އެކުވެރި ދައުލަތްތައް، އދ. ގައި ހުރިހާ ޤައުމަކަށް ހަމަހަމަ ފުރުސަތު ހޯދަދިނުމަށް ރާއްޖޭން އަބަދުވެސް ވަކާލާތު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ، އދ. ގެ މެންބަރު ޤައުމަކަށްވިތާ 61 އަހަރު ފުރުމުގެ މުނާސަބަތުގައި ފޮނުއްވި ޚާއްސަ މެސެޖެއްގައެވެ. ރާއްޖޭން އދ. ގެ މެންބަރު ޤައުމަކަށްވެފައިވަނީ 21 ސެޕްޓެމްބަރ 1965ގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އދ. އަށް އިސްލާހީ ބަދަލުތައް ގެނައުމަށާއި އެ ޖަމުޢިއްޔާ ތެރޭގައި ހުރިހާ ޤައުމަކަށް ހަމަހަމަކަމާއެކު ތަމްސީލުވުމުގެ ފުރުޞަތު ހޯދައިދިނުމަށް ވަކާލާތު ކުރުމުގައި ދިވެހިރާއްޖެއިން ސާބިތުކަމާއެކު ދެމި އޮންނާނެ ކަމަށެވެ. އަދި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް އިސްކަންދޭ ކަންކަން ކުރިއެރުވުމަށާއި، މާނަހުރި ގޮތެއްގައި އެ ޤައުމުތަކުގެ ބައިވެރިވުން ކަށަވަރުކުރުމަށް ރާއްޖެއިން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.
ރައީސް ވިދާޅުވީ ދެމެހެއްޓެނިވި ތަރައްޤީ ކުރިއެރުވުމަށާއި، މޫސުމީ ބަދަލުތަކަށް ވިލުންތެރި ބައިނަލްއަޤްވާމީ އިޤްތިޞާދެއް ބައްޓަންކުރުމުގައި ކުދި ޖަޒީރާ ޤައުމުތަކުގެ އަޑު މާނަހުރި ގޮތެއްގައި ޝާމިލުކުރުން ކަށަވަރުވާންޖެހޭ ކަމަށެވެ. އެހެންވެ އެކަން ކަށަވަރުކުރުމަށް ރާއްޖޭން އދ. އާއެކު ގާތުން މަސައްކަތްކުރައްވަމުންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން މޫސުމީ ބަދަލުތަކަށް ވިލުންތެރިވުމަށާއި، ދަރަނީގެ މައްސަލަތަކަށް ދެމެހެއްޓެނިވި ޙައްލުތަކެއް ހޯދައި، ދަރަނި ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖުކުރުމަށާއި، އެކަށީގެންވާ މާލީ އެހީތެރިކަން ފަސޭހައިން ލިބޭނެ މަގު ތަނަވަސްކުރުމަށާއި، ކުދި ޖަޒީރާ ޤައުމުތަކުގެ ޤާބިލުކަން އިތުރުކުރުމަށް ފުޅާ ފުރުޞަތުތަކެއް ހޯދައިދިނުމަށް ރާއްޖޭން މެދުކެނޑުމެއްނެތި ވަކާލާތު ކުރައްވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އދ. ގައި ދިވެހިރާއްޖެއިން ހޭދަކުރި ހަ ދަހަރަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ތަރައްޤީއަށް އެ ޖަމުޢިއްޔާއިން ކޮށްދީފައިވާ މުހިންމު ޚިދުމަތްތަކާއި، ތަރައްގީވަމުން އަންނަ ޤައުމަކަށް ރާއްޖެ ވުމުގައި އަދާކުރި ރޯލު އެމަނިކުފާނުވަނީ ފާހަގަކުރައްވާފައެވެ. އަދި 2040 ވަނަ އަހަރާހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށްވުމަށް ރާއްޖެއިން ކަނޑައަޅާފައިވާ ޤައުމީ ތަޞައްވުރު ހާސިލްކުރުމަށް ކުރައްވާ މަސައްކަތުގައި އެ ޖަމުޢިއްޔާއާ އެކު އޮތް ގުޅުމުގެ މުހިންމުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ އދ. ގެ ތެރޭގައި ރާއްޖޭގެ ބައިވެރިވުމާއި އިސްދައުރު ފުޅާވަމުން އަންނަކަންވެސް ފާހަގަކުރައްވާފައެވެ. އެގޮތުން، އދ. ގެ ޢާންމު މަޖިލީހާއި އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ ނައިބު ރައީސްކަން ރާއްޖެއިން ކޮށްފައިވާއިރު، ކުރިއަށް އޮތް ތަނުގައި 'ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެން' އަދި 'އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލް' ގެ މެންބަރުކަން ރާއްޖެއިން އަދާކުރާނެކަމަށާއި އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހާއި ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް ރާއްޖެއިން އިންތިޚާބުވުމަށް ކުރަމުންދާ މަސައްކަތްތައްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ބައިނަލްއަޤްވާމީ ޤާނޫނުތަކަށާއި އދ. ގެ ޗާޓަރަށް ރާއްޖޭން އަހަންމިއްޔަތުކަން ދޭކަން ކަށަވަރުކޮށްދެއްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދޭދޭ ގުޅުމާއި މަޝްވަރާތަކަށް އިސްކަންދިނުމަކީ ބައިނަލްއަޤްވާމީ މުޖުތަމަޢަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމުގައި މުހިންމު ކަމެއް ކަމަށެވެ.
އދ. ގައި ރާއްޖެއިން އަދާކުރަމުންދާ ދައުރަށް އަލިއަޅުއްވާލައްްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ 1965 ވަނަ އަހަރު ރާއްޖޭން އެ ޖަމުޢިއްޔާއާ ގުޅުނީ ބައިނަލްއަޤްވާމީގޮތުން ބަލައިގަންނަ ޤައުމަކަށްވުމަށާއި ބައިނަލްއަގުވާމީ ޤައުމުތަކާ ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި ނަމަވެސް މިއަދު ރާއްޖޭން އެއަށްވުރެ ބޮޑެތި ޒިންމާތަކެއް އުފުލުމަށް ތައްޔާރުވެފައިވާ ކަމަށެވެ.