ތިލަފުށީގައި ގާއިމުކުރާ ވޭސްޓް ޓު އެނަރޖީ ޕްލާންޓުގެ މަސައްކަތް 2028ގެ ނިޔަލަށް ނިންމައި ބޭނުން ކުރަން ފެށޭނަކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. ތިލަފުށީ ވޭސްޓު ޓު އެނަރޖީ ޕްލާންޓް ހަވާލުކޮށްފައިވަނީ، ބިލްޑް އެންޑް އޮޕަރޭޓް އުސޫލުންނެވެ.
ރާއްޖޭގެ އެކި ރަށްރަށުގައި އެކަށީގެންވާ ގޮތުގައި ކުނި މެނޭޖް ކުރެވޭނެ ނިޒާމެއް ނެތުމުގެ ސަބަބުން ވަކިވަކި ރަށްތަކުގައާއި އަތޮޅުފެންވަރުގައިވެސް މި ނިޒާމް ހަރުދަނާ ކުރުމަށްޓަކައި ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރުވެސް ކޮންމެ ރަށެއްގައި ބޭނުންވާ ސާމާނާއެކު ކުނި ކޮށިތައް ތަރައްޤީކުރުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ. ރާއްޖޭގެ 129 ރަށެއްގެ ކުނި މެނޭޖްކުރާ މަރުކަޒުތައް އަންނަ އަހަރުގެ ޖުލައިމަހުގެ ނިޔަލަށް ނިންމުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. މީގެ ތެރޭގައި އެމްޓީސީސީ، ފެނަކަ، އާރްޑީސީ އަދި ވެމްކޯއާއި ހަވާލުކޮށްފައިވާ 110 ރަށަކާއި، އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފައިވާ 19 ރަށެއް ހިމެނެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑިރެކްޓަރ ޖެނެރަލް އޮފް ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން އަޙްމަދު މުރުތަޟާ ވިދާޅުވީ އަތޮޅުތަކުގައި ކުނި މެނޭޖްކުރާ މަރުކަޒުތައް ތަރައްޤީކުރުމުގެ އިތުރުން މާލެ ސަރަޙައްދުގައިވެސް އެފަދަ މަޝްރޫޢެއް ކުރިއަށްގެންދާކަމަށެވެ. ތިލަފުށިން ވަކި ސަރަޙައްދެއް ހިއްކައިން ވޭސްޓް ޓު އެނަރޖީ ޕްލާންޓުގެ މަސައްކަތް ކުރަމުންދާކަމަށާއި މިހާރު ކުރިއަށްދަނީ ކޮންސްޓްރަކްޝަންގެ މަސައްކަތްކަމަށް މުރުތަޟާ ވިދާޅުވިއެވެ. އަދި އެ ޕްލާންޓްގެ މަސައްކަތް ނިންމައި 2028ގެ ނިޔަލަށް ޕްލާންޓް އޮޕަރޭޝަނަށް ގެނެވޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
" ރީޖަނަލްކޮށް އެ މަސައްކަތްތައް ކުރުމަށްޓަކައި މާލެ ސަރަޙައްދުގައި ތިލަފުށީގައި އެ މަސައްކަތްތައް ދަނީ ކުރަމުން. އަދި އައްޑޫ ސިޓީގައިވެސް އޭގެ ނިޒާމެއް ޤާއިމްކުރުުގެ މަަސައްކަތް ދަނީ ކުރަމުން. އުތުރުގައިވެސް އެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދޭ. ބޭރުގެ އެހީއާއެކު މަޝްރޫޢުތައް ޑިޒައިންކޮށް މަޝްރޫޢުތައް ހިންގަމުންދަނީ."ޑިރެކްޓަރ ޖެނެރަލް އޮފް ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން އަޙްމަދު މުރުތަޟާ ވިދާޅުވިއެވެ.
މި ޕްލާންޓަކީ 13 މެގަވޮޓުގެ ކަރަންޓު އުފެއްދޭ ޕްލާންޓެކެވެ. އެއީ، ދުވާލެއްގެ މައްޗަށް 500 ޓަނުގެ ކުނި އެންދުމުގެ ޤާބިލުކަން ލިބިފައިވާ ޕްލާންޓެކެވެ. މިޕްލާންޓުން ކުނި ޕްރޮސެސް ކުރުމުން އުފެދޭ އަޅިއަކީވެސް މުހިއްމު ވަޞީލަތަކަށް ހެދުމަށް ދިރާސާތަކެއް ކުރަމުންދާ ކަމަށް މީގެ ކުރިން ތިމާވެއްޓާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. ދުވާލެއްގެ މައްޗަށް 500 ޓަނުގެ ކުނި އަންދައިގެން 100 ޓަނުގެ އަޅި އުފެއްދޭއިރު އެއަޅި ޓްރީޓް ކޮށްގެން ބޭނުންކުރެވޭ ގޮތަށް ހެދުމުގެ ސަބަބުން ރާއްޖޭގައި ސިމެންތީގެ ބަދަލުގައި މި ބާވަތްތައް ބޭނުން ކުރުމަށް މަގުފަހިވާނެ ކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި ކުނި އެންދުމުގެ ސަބަބުން އުފެދޭ ނުރައްކާތެރި އަޅި ރައްކާ ކުރެވޭނެ ސަރަޙައްދެއްވެސް މުޅި ޕްލާންޓުގެ މަސައްކަތް ނިމޭއިރު ހުންނާނެއެވެ.
މިޕްލާންޓް ބޭނުންކުރަން ފަށާތާ 2 އަހަރު ތެރޭގައި ރާއްޖެއިން ޖައްވަށް ބޭރުކުރާ ކާބަންޑައިއޮކްސައިޑުގެ ތެރެއިން 40،000 މެޓްރިކް ޓަނުގެ ކާބަންޑައިއޮކްސައިޑް ބޭރުކުރުން ހުއްޓުވޭނެ ކަމަށް އެވުޒާރާއިން ވިދާޅުވިއެވެ. ހަމައެއާއެކު ގްރިޑަށް ފީޑްކުރާ 10 މެގަވޮޓާއެކު ކަރަންޓު އުފެއްދުމަށް ތެލަށް ކުރާ ހޭދަ ގާތްގަނޑަކަށް 2 މިލިޔަންވަރު މަދުކުރެވޭނެ ކަމަށްވެސް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. މިޕްލާންޓު ޤާއިމުކުރުމުގެ މަޝްރޫޢަކީ، އޭޑީބީއާއި އޭއައިއައިބީއާއި ޖަޕާނުގެ ޖޭސީއެމްއާއި ދިވެހި ސަރުކާރުން ޚަރަދު ކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
މާލޭގެ އިތުރުން އައްޑޫ ސިޓީގައިވެސްވަނީ، ކުނިން ހަކަތަ އުފެއްދުމަށް ޕްލާންޓެއް ޤާއިމްކޮށްފައެވެ. އައްޑޫގެ ޕްލާންޓް ހިންގުމަށް ބަޔަކާއި ހަވާލުކުރުމަށް ސަރުކާރުން އަންނަނީ، މަސައްކަތް ކުރަމުންނެވެ. އައްޑޫގެ ޕްލާންޓަކީ، ދުވާލަކަށް 50 ޓަނުގެ ކުނި އަންދައިގެން 1.5 މެގަވޮޓުގެ ކަރަންޓު އުފެއްދުމުގެ ޤާބިލުކަން ލިބިފައިވާ ޕްލާންޓެކެވެ.