ޚަބަރު

ކެމްބްރިޖް ނަތީޖާ: ޕޭޕަރުތައް ސްކޫލްތަކަށް ފެންނާނެ އަދި ލިބުނު މާކްސް އެނގޭނެ


  • ކުދިންނަށް ލިބުނީ ކިތައް މާކްސްކަން އެނގޭނެ

  • ރީޗެކަށް ފޮނުވުމުގައި ބަލަންވީ ކަންކަންވެސް އެނގޭނެ

މިއަހަރުގެ ކެމްބްރިޖް އިމްތިހާނުގެ ނަތީޖާ އަންނައިރު ދަރިވަރުންނާއި ޓީޗަރުންނަށް ފަސޭހަވާނެ ބަދަލުތަކެއް ކެމްބްރިޖުން ގެނެސްފައިވާކަމަށް ތަޢުލީމާއި މަތީ ތައުލީމާ ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ.އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެއެވެ. މިއަހަރުގެ އޯލެވެލް އިމްތިހާނު ފަށާފައިވަނީ މިމަހުގެ 20 ވަނަ ދުވަހުގައެވެ.

އޯލެވެލް އިމްތިހާން ޕޭޕަރުތަކުން ކުދިންނަށް ލިބުނީ ކިތައް މާކްސްކަމެއް އެކުދިންނަށް އެނގޭނެ ގޮތެއް މިހާތަނަށް ނޯވެއެވެ. އެހެންނަމަވެސް އިމްތިހާނުގެ ނަތީޖާއާއި ގުޅިގެން ކުދިންގެ ކަންބޮޑުވުންތަކަށް ހައްލެއް ގެނައުމަށް އޮންނަ އުސޫލުގެ ތެރެއިން އަލުން ޕޭޕަރު މާކުކުރުމަށް ފޮނުވާ ހާލަތްތައް އާދެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ތަޢުލީމާއި ބެހޭ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢު ވިދާޅުވީ މިފަހަރުގެ ކެމްބްރިޖްގެ ނަތީޖާ އަންނައިރު ބައެއް ބަދަލުތައް ހުންނާނެކަމަށެވެ. އެގޮތުން އިމްތިހާނު ހަދާ ދަރިވަރުންނަށް ނަތީޖާ ލިބޭއިރު ސްކޫލްތަކަށް ޕޭޕަރު ފެންނާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިފަހަރު ކުދިން ޕޭޕަރު ހަދާފަ ހުރިގޮތެއް ފެންނާނެ. އާންސަރ ސްކްރިޕްޓް ޓީޗަރުންނަށް ފެނުނީމަ ރީޗެކަށް ފޮނުވާއިރުވެސް ފަސޭހަވާނެ." ވަޒީރު ވިދާޅުވިއެވެ.

މަތީ ތަޢުލީމާ ބެހޭ ވަޒީރު ވިދާޅުވީ، އެކި ސެންޓަރުތަކުން އިމްތިހާން ހަދާ ދަރިވަރުން ދޭ ޖަވާބުތައް އެނގުމަކީވެސް ސްކޫލްތަކަށް ލިބޭ މުހިއްމު މަޢުލޫމާތުތަކެއްކަމަށެވެ. އަދި އާންސަރ ސްކްރިޕްޓް ޓީޗަރުންނަށް ފެނުމުން ބޭކާރު ގޮތުގައި ރީޗެކަށް ފޮނުވުން މަދުވާނެކަމަށް ވިދާޅުވިއެވެ. މީގެއިތުރުން އަންނާނެ އަނެއް ބަދަލަކީ، މިފަހަރުގެ ނަތީޖާ ލިބޭއިރު ކުދިންނަށް ގްރޭޑުތައް ލިބެނީ ކިތައް މާކްސްއިންކަން ނުވަތަ ޔުނިފޯމް މާކްސް ފެންނަން ހުންނާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މިއަހަރުގެ އޯލެވެލް އިމްތިހާނު މިމަހުގެ 20 އިން ނޮވެންބަރު މަހުގެ 12 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެއެވެ. ތަޢުލީމާ މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިއަހަރުގެ އޯލެވެލް އައިޖީސީއެސްއީ އިމްތިޙާނުގައި 8111 ދަރިވަރުން ބައިވެރިވެފައިވާކަމަށެވެ. އަދި އެޗްއެސްސީ އިމްތިޙާނުގައި 7776 ދަރިވަރުން ބައިވެރިވިކަމަށެވެ.

މިއަހަރުގެ އިމްތިޙާނު މާލެ ސަރަޙައްދުގެ 25 ސެންޓަރެއްގައި 3222 ދަރިވަރުން އަދި އަތޮޅުތަކުގެ 242 ސެންޓަރުގައި 2869 ހަދާނެއެވެ.

އޯލެވެލް އިމްތިހާނު މިހާރު ފެށިފައިވުމާއެކު ތަޢުލީމާ ބެހޭ ވަޒީރުވަނީ ކުދިންނަށް ހާސްކަން ގެނުވާނެހެން ކުދިންނަށް ޕްރެޝަރު ނުކުރުމަށާއި، ކުދިންނަށް ރަނގަޅު ނަތީޖާއެއް އެދިގެން ގިނަގިނައިން މާތްﷲއަށް ދުޢާކުރުމަށް ވަޒީރުވަނީ އެދިވަޑައިގެންފައެވެ.