ޚަބަރު

އޭޝިއާ ޕެސިފިކް ސަރަހައްދުގެ އެކައުންޓިން ޖަމާޢަތުގެ މެންބަރަކަށް ސީއޭ މޯލްޑިވްސް


  • މެމްބަރުކަން ލިބުމަކީ އެއިދާރާއިން ހޯދަމުންދާ ކުރިއެރުންތަކަށް އިތުރުވީ ބޮޅެއް

އޭޝިއާ ޕެސިފިކް ސަރަހައްދުގެ އެކައުންޓިން ޖަމްޢިއްޔާގެ މެންބަރުކަން އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް، ސީއޭ މޯލްޑިވްސްއަށް ލިބިއްޖެއެވެ.

ސީއޭ މޯލްޑިވްސް އަކީ ދިވެހިރާއްޖޭގެ އެކައުންޓިން ދާއިރާ ރެގިއުލޭޓް ކުރާ ފަރާތެވެ. އެއިދާރާއަށް ސަރަހައްދީ ޖަމްޢިއްޔާގެ މެންބަރުކަން ލިބުމާއި ގުޅިގެން، ސީއޭ މޯލްޑިވްސްއިން ވިދާޅުވީ ކޮންފެޑެރޭޝަން އޮފް އޭޝިއަން އެންޑް ޕެސިފިކް އެކައުންޓަންޓްސް ސީއޭޕީއޭގެ މެމްބަރުކަން ލިބުމަކީ ބައިނަލްއަގުވާމީ ގޮތުން އެއިދާރާއިން ހޯދަމުންދާ އަދި ލިބިފައިވާ ކުރިއެރުންތަކަށް އިތުރުވީ ބޮޅެއް ކަމަށެވެ.

ސީއޭޕީއޭ އަކީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ސަރަހައްދީ ޖަމާޢަތުގެ ގޮތުގައި ދުނިޔޭގެ އެކައުންޓިންގެ މައި އިދާރާ އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް އެކައުންޓަންޓްސް، އައިފެކުން ކަނޑައަޅާފައިވާ ޖަމާޢަތެވެ. އެޖަމާޢަތުގެ މެންބަރުންގެތެރޭގައި އޮސްޓްރޭލިއާ، ނިއުޒިލެންޑް، ޗައިނާ، އިންޑިއާ، ޖަޕާން، ދެކުނު ކޮރެއާ އަދި ކެނަޑާ ފަދަ ގައުމުތަކުގެ އެކައުންޓަންސީ އިދާރާތައް ހިމެނެއެވެ.

ދުނިޔޭގެ 143 އަށްވުރެ ގިނަ ގައުމުގެ 188 ޕްރޮފެޝަނަލް އެކައުންޓަންސީ އިދާރާތަކުގެ މައްޗަށް އެކުލެވޭ ދުނިޔޭގެ އެކައުންޓަންސީގެ މައި އިދާރާ އައިފެކްގެ މެންބަރެއްގެ ހައިސިއްޔަތުން އެ އިދާރާގައި ރާއްޖެ ތަމްސީލު ކުރަނީ ސީއޭ މޯލްޑިވްސްއިންނެވެ. ސީއޭ މޯލްޑިވްސްއަކީ އޭޝިއަން-އޯޝެނިއަން ސްޓޭންޑަރޑް ސެޓަރސް ގުރޫޕު، އޭއޯއެސްއެސްޖީ އާއި ސައުތު އޭޝިއަން ފެޑެރޭޝަން އޮފް އެކައުންޓަންޓްސް، ސަފާ ގެވެސް މެންބަރެކެވެ. އަދި ވަކިވަކި ގައުމުތަކުގެ އެކައުންޓަންސީ އިދާރާތަކާއެކު އެއްބަސްވުންތަކުގެ ތެރެއިން އިތުރު ޕާޓްނަޝިޕްތައްވެސް ސީއޭ މޯލްޑިވްސްއިން ހަދާފައިވާކަން އެއިދާރާއިން ފާހަގަކުރެއެވެ.

މިފަދަ ބައިނަލްއަގްވާމީ ޕާޓްނަރޝިޕްތަކުގެ ސަބަބުން ސީއޭ މޯލްޑިވްސް ބައިނަލްއަޤްވާމީ ގޮތުން ބަލައިގަތުން އިތުރުވެގެންދާ ކަމަށް އެއިދާރާއިން ވިދާޅުވިއެވެ. އަދި ރާއްޖޭގެ އެކައުންޓަންސީ އަދި އޮޑިޓިންގ ދާއިރާ ތަރައްޤީކުރުމަށާއި އިތުރު ފުރުސަތުތައް މިކަންކަމާއެކު ފަހިވެގެންދާ ކަމަށް ވިދާޅުވިއެވެ.