ޚަބަރު

"ފުލުހުންގެ ޚިދުމަތުގައި ތިއްބެވި ކަނބަލުން ލީޑަރުންްނަށް ވާންޖެހޭ"


  • ލީޑަރެއްގެ ކިބައިގައި ހުންނާނެ ސިފަތަށް ވަޒީރު ކިޔައިދެއްވި

  • ލީޑަރަކަށް ވުމަކީ މަޤާމާއި ގުޅިފައިވާ ކަމެއް ނޫންކަމަށް ވަޒީރު ވިދާޅުވި

  • މަސައްކަތު މާހައުލުގައި ވިސްނުން ބަދަލުކޮށްގެން ލީޑަރަކަށްވެވޭނެ ކަމާށް ވަޒީރު ވިދާޅުވި

ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތް ކުރާ އަންހެނުން ލީޑަރުންނަށްވުމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނީއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން ހިއްވަރު ދެއްވައިފިއެވެ. ވަޒީރު މިގޮތަށް ހިއްވަރު ދެއްވާފައިވަނީ މިއަހަރުގެ ވުމެން އިން ޕޮލިސިން ޑޭ ގެ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްވި ހިއްވަރު ދެއްވުމުގެ ވާހަކައިގައެވެ.

މި ދުވަހުގެ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ދާޚިލީ ވަޒީރު ޢަލީ އިޙްސާންއާއި ސިއްޙަތާއި އާއިލާއާއި އިޖްތިމާޢީ އެހީއާއި ބެހޭ ވަޒީރު ޤީލާ ޢަލީގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގެ ތެރެއިން ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތް ކުރާ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް އެހީތެރިވި ފަރާތްތަކަށް ވުމެއިން އިން ޕޮލިސިންގެ ފަރާތުން ވަނީ ހަނދާނީ ފިލާއަރުވާފައެވެ.

މިރަސްމިއްޔާތުގައި ބައިވެރިވެފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތް ކުރާ އަންހެން އޮފިސަރުންނާއި، ސިވިލް މުވައްޒަފުންނާއި ސްޕެޝަލް ކޮންސްޓެބިއުލަރީގައި ޚިދުމަތްކުރައްވާ ފުލުހުންނެނެވެ.

މިރަސްމިއްޔާތު ބައިވެރިންނަށް ހިއްވަރު ދިނުމަށް، ދާޚީލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން ވަނީ ވާހަކަ ދައްކަވާފައެވެ. ވަޒީރުގެ ހުށެހެޅުން ބިނާކުރެއްވީ ލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭ ސިފަތަކަށެވެ. ވަޒީރު އިޙްސާން ވިދާޅުވީ، ލީޑަރަކަށް ވުމަށް މަޤާމެއް އޮތުން މުހިންމެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެމީހާގެ ގައިގައި ލީޑަރެއްގެ ސިފަތައް އަށަގަންނަވައިފިނަމަ އޭނާ އަކީ މަސައްކަތުގެ މާހައުލުގައި ފާހަގަކޮށްލެވޭ ޝަޙްސީއްޔަތަކަށް ވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެއީ ލީޑަރެއްކަން އިޙްސާސް ވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި ލީޑަރުންނަކީ އަމިއްލަ ޤާބިލްކަމާއި ނަފުސައް އޮންނަ އިތުބާރާއި، އިސްނެގުން ކުރިއަށް ނެރޭނެ ބައެއްކަން ފާހަގަކުރެއްވިއެވެ. އަދި ލީޑަރުން އަބަދުވެސް މަސައްކަތް ކުރާނީ އެކުގައި މަސައްކަތް ކުރާ އެންމެންނާއި ގުޅިގެން، ކަންކަމުގައި އަމިއްލަ ނަޒަރިއްޔާ ހިއްސާކޮށްގެން ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން އެފަރާތްތަކު ހައްލުކުރެވޭނެ މައްސަލަތައް އިސްވެ ހައްލުކުރުމުގެ ސަޤާފަތެއް ބިނާކުރުމަށް ވަޒީރު ގޮވާލެއްވިއެވެ.

މަސައްކަތްކުރާ މާހައުލުގައި އަންހެނުންނަށް ފުރުޞަތު ދިނުމާއި، ގުޅިގެން މަސައްކަތް ކުރުމުގެ ވިސްނުމެއް ބައްޓަން ކުރުމަކީވެސް ލީޑަރެއްގެ ސިފައެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އަމިއްލަ ޤާބިލީއްޔަތުކަމުގެ މައްޗަށް އިތުރުބާރު އޮވެ ތިމާގެ މަސައްކަތުން ނަތީޖާ ނެރެވޭ ގޮތަށް ކަންކަން ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

ދާޚިލީ ވަޒީރުގެ ވާހަކަފުު ނިންމަވާލެއްވީ ހަޤީޤީ ލީޑަރުންނަކީ ތިމާވަށައިގެން ތިބި މީހުންނަށް ނަމޫނާ ދައްކާ ހިއްވަރު ގަދަ ބައެއްކަން ފާހަގަކުރައްވަމުންނެވެ. އަދި އެފަދަ ބަޔަކަށް ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތް ކުރާ އަންހެނުން މަސައްކަތް ކުރުމަށް ވަޒީރު ގޮވާލެއްވިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތް ކުރާ އަންހެނުންގެ ދުވަހަކީ ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރ މަހުގެ 17 ވަނަ ދުވަހެއެވެ. މިއީ މިދުވަސް ފާހަގަކުރާތާ 4 ވަނަ އަހަރެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގައި މިވަގުތު 1300 އަށް ވުރެ ގިނަ އަންހެނުން މަސައްކަތް ކުރަމުންދެއެވެ. މިއީ މުޢައްސަސާގެ 20 އިންސައްތައަށްވުރެ ބޮޑު އަދަދެއްކަން ފުލުހުންގެ ޚިދުމަތުން ފާހަގަކުރެއެވެ.