1946 ވަނަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހު އުފަންވެވަޑައިގެންނެވި ޑޮނަލްޑް ޖޯން ޓްރަމްޕަކީ ހޮލީވުޑްގެ ފިލްމް ތަކާ ޓީވީ ޝޯތައް ބައްލަވާ ފަރާތްތަކަށް އާމޫނެއް ނޫނެވެ. ނަމަވެސް އޭނާ ބޮޑަށް މަޝްހޫރު ވެވަޑައިގެންފައިވަނީ އޭނާގެ ވިޔަފާރީގެ ސަބަބުންނެވެ. މުޅި ދުނިޔެއަށް މިހާރު މަޝްހޫރުވެފައިވާ ޓްރަމްޕް އޯގަނައިޒޭޝަންގެ ހިންގުމުގެ ހުރިހާ ޒިންމާއެއް އަދާ ކުރައްވަމުން ގެންދަވަނީ ޓްރަމްޕްއެވެ. ދަތި އަދި ނާކާމިޔާބު އަހަރުތަކެއް މީގެ ކުރިން ކަޑައްތު ކުރި ނަމަވެސް ޓްރަމްޕް އޯގަނައިޒޭޝަނަކީ މިހާރު ދުނިޔޭގެ ކާމިޔާބު މަލްޓި ބިލިއަން ކުންފުނިތަކުގެ ތެރޭގައި ގުނާލެވޭ ކުންފުންޏެކެވެ.
ޔުނިވަސިޓީ އޮފް ޕެންސިލްވޭނިއާ އިން އިކޮނޮމިކްސްގެ ދާއިރާ އިން ކިޔަވާ ވިދާޅުވި ޑޮނަލްޑް ޓްރަމްޕް 1980 ގެ ފަހު ކޮޅާ ޖެހެންދެން އުޅުއްވީ ޑިމޮކްރެޓިކް ޕާޓީގައެވެ. ނަމަވެސް އޭގެ ފަހުން އޭނާގެ ވިސްނުންފުޅު ބަދަލު ކުރައްވާ އޭނާ ވަނީ ރިޕަބްލިކަން ޕާޓީއާ ގުޅިވަޑައިގެންފައެވެ. ސިޔާސީ ގިނަ ކަންކަމުގައި ފާޑު ވިދާޅުވާ ޓްރަމްޕް އަކީ މީގެ ކުރިން ދުވަހަކު ވެސް އިންތިޚާބެއްގައި ވާދަކުރައްވާ އިންތިޚާބެއް ކާމިޔާބު ކުރެއްވި ބޭފުޅެއް ނޫނެވެ. އެހެންކަމުން ޓްރަމްޕް ރިޕަބްލިކަން ޕާޓީގެ ޕްރައިމެރީގައި ވާދަކުރައްވަން ނިންމެވުމުން ގިނަ ބަޔަކަށް ލިބުނީ ޝޮކެއް އަދި ގިނަ ބަޔަކު އެކަން މާ ސީރިއަސް ކަމެއްގެ ގޮތުގައި ނަގާފައެއް ވެސް ނުވެއެވެ.
ނަމަވެސް ޓްރަމްޕް ވަނީ ރިޕަބްލިކަން ޕާޓީގެ ޕްރައިމެރީގައި ވާދަކޮށް ގިނަ ރެކޯޑް ތަކެއް ހައްދަވާފައެވެ. އެގޮތުން އޭނާ ޕްރައިމެރީ ކާމިޔާބު ކުރެއްވީ އޭނާއާ ވާދަ ކުރެއްވި 16 ކެންޑިޑޭޓުން ބަލިކުރައްވާފައެވެ. މިއީ މިހާ ގިނަ އަދަދެއްގެ ކެނޑިޑޭޓުން އެޕާޓީގެ ޕްރައިމެރީގައި ވާދަކުރެއްވި ފުރަތަމަ ފަހަރެވެ. އަދި ރިޕަބްލިކަން ޕާޓީގެ ތާރީޚުގައި ވެސް އެންމެ ގިނަ ވޯޓް ހޯއްދަވާ ޕްރައިމެރީއެއް ކާމިޔާބު ކުރެއްވީ ޓްރަމްޕެވެ.
img:http://s2.psmnews.mv/images/660x400/14786754742260.jpg|އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި ޑޮނާލްޑް ޓްރަމްޕް
ޕްރައިމެރީ ކާމިޔާބު ކުރައްވާ ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ޓިކެޓް ހޯއްދެވި ނަމަވެސް ޓްރަމްޕްގެ ކެމްޕޭން ވެފައިވަނީ ވަރަށް ތަފާތު އަދި އެހާމެ ޝައުޤުވެރި ކެމްޕޭނަކަށެވެ. ޚާއްސަކޮށް އޭނަގެ ސިޔާސަތުތަކާ ގެންގުޅުއްވާ ހަރުކަށި ގޮތްތަކުގެ ސަބަބުން އޭނާއަށް ވަނީ ގިނަ ބަޔެއްގެ ފާޑު ކިޔުން އަމާޒުވެފައެވެ. އަދި އަމިއްލަ ޕާޓީގެ ބައެއް އިސް ބޭފުޅުން ވެސް ވަނީ ޓްރަމްޕަށް ތާއީދު ނުކުރައްވާނެކަމަށް ވިދާޅުވެފައެވެ.
އެހެންކަމުން އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ވޯޓް ގުނަމުން ދިޔަ އިރު ވެސް ގިނަ ބަޔަކަށް ޤަބޫލު ކުރެވިފައިވަނީ އިންތިޚާބު ކާމިޔާބު ކުރައްވާނީ ޓްރަމްޕާ ވާދަކުރެއްވި ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓް ހިލަރީ ކްލިންޓަން ކަމަށެވެ. އިންތިޚާބުގެ ކުރިން ނެގި ހުރިހާ ހިޔާލު ހޯދުމުގެ ވޯޓުތަކުން ދެއްކި ގޮތުގައި ވެސް އިންތިޚާބު ކާމިޔާބު ކުރައްވާނީ ހިލަރީ ކްލިންޓަންއެވެ. ނަމަވެސް އިންތިޚާބުގެ ވޯޓްލުން ނިމި، ވޯޓް ގުނަމުން ދިޔަ ވަރަކަށް އެންމެންނަށް ވެސް ލިބުނީ ވަރަށް ބޮޑު ހައިރާން ކަމެކެވެ. ކުރިން ހީކުރެވުނު ގޮތާ ހިލާފަށް، ހޯއްދަވަން ޖެހޭ 270 އިލެކްޓޯރަލް ވޯޓް ހޯއްދަވާ އިންތިޚާބު ކާމިޔާބު ކުރެއްވީ ޑޮނަލްޑް ޓްރަމްޕެވެ. އެއާއެކު އެންމެން ވެސް މިހާރު ބުނަމުން ދަނީ މިއީ އެމެރިކާގެ ރިޔާސީ ހަޔާތުގައި އެޤައުމަށް ލިބުނު އެންމެ ހައިރާން ކުރުވަނިވި އިންތިޚާބީ ނަތީޖާކަމަށެވެ.