުގެ މުހިންމު އެއް ތަނބުކަން ފާހަގަކުރައްވާފައެވެ.
ވަޒީރު ވިދާޅުވީ ފުލުހުންގެ ޚިދުމަތް މަދަނީ އިދާރާއެއްގެ ގޮތުގައި އުފެދިގެން އައިރު މަދު އަންހެން ފުލުހެއް ތިބިނަމަވެސް މިހާރު އެއަދަދު އެތައް ގުނައަކަށް އިތުރުވެފައިވުމަކީ މުޖުތަމަޢު ކަނބަލުންނަށް ބޭނުންޖެހިފައިވާކަމަށް ދައްކުވައިދޭ ރަމްޒެއްކަމަށެވެ.
ކަނބަލުންނަށް ޚާއްސަކޮށްގެން ހިނގާ ތަމްރީންތަކާއި ކަނބަލުންނަށް އަމާޒުކޮށްގެން މުއައްސަސާގައި އެކުލަވާލާފައިވާ ސިޔާސަތުގެ ސަބަބުން ފުލުހުންގެ ދާއިރާގައި މަސައްކަތްކުރުމަށް ޝައުގުވެރިވާ ކަނބަލުން އިތުރުވެގެން ދިޔުމަކީ ފާހަގަކޮށްލެވޭ ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެއީ މުއައްސަސާގައި މިންތީގެ ހަމަހަމަކަމަށް ދޭ އިސްކަމެއްކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ޒަމާނަށް އަންނަމުންދާ ބަދަލާއި މުޖުތަމަޢުގައި ޖެހެމުންދާ އޮއެވަރުތަކަށް ބަލާއިރު ޤާނޫނު ތަންފީޒްކުރުމުގެ ދާއިރާގައި އަންހެނުންގެ ދައުރަކީ ވަރަަށް މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މިއަދު މިދައުރު އަދާކުރުމުގައި ކަނބަލުން ނުރައްކާތެރި ހާލަތްތަކުގައި ކުރިމަތިލުމުގައްޔާއި މުޖުތަމަޢުގައި އޮންނަ ގުޅުން ބަދަހި ކުރުމުގައި ކާމިޔާބީއާއި ކުރިއެރުންތަކެއް ހޯދަވާފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ޚާއްސަކޮށް ހައްސާސް މައްސަލަތައް ހައްލުކުރުމާއި، ފަންނީ ދާއިރާތަކުގައި ކަނބަލުން ކުރީ ސަފުގައި ހަރަކާތްތެރިވެ އެކަމުގެ ނަތީޖާ ވަޒީރު ވިދާޅުވިއެވެ.
"ދާޚިލީ ސަލާމަތާ ގުޅޭ މުހިންމު ދައުރެއް އަދާކުރާ މުއައްސަސާއެއްގައި ކަނބަލުން ވަޒީފާ އަދާކުމަކީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިލާންޖެހޭ ކަމެއް. ޢާއިލީ ޒިންމާތަކާއި ވަޒީފާގެ ބުރަކަން އެއްވަރެއްގައި ހިފެހެއްޓުމަކީ މިއަދު ފަސޭހަކަމެއް ނޫން. ވަޒީފާގައި އިސްކަން ދިނުމަކީ ކޮނޑުގައި އެޅިފައިވާ ބޮޑު މަސްއޫލިއްޔަތެއް. ހަމައެއާއެކު ގޭތެރޭގައި މައެއްގެ ހައިސިއްޔަތުންނާއި ދައްތައެއްގެ ހައިސިއްޔަތުން ނުވަތަ މާމައެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާތަކާއި މަސްޢޫލިއްޔަތުތަކަކީ ކުޑަކަމެއް ނޫން." ސިއްޙަތާއި އާޢިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވިއެވެ.
ވަޒިރު ވަނީ ކަނބަލުން ދައްކާ ހިތްވަރަކީ މުޖުތަމަޢަށް ލިބޭ ފަޚުރެއްކަން ފާހަގަކުރައްވާ ތަމްރީންގެ ދާއިރާގައި ބައިނަލްއަޤްވާމީ ގުޅުންތަކުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަށް ލިބޭ ފުރުޞަތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި އޯގާތެރިކަމާއި ކެތްތެރިކަމާއެކު ޚިދުމަތް ފޯރުކޮށްދީ އެ ފަރާތްތަކަށް އެހީތެރިވުމަށް އިލްތިމާސްކުރެއްވިއެވެ.