ޚަބަރު

ދެވި ޕްރިމިއަރކުރުން މާދަމާ: ފުރަތަމަ ފަހަރަށް އައްޒަގެ ޑަބަލް ރޯލް


  • ފިލްމުގެ ޓްރެއިލާއިން ލޯބީގެ ގުޅުންތަކެއްގެ ތެރެއިން ބިރުވެރި ހާދިސާތަކެއް ދައްކުވައިދޭ

  • މިއީ ސޭންޑީ ޑައިރެކްޓްކޮށް، އައްޒަ ޕްރޮޑިއުސްކުރާ ފުރަތަމަ ފިލްމު

ގިނަ ބަޔަކު އިންތިޒާރުކުރަމުން އައި ފިލްމު "ދެވި" މާދަމާ ޕްރިމިއާކުރުމަށް ހަމަޖެހިފައިވާއިރު މި ފިލްމަށް އާންމުންގެ ފަރާތުން މިހާރުވެސް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. ޔާރާ ޕްރޮޑަކްޝަންގެ 4ވަނަ ފިލްމު "ދެވި"އަކީ މީގެ އަހަރެއްހާ ދުވަސްކުރިން ފެށި މަސައްކަތެކެވެ.

އައްޒަގެ ޑަބަލް ރޯލް ފެނިގެންދާ މި ފިލްމުގެ ޓްރެއިލާއިން ލޯބީގެ ގުޅުންތަކެއްގެ ތެރެއިން ބިރުވެރި ހާދިސާތަކެއް ދައްކުވައިދެއެވެ. އައްޒަގެ ތަފާތު އެކްޓިންއެއް ޓްރެއިލާއިން ފެންނައިރު، ފިލްމުގައި ހިމެނޭ މައިގަނޑު އެހެން ތަރިންގެ ހުނަރުވެރިކަންވެސް ފުރިހަމައަށް ދައްކުވައިދެއެވެ.

ދެވީގެ ވާހަކައިގައި އައްޒަގެ އާއިލާއަށް ދިމާވާ ރޫޙާނީ ނުރައްކާތެރި ކަންތައްތަކަކުން ސަލާމަތްވުމަށް ކުރާ މަސައްކަތްތަކެއް ދައްކުވައިދީފައިވެއެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ ހުސައިން ހާޒިމް (ސޭންޑީ)އެވެ. އަދި ފިލްމުގެ ސްކްރީންޕްލޭ ތައްޔާރުކޮށްފައިވަނީ ސޭންޑީ އާއި ޝަހުދާއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ފިލްމުގެ ޕްރޮޑިއުސާ އަދި ލީޑް އެކްޓްރެސް މަރްޔަމް އައްޒަ ބުނީ، މިއީ ޔާރާ ޕްރޮޑަކްޝަނުން ތައްޔާރުކުރާ 4 ވަނަ ފިލްމުކަމަށެވެ. އަދި މިއީ މިހާތަނަށް ޓެކްނިކަލީ ފިލްމެއްގައި ކުރެވޭ އެންމެ ބޮޑު މަސައްކަތްކަމަށެވެ.

"ދެވި" ތައްޔާރުކޮށްފައިވަނީ ލޯތްބާއި ރޫހާނީ ހާދިސާތަކެއް ކިޔައިދޭ ވާހަކައެއްގެ މައްޗަށެވެ. މި ފިލްމުގެ މައިގަނޑު ރޯލްތަކުން ރާއްޖޭގެ ފިލްމީ ދާއިރާގެ އެންމެ ފުންނާބުއުސް ތަރިން ފެނިގެންދާނެއެވެ.

ފިލްމީ ތަރި އައްޒަގެ ޑަބަލް ރޯލް މި ފިލްމުން ފެނިގެންދާއިރު، ކޮޕީ އިއްސެ، ޝަރަފް، ސަޢީދު، މަނިކު ފަދަ ކުޅަދާނަ މޮޅު ތަރިން މި ފިލްމުން ފެނިގެންދާނެއެވެ.

ދެވި ފިލްމުގެ ޓިކެޓް މިހާރު އޮލިމްޕަހުގެ ކައުންޓަރުންނާއި، އޮންލައިންކޮށް ވެސް ދަނީ ވިކެމުންނެވެ. އޮންލައިންކޮށް ޓިކެޓް ވިއްކަން ފެށުމާއެކު، ސިނަމާ ކައިރީގައި ދިގު ކިއުތަކުގައި ނުޖެހި، ބެލުންތެރިން ބޭނުންވާ ދުވަހެއްގެ އަދި ބޭނުންވާ ޝޯވއެއްގެ ޓިކެޓް އަވަހަށް ހޯދުމުގެ ފުރުޞަތު ފަހިވެފައިވާކަން ދެވިގެ ޕްރޮޑަކްޝަން ޓީމުން ފާހަގަކުރައްވައެވެ. މާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފިލްމު އެޅުވުމަށް އައިލެންޑް ސިނަމާއިން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

ރާއްޖެއާއި ރާއްޖޭން ބޭރުގައި މަންޒަރުތައް ނަގާފައިވާ ދެވި ފިލްމު ތައްޔާރުކުރާ ޔާރާ ޕްރޮޑަކްޝަން ހައުސްއަކީ، މީގެކުރިންވެސް ވަރަށް ރީތި ފިލްމުތަކެއް ގެނެސްދީފައިވާ ޕްރޮޑަކްޝަން ހައުސްއެކެވެ. ޔާރާ ޕްރޮޑަކްޝަން އިން މީގެކުރިން ތައްޔާރުކޮށްފައިވާ "ހުކުރު ވިލޭރޭ'، "ފަނާ" އަދި "އިޝްގު" ފަދަ ފިލްމުތަކަކީ އާންމުންގެ ބޮޑު ތަރުޙީބެއް ލިބިފައިވާ ފިލްމުތަކެވެ.