ޚަބަރު

"ސުޕްރީމް ކޯޓުން މަސައްކަތް ކުރަނީ ހުރިހާ ކޯޓަކަށް ޝާމިލް ހައްލުތައް ގެނެސްދިނުމަށް"


  • މެޖިސްޓްރޭޓް ކޯޓުތަކުގެ ދާޚިލީ އިޖުރާޢަތުގެ ޤަވާޢިދު މިހާރު ވަނީ އެކުލަވާލާފައި

  • ކޯޓުތަކަށް ދިމާވެފައިވާ ކަންބޮޑުވުންތައް އަޑު އަހާ އިދާރާތަކާއެކު މަސައްކަތް ކުރެވޭ

ސުޕްރީމް ކޯޓުން މިހާރު މަސައްކަތް ކުރަމުންދަނީ ހުރިހާ ކޯޓެއްވެސް ޝާމިލްވާނެ ފަދަ ހައްލުތަކެއް ގެނައުމަށް ކަމަށް އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ވިދާޅުވެއްޖެއެވެ. އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުގެ 18 ވަަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ސުޕްރީމް ކޯޓުގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ވަނީ އެކޯޓުގެ މަސައްކަތްތައް މިހާރު ބައްޓަން ކުރަމުންދާ ގޮތަށް އަލިއަޅުއްވާލައްވާފައެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެކޯޓުގެ މަސައްކަތް ވަޒަން ކުރަންޖެހެނީ އަދުލު އިންސާފު ޤާއިމް ކުރުމުގެ އެންމެ މަތީ މަސްލަހަތު ޤާނޫނުން ހަވާލުކުރެވިފައިވާ ފަރާތުގެ ހައިސިއްޔަތުން ތިން ބާރުގެ ތެރެއިން އެއް ބާރުގެ އާރުކާޓީގެ ގޮތުގައި ކަމަށެވެ. އަދި މިވޭތުވެ ދިޔަ އަހަރު ކޯޓުން މަސައްކަތްކޮށްފައިވާނީ މިވިސްނުމުގައި ކަމަށް ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު ވަނީ ކޯޓުން ކޮށްފައިވާ މުހިންމު ބައެއް މަސައްކަތްތައް އަލިއަޅުއްވާލައްވާފައެވެ. ސުޕްރީމް ކޯޓު ހިމެނޭހެން 194 ޝަރުޢީ ކޯޓު ރާއްޖެގައި ހިންގަމުންދާ ކަމަށާއި، މި ކޯޓުތަކުގެ ދާޚިލީ އިޖުރާޢާތްތައް އެއްގޮތް ކުރުމުގެ މަސައްކަތަކީ ކޯޓުތަކުގެ އިސްނެގުމަށް ކުރެވުނު މުހިންމު މަސައްކަތެއް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. އަދި މި ޤަވާއިދު އެކުލަވާލުމުގައި ސުޕްރީމް ކޯޓުން އަދާ ކޮށްފައިވާ ދައުރުން ސާބިތުކޮށްދެނީ ކޯޓުތަކުގެ ކަންބޮޑުވުން އަޑު އެހުމުގައި ސުޕްރީމް ކޯޓު އަދާ ކުރާ ދައުރު ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

