ޚަބަރު

ވިލުންތެރި މުސްތަޤްބަލަކަށް ގުޅުން ހަރުދަނާކުރުމަށް ރާއްޖެއިން ގޮވާލައިފި


  • ތަރައްޤީގެ ދާއިރާއިން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ގޮވާލެއްވި

  • ގްލޯބަލް ޑިވެލޮޕްމަންޓް އިނިޝިއޭޓިވްއަށް ރާއްޖެއިން ތާޢީދުކުރޭ

ޞިއްޙަތާއި ތަރައްޤީގެ ދާއިރާއިން އިތުރަށް ހަރުދަނާ، އަދި ވިލުންތެރި މުސްތަޤުބަލެއް ބިނާކުރުމަށްޓަކައި ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން މިހާރަށްވުރެ ވަރުގަދަކުރުމަށް ދިވެހިރާއްޖެއިން ގޮވާލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އެފަދައިން ގޮވާލެއްވީ، އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަނުގެ ހަވާސާގައި، ޗައިނާ ސަރުކާރުން އިންތިޒާމުކޮށްގެން ބޭއްވި "ގްލޯބަލް ޑިވެލޮޕްމަންޓް އިނިޝިއޭޓިވް" ގެ މަތީ ފަންތީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޗައިނާ ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ "ގްލޯބަލް ޑިވެލޮޕްމަންޓް އިނިޝިއޭޓިވް" (ޖީ.ޑީ.އައި) އަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާއީދުކުރާކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ މެދުގައި އޮންނަ ބައިވެރިވުން ވަރުގަދަކޮށް، އެންމެންގެ ބައިވެރިވުން ހިމެނޭ، ހަރުދަނާ އަދި ދެމެހެއްޓެނިވި މުސްތަޤުބަލެއް ބިނާކުރުމަށް އެ މަނިކުފާނު ގޮވަލެއްވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ޖީ.ޑީ.އައި ކުރިއެރުވުމަށް ޗައިނާއިން ކުރަމުންދާ މެދުކެނޑުމެއް ނެތް މަސައްކަތްތައް ފާހަގަކުރައްވާ ނައިބު ރައީސް އެކަމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ކުރިމަތިވެފައިވާ ތަރައްޤީގެ ދާއިމީ ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިވެދޭ މިފަދަ އިސްނެގުންތަކުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ޒަމާންވީ ތަރައްޤީގެ ބައިވެރިވުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ރާއްޖޭގެ ޤައުމީ ތަރައްޤީއަށް އެ ގުޅުމުގެ ސަބަބުން ލިބެމުންދާ ކުރިއެރުންތައް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

ދުނިޔެއަށް ކުރިމަތިވެފައިވާ ތަރައްޤީގެ ގޮންޖެހުންތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ދެމެހެއްޓެނިވި ގޮތެއްގައި އަދާނުކުރެވޭ ދަރަނީގެ ސަބަބުން، ޤައުމުތަކުގެ ކުރިއެރުމަށް ކުރަންޖެހޭ އިންވެސްޓްމަންޓްތަކަށް ހުރަސްއެޅޭކަމަށްވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން، ވަކިން ޚާއްސަކޮށް ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް (ސިޑްސް) ކުރިމަތިވެފައިވާ ނުރައްކާތަކަށް އަލިއަޅުއްވާލައްވައި، ކޮޕް31 ބައްދަލުވުމަކީ މޫސުމީ ވައުދުތައް ފުއްދައި، އެކަންކަން އަމަލީ މަސައްކަތަށް ބަދަލުކޮށްދޭ ބައްދަލުވުމަކަށް ވާންޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ދެމެހެއްޓެނިވި ތަރައްޤީ ހޯދުމުގައި ސައިންސާއި، ޓެކްނޮލޮޖީ އަދި އާޓިފިޝަލް އިންޓެލިޖެންސް ފަދަ އީޖާދީ ވަސީލަތްތަކުގެ ދައުރު ފާހަގަކުރައްވަމުން، ޤާބިލުކަން އިތުރުކުރުމާއި، ޓެކްނޮލޮޖީ ބަދަލުކުރުމާއި، އަދި އިލްމާއި ހުނަރު ހިއްސާކުރުމުގައި ބައިނަލްއަޤުވާމީ އެއްބާރުލުން މިހާރަށްވުރެ އިތުރުކުރުމަށް ތާއީދުކުރައްވާކަން ހާމަކުރެއްވިއެވެ.

އެ މަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވަމުން، ތަރައްޤީގެ ދާއިރާއިން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި، އެންމެންގެ ބައިވެރިވުން ހިމެނޭ، ހަރުދަނާ އަދި ދެމެހެއްޓެނިވި މުސްތަޤުބަލެއް ބިނާކުރުމަށްޓަކައި ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ މެދުގައި އޮންނަ އެއްބައިވަންތަކަން އިތުރުކުރުމަށް ނައިބު ރައީސް ގޮވާލެއްވިއެވެ.