ޚަބަރު

ހަނގުރާމަ އިންޑިއާ ކަނޑަށް ފުޅާވެދާނެކަމުގެ އިންޒާރު އީރާނުން ދީފި


އެމެރިކާއިން އިތުރު ހަމަލާއެއް ދީފިނަމަ، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމަ އިންޑިއާ ކަނޑާ ހަމައަށް ފުޅާވެދާނެކަމުގެ އިންޒާރު، އީރާނުގެ ރޫހީ ވެރިޔާ ލީޑަރު މުޖްތަބާ ޚާމަނާޢީގެ މުޝީރަކު ދެއްވައިފިއެވެ.

އީރާނުގެ ފާރސް ނޫހުން އާންމުކުރި ވީޑިއޯއެއްގައި، އީރާނުގެ އެންމެ އިސް ލީޑަރުގެ މުޝީރު ޔަޙްޔާ ރަޙީމް ސަފަވީ ވިދާޅުވީ، ފާރިސީ ކަނޑުއޮޅިއާއި ހުރްމުޒް ކަނޑުއޮޅިން ފެށިގެން ރަތްކަނޑާ ހަމައަށް މިހާރުވެސް ހަނގުރާމަ ފެތުރިފައިވާ ކަމަށެވެ. އަދި އެމެރިކާއިން އިތުރު ހަމަލާއެއް ދީފިނަމަ، އޭގެ ރައްދުގައި ކުރިމަތިލުންތައް އިންޑިއާ ކަނޑަށާއި އެއަށްވުރެ ދުރަށްވެސް ފުޅާވެގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ އީރާނާ ގާތްގަނޑަކަށް 4،000 ކިލޯމީޓަރު ދުރުގައި އޮންނަ، އަދި އެމެރިކާއާއި އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒެއް ޤާއިމުކޮށްފައިވާ ފޯޅަވަހި ހިމެނޭ އިންޑިއާ ކަނޑުގެ ނަން، އީރާނުގެ ސަރުކާރުގެ އިސް ބޭފުޅަކު މިހާ ފާޅުކޮށް ފާހަގަކުރެއްވި ފުރަތަމަ ފަހަރެވެ. މީގެ ކުރިންވެސް އީރާނުގެ މަސްޢޫލުވެރިން ވަނީ ހަމަލާތައް އަލުން ފަށައިފިނަމަ ހަނގުރާމައިގެ ދާއިރާ ފުޅާކުރާނެ ކަމުގެ އިންޒާރު ދެއްވައިފައެވެ.

މެދުއިރުމަތީގެ މަސްރަޙު މިހާރު އޮތްގޮތަށް ބަލާއިރު، ސަޢުދީ ޢަރަބިއްޔާގެ އެހީތެރިކަން ލިބޭ ސަރުކާރުގެ ބާރުތަކާ ދެކޮޅަށް ހަނގުރާމަކުރާ ޔަމަނުގެ ޙޫޘީން ވަނީ، ދާދިފަހުން ރަތްކަނޑުގެ ސަރަޙައްދުތަކުގެ ބާރު ހޯދައި، ސުއޭޒް ކެނަލް މެދުވެރިކޮށް އޭޝިއާއާއި ވިލާތުގެ ބައްރު ގުޅުވައިދޭ މުހިންމު މަގެއް ކަމަށްވާ ބާބުލް މަންދަބު ކަނޑުއޮޅީގެ މައްޗަށް އޮތް ކޮންޓްރޯލް ވަރުގަދަކޮށްފައެވެ.

އީރާނުން ޙޫޘީންނަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދޭ ކަމަށް އަޑުފެތުރިފައިވީ ނަމަވެސް، އީރާނުން އަބަދުވެސް ބުނަމުންދަނީ ޔަމަނުގެ ދާޚިލީ ހަނގުރާމައިގައި އެއްވެސް ބައިވެރިވުމެއް ނެތް ކަމަށެވެ.

މިދިޔަ ފެބްރުއަރީ މަހު އެމެރިކާއާއި ޔަހޫދީން ގުޅިގެން އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމައާ ގުޅިގެން، އީރާނުން ވަނީ އޭގެ ރައްދުގައި ދުނިޔޭގެ ތެލާއި ގޭހުގެ ބޮޑު ބައެއް އުފުލާ މުހިންމު މަގެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައެވެ. މިހާރުވެސް އީރާނާއި އެމެރިކާއިން ދަނީ މި ކަނޑުއޮޅީގެ ބާރު ހޯދުމަށް ވަރުގަދަ އަސްކަރީ ކުރިމަތިލުންތައް ބަދަލުކުރަމުންނެވެ.

މި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ބާރުއެޅުމުގެ ގޮތުން، މި ހަފްތާގައި އެމެރިކާގެ ނިއުޔޯކްގައި ކުރިއަށްދާ އދގެ އާންމު މަޖިލީހުގެ ހަވާސާގައި ދެޤައުމުގެ އިސް މަންދޫބުންގެ މެދުގައި ވަނީ މަޝްވަރާތަކެއް ބާއްވާފައެވެ.

މި މަޝްވަރާތަކުގައި ހަނގުރާމަ ނިންމުމަށްޓަކައި އީރާނުން ވަނީ ޝަރުތުތަކެއް ހުށަހަޅައިފައެވެ. އޭގެ ތެރޭގައި އެޤައުމުގެ އިޤްތިޞާދަށް އަމާޒުކޮށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި، ބޭރު ޤައުމުތަކުގައި ހިފަހައްޓާފައިވާ އެޤައުމުގެ ހަރުމުދަލާއި ފައިސާ އެއްވެސް ޝަރުތަކާ ނުލައި ދޫކޮށްލުން ހިމެނެއެވެ.