ޚަބަރު

ޒިމިންގެ ހެޓްރިކުން ރާއްޖޭގެ މައްޗަށް ޗައިނާ ކުރިހޯދައިފި


  • ޗައިނާއިން މެޗު ކާމިޔާބުކުރީ 3-0 އިން

  • ރާއްޖެއިން ދެން ނުކުންނާނީ ކިރިގިސްތާނާއި ލެބަނަންއާ ދެކޮޅަށް

ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗުގައި ރާއްޖޭގެ މައްޗަށް ޗައިނާއިން 3-0 ގެ ނަތީޖާއަކުން ކުރިހޯދައިފިއެވެ.

މި މެޗަށް ރާއްޖޭން ނުކުތީ އަނިޔާއާ އެނޫންވެސް ސަބަބުތަކާހުރެ ގިނަ ކުޅުންތެރިންތަކެއް ސްކޮޑުގައި ނުހިމަނައެވެ. އޭގެ ތެރޭގައި ޒުވާން ތަރި މުހައްމަދު އިލާން އިމްރާން އާއި އީތަން އިބްރާހީމް ޒަކީވެސް ހިމެނެއެވެ.

މުޅި މެޗު ކަހަލަ ގޮތަކަށް ޗައިނާއިން ކޮންޓްރޯލްކޮށްގެން ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ރާއްޖޭގެ ކެޕްޓަން ސަމޫހް އަލީ، ހަސަން އީނާޒް އަދި އަމްދާން އަލީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ކީޕަރު ހުސެއިން ޝަރީފް ވަނީ މުހިންމު ސޭވްތަކެއް ކޮށްފައެވެ. އެއާއެކު މެޗުގެ ފުރަތަމަ ހާފު ނިންމާލީ ލަނޑެއް ނުޖެހިއެވެ.

ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނިޓްގައި ޗައިނާގެ ވަންގް ޒިމިންގް ވަނީ ގޯލު ޖަހައި ޗައިނާއަށް ލީޑު ނަގައިދީފައެވެ. މިއީ ރާއްޖޭގެ ޑިފެންޑަރު އަމްދާން އަލީ ކައިރިން ކައްޓާލުމަށްފަހު ގޯލުގެ ހަނި ކަނަށް ބޯޅަ އަމާޒުކޮށްލައިގެން ވަންގް ޒިމިންގް ކާމިޔާބުކުރި ލަނޑެކެވެ.

ޗައިނާއިން މެޗުގެ ލީޑު ފުޅާކުރީ މެޗުގެ 56 ވަނަ މިނިޓްގައި ވަންގް ޒިމިންގް ޖެހި ގޯލުންނެވެ. މިއީ ޗައިނާގެ ޗެން ޕޫ ނަގައިދިން ހުރަހެއް މުޅިން ހުހަށްހުރެ ގޯލުގެ ހަނި އޭންގަލަށް އަމާޒުކޮށްލައިގެން ޒިމިންގް ކާމިޔާބުކުރި ލަނޑެކެވެ. އަދި މެޗުގެ 63 ވަނަ މިނިޓްގައި ޒިމިންގް ވަނީ އިތުރު ގޯލެއް ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ.

މި ލަނޑަށްފަހުވެސް ޗައިނާއިން ވަނީ ގޯލު ޖަހަން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެކަމަކު ޗައިނާއިން ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ރާއްޖޭގެ ކީޕަރު ހުސެއިންއެވެ.

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެއިން މި ފަހަރުގެ ފީފާ އިންޓަނޭޝަނަލް ބްރޭކްގައި ތިން މެޗެއް ކުޅޭނެއެވެ. މި މެޗަށްފަހު ރާއްޖޭގެ ޓީމު ދަތުރުކުރާނީ ކިރިގިސްތާނަށެވެ. އަދި މި މަހުގެ 28 ވަނަ ދުވަހު އެގައުމާ ދެކޮޅަށް ރާއްޖެއިން ނުކުންނައިރު، އަންނަ މަހުގެ އެއްވަނަ ދުވަހު ރާއްޖެއިން ކިރިގިސްތާނުގައި ނުކުންނާނީ ލެބަނަންއާ ދެކޮޅަށެވެ.