ޚަބަރު

ހަފުތާ ބަންދުގައި އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސް


  • އުތުރާއި މެދުރާއްޖެތެރެއަށް ބޯކޮށް ވާރޭވެހޭނެކަމަށް ވަނީ ލަފާކޮށްފައި

  • ކަނޑު ގަދަވާނެކަމަށްވެސް ލަފާކުރެވޭ

  • މިހާރު ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ

ކުރިއަށްއޮތް ހަފުތާ ބަންދުގައި އުތުރާއި މެދުރާއްޖެތެރޭގެ ރަށްރަށަށް މޫސުން ގޯސްވާނެކަމަށާއި ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް މިދުވަސްވަރު ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ހަފުތާ ބަންދުގައި އުތުރާއި މެދުރާއްޖެތެރޭގެ ރަށްރަށަށް ބޯކޮށްވާރޭވެހުން އެކަށީގެންވާކަމަށެވެ. އަދި ދެކުނުގެ ރަށްރަށަށްވެސް ވިއްސާރައިގެ އަސަރުކުރާނެކަމަށް ވަނީ ލަފާކޮށްފައެވެ.

ރާއްޖޭގެ ކަނޑުތައްވެސް ގަދަވާނެކަމަށާއި ވިލާގަނޑުގައި އިތުރަށް ގަދަވުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. ހަފުތާ ބަންދުގެ އިތުރުން ކުރިއަށް އޮތް ހަފުތާގައިވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާކުރުން އެކަށީގެންވާކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ކުރިއަށްއޮތް 24 ގަޑިއިރަށް ރާއްޖޭގެ މޫސުން ލަފާކުރާގޮތަށް ބަލާއިރު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވެއެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.

އެހެންކަމުން އެންމެހާ ފަރާތްތަކުން ވަކިން ޚާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމާބެހޭ އެންމެފަހުގެ މަޢުލޫމާތުތައް ހޯއްދަވައިގެން ދަތުރުކުރެއްވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިރުޝާދު ދެއްވާފައެވެ.