އެމެރިކާގެ ރިޔާސީ އިންތިޚާބު ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި އެމެރިކާގެ މަޝްހޫރު ވިޔަފާރިވެރިޔާ ޑޮނަލްޑް ޓްރަމްޕް ކާމިޔާބުކުރައްވައިފިއެވެ.
މިހާތަނަށް ގުނި ވޯޓުގެ ނަތީޖާ ދައްކާގޮތުން ޓްރަމްޕްވަނީ ޢާއްމުންގެ ވޯޓުގެ ސާޅީސް އަށެއް ޕޮއިންޓް ހަތެއް އިންސައްތަ ކާމިޔާބުކުރައްވާފައެވެ.
އެމެރިކާގެ ރިޔާސީ ނިޒާމް ހަމަޖެހިފައިވާގޮތުން ރައީސަކަށް ހޮވާފަރާތެއް ކަނޑައަޅާނީ ރައްޔިތުންދޭ ވޯޓާއި، އިލެކްޓޯރަލް ކޮލެޖް، ނުވަތަ އެމެރިކާގެ އެކި ސަރަހައްދުތަކަށް އިންތިޚާބުކޮށްފައިވާ އޮފިޝަލުންގެ ވޯޓުންނެވެ. އެމެރިކާގެ ރައީސްކަމަށް އިންތިޚާބުވުމަށްޓަކައި 270 އިލެކްޓޯރަލް ވޯޓު ބޭނުންވެއެވެ. ޓްރަމްޕް އިންތިޚާބު ކާމިޔާކުރައްވާފައި މިވަނީ ޢާއްމުންގެ ވޯޓުގެ ސާޅީސް އަށެއް ޕޮއިންޓް ހަތެއް އިންސައްތައާއި އިލެކްޓޯރަލް ވޯޓުގެ ދުއިސައްތަ އައްޑިހަ ނުވަ ވޯޓު ހޯއްދަވައިގެނެވެ.
ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވާދަކުރެއްވި ހިލަރީ ކްލިންޓަނަށް ލިބިވަޑައިގަތީ ޢާއްމުންގެ ވޯޓުގެ ސާޅީސް ހަތެއް ޕޮއިންޓް ހަތަރު އިންސަތަ އަދި އިލެކްޓޯރަލް ވޯޓުގެ ގޮތުގައި ލިބިވަޑައިގަތީ ދުއިސައްތަ އަށާރަ ވޯޓެވެ.
އެމެރިކާގައި ރިޔާސީ އިންތިޚާބު ކުރިއަށްގެންދިޔައިރު، އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެއާއި މަތިގެ ކަމަށްވާ ސެނެޓާއި، ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ މެންބަރުން ހޮވުމަށްވެސް ވޯޓުލުން ކުރިއަށްގެންގޮސްފައިވެއެވެ. މިއިންތިޚާބު ނަތީޖާ ދައްކާގޮތުން ސެނެޓްގެވެސް އަދި ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ގިނަ ގޮނޑި ކާމިޔާބުކޮށްފައިވަނީ ރިޕަބްލިކަން ޕާޓީންނެވެ.