ޚަބަރު

ތިލަމާލެ ބުރިޖު: މާލެއިން ވިލިމާލެއަށް ކުރިއަށްދަނީ ފިނިޝިން މަސައްކަތްތައް


  • އޮގަސްޓުމަހު ވަނީ ބުރިޖު މާލެއިން ވިލިމާލެއަށް ގުޅާލާ ނިންމާލާފައި

  • މާލެއިން ވިލިމާލެއަށް އެއީ 2.05 ކިލޯމީޓަރު

  • ޑިވައިޑަރު ޖެހުމާއި ތާރުގެ ކުރިން ކުރާ މަސައްކަތްތައް މިހާރުދަނީ ކުރަމުން

ތިލަމާލެ ބުރިޖުގެ މަޝްރޫޢުއަށް މި ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ބޮޑު ކުރިއެރުމެއް ވަނީ ހޯދާފައެވެ. މަޝްރޫޢުގެ ހަތަރުބައިކުޅަ ތިން ބައިގެ މަސައްކަތް މުޅިން ނިންމިފައިވާއިރު، މިހާރު ކުރަމުންދަނީ މާލެއިން ވިލިމާލެއަށް ގުޅާލާ ބައިގެ ފިނިޝިން މަސައްކަތްތަކެވެ.

މި މަޝްރޫޢުގައި އޮގަސްޓްމަހުގެ ފަހު ހަފުތާގައި، މާލެއިން ވިލިމާލެއަށް ބުރިޖު މުޅިން ގުޅާލާ ބޮޑު ކުރިއެރުމެއް ވަނީ ހާސިލްކޮށްފައެވެ. މުޅި މަޝްރޫޢުގައި 6.7 ކިލޯމީޓަރު ތަރައްޤީކުރާއިރު، މާލެއިން ވިލިމާލެއަށް އެއީ 2.05 ކިލޯމީޓަރުގެ ދިގުމިނެވެ.

ތިލަމާލެ ބުރިޖު މަޝްރޫޢުގެ ދަށުން މާލެއާއި ވިލިމާލެ ގުޅާލާ ސެގްމެންޓުގައި މިހާރު ކުރިއަށްދަނީ ފިނިޝިން މަސައްކަތްތަކެވެ. މިގޮތުން ބުރިޖުން ދޮކޮޅަށް ދުއްވާ ލޭންތައް ވަކިކުރުމަށް ޖަހާ މީޑިއަން ބެރިއަރގެ މަސައްކަތާއި، ތާރު އެޅުމުގެ ކުރިން ޑެކްގައި ކުރަންޖެހޭ އެކިއެކި މަސައްކަތްތައް ދަނީ ކުރަމުންނެވެ.

މީގެއިތުރުން ރެއިލިން ހަރުކުރުމާއި މަގު ބައްތި އަދި ސީސީޓީ ހަރުކުރުމަށް ވާންޖެހޭ ތައްޔާރީތައްވެސް ކުރިއަށްދާކަމަށް ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ތިލަމާލެ ބުރިޖު ވެގެންދަނީ ސަރަޙައްދީ ތަރައްޤީއާއި އަދި މުޅި ރާއްޖޭގައިވެސް ފާހަގަކޮށްލެވޭފަދަ އުމްރާނީ ތަރައްޤީގެ ބޮޑު މަޝްރޫޢަކަށެވެ. މި މަޝްރޫޢުގައި ސަރުކާރު ހަވާލުވިއިރު ނިންމާފައިވަނީ %27 މަސައްކަތެވެ.

ރައްޔިތުންނަށް ފައިދާވާގޮތަށް ކުރީގެ ސަރުކާރުތަކުގައި ފަށާފައިވާ އެއްވެސް މަޝްރޫޢުއެއް ހުއްޓާނުލާ، މަސައްކަތްތައް ގެންދާނެކަމުގެ ޔަޤީންކަން ސަރުކާރުން ދެއެވެ.

މިސަރުކާރު ވެރިކަމާ ހަވާލުވިއިރު، ތިލަމާލެ ބުރިޖުގެ މަސައްކަތަށް އޮތީ ވަރަށް ބޮޑު މަޑުޖެހުމެއް އައިސްފައެވެ. ނަމަވެސް ސަރުކާރުން ވަނީ އެ މަސައްކަތުގެ ކޮންޓްރެކްޓަރ އަދި އިންޑިއާ ސަރުކާރާއެކު އިތުރަށް މަޝްވަރާތައް ކުރިއަށްގެންގޮސް މަސައްކަތުގެ ދުވެލި އަވަސްކޮށްފައެވެ. ނަތީޖާއެއްގެގޮތުން ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި މަސައްކަތުގެ ސްޕީޑް އަވަސްކޮށް، މަޝްރޫޢު ނިންމުމުގެ މަސައްކަތަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ސަރުކާރުގެ މިހާރުގެ ޢަމާޒަކީ އަންނަ އަހަރުގެ ނިޔަލަށް މި މަޝްރޫޢުގެ މަސައްކަތް ނިންމާލުމެވެ. ވިލިމާލެއިން ގުޅިފަޅަށް އަދި ގުޅިފަޅުން ތިލަފުއްޓަށް ގުޅާލުމާ ގުޅޭ މަސައްކަތްތައްވެސް ބާރު ދުވެލީގައި ދަނީ ނިންމަމުންނެވެ.

މީގެއިތުރުން މި ރަށްތަށް ހުރަސްކޮށް ހަދާ ހައިވޭތަކުގެ މަސައްކަތްވެސް އެކުއެކީގައި ދަނީ ކުރަމުންނެވެ.

މި މަޝްރޫޢުއަކީ އިންޑިއާގެ ލައިން އޮފް ކްރެޑިޓް އަދި ދިވެހި ސަރުކާރުން ކުރިއަށްގެންދާ 500 މިލިޔަން ޑޮލަރުގެ މަޝްރޫޢެކެވެ.