"މި ޤަވާއިދަށް މަސައްކަތް ކުރަން ފެށުމުން ފަންނީ މުވައްޒަފުންގެ ދަތިކަމަށާއި ހިންގުމުގެ ނިޒާމުގައި ހުރި އިދިކީލަ ކަންކަމަށް ފަރުވާއެއް ލިބޭނެ. 1 އޮކްޓޯބަރ 2026 އަކީ މި ޤަވާއިދަށް ޢަމަލުކުރަން ފަށާނެ ތާރީޚު. އެ ތާރީޚަކީ ދިވެހިރާއްޖޭގެ ހުރިހާ މެޖިސްޓްރޭޓް ކޯޓެއްގެ ޤަވާއިދުތައް އެއް ޤަވާއިދަކުން އޮލަމް ކުރެވިގެންދާނެ ތާރީޚު. މިއީ އަޅުގަނޑުމެން މިދަންނަވާ ޝާމިލް ވިސްނުމުގައި މަސައްކަތް ކުރުމުގެ ނަތީޖާ." އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރުގެ ވާހަކައިގައި، ފާއިތުވި އަހަރު ތެރޭގައި ޝަރުޢީ ދާއިރާގެ މާލީ މިނިވަންކަން ލިބުމާއެކު ގިނަ ކަންކަން ކުރުމަށް ރޭވިގެން ދިޔަ ކަމަށް ވިދާޅުވިއެވެ. އަދި މިވޭތުވެ ދިޔަ އަހަރުގެ ތެރޭގައި އެމަގަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ކޯޓުތަކަށް އިދާރީ ގޮތުންނާއި ނިޒާމީ ގޮތުން ދިމާވާ މައްސަލަތައް ހައްލުކުރުމަށް ޖޭއެސްސީ އާއި ޑީޖޭއޭ ހިމެނޭހެން އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ އައު އިދާރީ އޮނިގަނޑު ފާސްކޮށްފައިވާކަން ފާހަގަކުރައްވަމުން އުއްތަމަ ފަނޑިޔާރު ވަނީ ކޯޓަށް ބޭނުންވާ ފަންނީ މުވައްޒަފުން ނެގުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް ވިދާޅުވެފައެވެ. މިމަސައްކަތް ކުރިއަށްދާއިރު ކޯޓުގައި މިހާރު މަސައްކަތް ކުރައްވާ ޤާބިލް މުވައްޒަފުންނަށް އިތުރު ފުރުސުތުތައް ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އެކޯޓު އުފެދުނީއްސުރެ މަސައްކަތް ކުރަމުން އަންނަ ދެ މުވައްޒަފެއްގެ މަސައްކަތް އަގުވަޒަންކޮށްފައިވެއެވެ. އެއީ ކޯޓުގެ އެޑްމިނިސްޓްރޭޝަން އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ޝަމީމާ މުހައްމަދު އާއި ލީގަލް އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން އަންނަ އަހުމަދު އަބްދުﷲ އެވެ. މީގެ އިތުރުން ކޯޓަށް ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވާފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް ހަނދާނީ ފިލާ އާއި ލިޔުން ވަނީ ހަވާލުކުރައްވާފައެވެ. އެފަރާތްތަކަށް ހަނދާނީ ފިލާ އާއި ލިއުން ހަވާލުކޮށްދެއްވީ އުއްތަމަ ފަނޑިޔާރުއެވެ. އެގޮތުން 10 އަހަރަށް ވުރެ ގިނަ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ 3 މުވައްޒަފަކާއި 15 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވާފައިވާ 2 މުވައްޒަފެއްގެ އަގުވަޒަންކޮށްފައިވެއެވެ.

މިރަސްމިއްޔާތުގައި ސުޕްރީމް ކޯޓުގެ އައު ވެބްސައިޓު އުއްތަމަ ފަނޑިޔާރުވަނީ އިފްތިތާޙްކޮށްދެއްވާފައެވެ. އައު ވެބްސައިޓާއެކު އެ ކޯޓަށް މައްސަލަތައް އޮންލައިންކޮށް ހުށަހެޅުމުގެ ފުރުސަތު ވަނީ ފަހިވެގެން ގޮސްފައެވެ. އަދި ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ އަދާހަމަ ބެލުމުގެ އިތުރުން، މައްސަލައެއް ޤަޟިއްޔާއަކަށް ވުމަށްފަހު ދެން ހިންގަމުންދާ މަރުހަލާގެ އަދާހަމަތައްވެސް ފަސޭހަކަމާއެކު ބަލާލެވޭނެއެވެ. މީގެ އިތުރުން އިނގިރޭސި ބަހާއި ދިވެހި ބަހުން ކޯޓުގެ ތަފާސް ހިސާބާއި މައުލޫމާތު ލިބޭނެ ކަމަށް ސުޕްރީމް ކޯޓުން ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު އެކުލަވާލެވިފައިވަނީ 2008 ވަނަ އަހަރު އައު ޤާނޫނު އަސާސީ ތަސްދީޤު ވުމާއެކުއެވެ. ސުޕްރީމް ކޯޓު އުފައްދާފައިވަނީ 18 ސެޕްޓެންބަރ 2008 ވަނަ އަހަރުއެވެ.