ޔަހޫދީންގެ ޙައްދުފަހަނަޅާފައިވާ ޢަމަލުތަކުގެ ސަބަބުން ފަލަސްޠީނުގެ ރައްޔިތުންގެ ވުޖޫދަށް ނުރައްކާވެފައިވާ ކަމަށާއި، 1948 ވަނަ އަހަރުގެ "ނަކްބާ" ތަކުރާރުވިޔަ ނުދިނުމަށް ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް ގޮވާލައްވައިފިއެވެ.
އދ. ގެ ޢާންމު މަޖިލީހަށް ފޮނުއްވި ވީޑިއޯ މެސެޖެއްގައި ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް ވަނީ، ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމާއި، އަޚްލާޤީ އަދި އިންސާނިއްޔަތެއް ނެތް ޙަމަލާތަކާއި، ބަނޑަށްޖެހުމާއި، މަޖުބޫރުން ބިންތަކުން ނެރެލުމުގެ ޖަރީމާތަކުގެ ސަބަބުން ފަލަސްޠީނުގެ ތާރީޚުގައި ކުރިމަތިވި އެންމެ ނުރައްކާތެރި ދަނޑިވަޅާ ކުރިމަތިލާންޖެހިފައިވާކަމަށް އިންޒާރު ދެއްވާފިއެވެ.
ރައީސް ޢައްބާސް ވިދާޅުވި ގޮތުގައި ޔަހޫދީން އިސްތިއުމާރީ ސިޔާސަތުތަކަކީ ފަލަސްޠީނު ރައްޔިތުންގެ ދިރިއުޅުމާއި ވުޖޫދަށް އޮތް ބޮޑު ނުރައްކަލެކެވެ. އެހެންކަމުން، 1948 ވަނަ އަހަރު ފަލަސްޠީނު ރައްޔިތުން ތަޙައްމަލުކުރި "ނަކްބާ" އާއި ޤަތުލުޢާންމުތައް ތަކުރާރުވިޔަ ނުދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް އޭނާ ވަނީ އިލްތިމާސް ކުރައްވާފައެވެ.
ރައީސް ޢައްބާސް ވަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ އެއްގޮތަށް ދެ ދައުލަތުގެ ޙައްލު ތަންފީޒުކުރުމަށްޓަކައި، ފަލަސްޠީނާއި ބައިނަލްއަޤްވާމީ މުޖުތަމަޢާއެކު އެމެރިކާއިން މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ. އަދި ފަލަސްޠީނުގެ ރައްޔިތުން ބިމުން ނެރެލުމާއި، ފަލަސްޠީނުގެ ބިންތައް ޔަހޫދީންގެ ބައެއްގެ ގޮތުގައި ހަމަޖެއްސުން ހުއްޓުވުމަށް އަރަބި ގައުމުތަކަށް ވެވަޑައިގެންނެވި ވައުދުފުޅުތައް ފުއްދަވައިދެއްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އޭނާ ވަނީ ގޮވާލައްވާފައެވެ.
ފަލަސްޠީނުން ޓްރަމްޕްގެ ސުލްޙައިގެ ރޭވުމަށް މަރުޙަބާ ކީނަމަވެސް، ޢަމަލީ މައިދާނުން އެއްވެސް ކުރިއެރުމެއް ފެނިފައިނުވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ކޮންމެ އިންތިޤާލީ މަރުޙަލާއެއް ނިމެންޖެހޭނީ ޣައްޒާއާއި އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރި، އެއްތަނެއްގެ ގޮތުގައި ގުޅުވާލެވިގެންކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ޔަހޫދީން ފަލަސްޠީނަށް ހައްޤުވާ 6 ބިލިއަނަށް ވުރެ ގިނަ ޑޮލަރު ޣައިރުޤާނޫނީ ގޮތެއްގައި ހިފަހައްޓާފައިވާ މައްސަލަ ފާހަގަކުރައްވައި، އެ ފައިސާ ވަގުތުން ދޫކޮށްލުމަށް ރައީސް މަޙްމޫދު ޢައްބާސް ވަނީ ގޮވާލައްވާފައެވެ.
ހަމައެއާއެކު، އދ. ގެ ޢާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި އެމެރިކާގެ ނިއުޔޯކަށް ވަޑައިގަތުމަށް ވިސާއަށް އެދިވަޑައިގަތުމުން، އެމެރިކާ ސަރުކާރުން ވިސާ ނުދިނުމަށް ނިންމި ނިންމުން އެމަނިކުފާނު ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. ރައީސް ޢައްބާސް ވިދާޅުވީ، އދ. ގެ މައި މަރުކަޒު ޤާއިމުވެފައިވާ ޤައުމުގެ ޙައިޞިއްޔަތުން އެމެރިކާއިން އަދާކުރަންޖެހޭ ބައިނަލްއަޤްވާމީ ޒިންމާތަކާ ޚިލާފަށް ނިންމި މި ޣައިރުޤާނޫނީ ނިންމުމަކީ ފަލަސްޠީނުގެ ރައްޔިތުންނަށް ދިން ސިޔާސީ އަދަބެއް ކަމަށެވެ. އެހެންކަމުން، އެމެރިކާއިން ދައްކާ އެއްވެސް ބަހަނާއެއް ބަލައިނުގަނެވޭނެ ކަމަށް ވިދާޅުވެ، އެ ނިންމުން ވަގުތުން ބާޠިލުކޮށް އަނބުރާ ގެންދިއުމަށް އެމަނިކުފާނު ވަނީ އެމެރިކާއަށް ގޮވާލައްވާފައެވެ.