ޔޫއެފާ ނޭޝަންސް ލީގު އޭގެ ގްރޫޕް 4 ގައި ރޭ ނޯވޭ އާއި ދެކޮޅަށް ޑެންމާކް ކުޅުނު މެޗުގައި އާލިން ހާލަންޑް ޖެހި ދެ ލަނޑާއެކު 3-2 ގެ ނަތީޖާއަކުން ނޯވޭ މޮޅުވެއްޖެއެވެ.
ނޯވޭގެ އޮސްލޯގެ އުލެވާލް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 14 ވަނަ މިނިޓުގައި ނޯވޭއިން ވަނީ ލަނޑެއް ޖަހާ ކުރި ހޯދާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ފުލަމް އަށް ކުޅެމުންދާ އޮސްކާ ބޮބް އެވެ.
އަދި އޭގެ ހަތަރު މިނިޓު ފަހުން އާލިން ހާލަންޑް ވަނީ ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފައެވެ.
ނަމަވެސް މެޗުގެ 25 ވަނަ މިނިޓުގައި ޑެންމާކްގެ މިކެލް ޑަމްސްގާޑް ވަނީ އެ ޓީމަށް ލިބުނު ހިލޭ ޖެހުމަކުން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-1 އަށް ބަދަލުކޮށްފައެވެ.
ޑެންމާކް އިން މެޗުގެ ދެވަނަ ހާފުގައި މޮޅު ކުޅުމެއް ދައްކާފައިވާ މި މެޗުގެ 60 ވަނަ މިނިޓުގައި މެންޗެސްޓަރ ޔުނައިޓެޑަށް ކުޅޭ ޑެންމާކްގެ ރަސްމުސް ހޮއިލަންޑް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.
މި މެޗުން ނޯވޭ މޮޅުވި ލަނޑު މެޗުގެ 74 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ މާޓިން އޮޑެގާޑް ދިން ޕާހަކުން ހާލަންޑްއެވެ.
ނޯވޭ އިން މި މެޗުގެ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޑޭވިޑް މޮލާ ވޮލްފް އަށް ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު މެޗުގެ އިންޖަރީ ވަގުތުގައި ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލާފައެވެ.