ޚަބަރު

ސިންގަލްސް މެޗުތަކުން ރާއްޖޭގެ މުންސިފްއާ ޝައްފާންއަށް ނާކާމިޔާބީ


  • ތައިލަންޑް ކުޅުންތެރިޔާ އަތުން ޝައްފާން ބަލިވީ 4-1 އިންނެވެ

  • އިރާނު ކުޅުންތެރިޔާ އަތުން މުންސިފް ބަލިވީ 4-0 އިންނެވެ.

ޖަޕާނުގެ އައިޗީ- ނަގޯޔާގައި މިހާރު ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގެ ސިންގަލްސްގައި ރާއްޖޭގެ މޫސާ މުންސިފް އަދި އިސްމާއިލް ޝައްފާން މުހައްމަދު ކުޅުނު މެޗުތަކުން ބަލިވެއްޖެއެވެ.

މިއަދު ހެނދުނު، ޝައްފާން ނުކުތީ ތައިލަންޑްގެ ޓަންޗެރޮން ސަރަޔަތްއާ ދެކޮޅަށެވެ. މި މެޗުން ޝައްފާން ބަލިވީ 4-1 އިންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓު ޓަންޗެރޮން ކާމިޔާބުކުރީ 11-8 އިންނެވެ. އެކަމަކު ދެވަނަ ސެޓުގައި ޝައްފާން ވަނީ ފުރަތަމަ ސެޓުގައި ހެދުނު ގޯސްތައް ރަނގަޅުކޮށް 11-9 އިން ސެޓު ކާމިޔާބުކޮށްފައެވެ.

މެޗުގައި އެންމެ ވާދަވެރިކޮށް ފެނުނީ ތިންވަނަ ސެޓެވެ. މި ސެޓުގައި ޝައްފާން ވަނީ ޓަންޗެރޮންއަށް ދޫ ނުދީ ކުޅެފައެވެ. މި ސެޓު ޓަންޗެރޮން ކާމިޔާބުކުރީ 13-11 އިންނެވެ.

މެޗުގެ ފަހު ދެ ސެޓުގައި ޝައްފާންގެ ފަރާތުން ފެނިގެންދިޔައީ ދަށް ކުޅުމެކެވެ. އޭގެ ފައިދާ ނަގައި ޓަންޗެރޮން ވަނީ 11-3، 11-3 އިން ފަހު ދެ ސެޓު ގެންގޮސްފައެވެ.

މީގެ އިތުރުން މިއަދު ހެނދުނު ރާއްޖޭގެ މޫސާ މުންސިފް އަހުމަދު ނުކުތީ އިރާނުގެ އަލަމިޔާން ނައުޝާދުއާ ދެކޮޅަށެވެ. މި މެޗުން މުންސިފް ބަލިވީ ސީދާ ހަތަރު ސެޓުންނެވެ.

މެޗުގެ ސެޓުތައް ދިޔައީ 11-2، 11-7، 11-6 އަދި 11-8 އިންނެވެ.